27 Jan 2015, 12:41
މިހާރު އޮސްޓްރޭލިއާގައި ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި 2-0 ގެ ނަތީޖާއަކުން އިރާގުގެ މައްޗަށް ކުރި ހޯދައި، ދެކުނު ކޮރެއާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
އިއްޔެ ކުޅުނު އެ މެޗު ރަނގަޅު ފޯމެއްގައި ފެށި ކޮރެއާ ވަނީ މެޗުގެ ފުރަތަމަ ވަގުތު ކޮޅުގައިވެސް އިރާގުގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށް މެޗުގައި ކޮރެއާއަށް ފުރަތަމަ ފަހަރަށް ލީޑު ހޯދަދިނީ މެޗުގެ 20 ވަނަ މިނެޓުގައި އެ ޓީމްގެ ފޯވާޑް ލީ ޖިއޮންޖިއޮޕް އެވެ.
މެޗުގެ ފުރަތަމަ ހާފް ކޮރެއާ ޑޮމިނޭޓް ކުރިއިރު، އެ މެޗުގައި އިރާގަށް ހަމަޖެހިލެވުނީ ފުރަތަމަ ހާފްގެ އެންމެ ފަހު ވަގުތު ކޮޅު އެވެ. އެ ހާފްގެ ފަހު ހަ މިނެޓުގެ ތެރޭގައި އިރާގްގެ ފުރަތަމަ ނުރައްކާތެރި ހަމަލާ އެ ޓީމްގެ އަހުމަދު ޔާސީން ކޮރެއާގެ ގޯލަށް ފޮނުވާލިއިރު، އެ ޝޮޓު ވަނީ ގޯލަށް އަމާޒުވާގޮތް ނުވެފައެވެ. އަދި އެ ހާފް ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އިރާގުގެ ކަލާފް ފޮނުވާލި ހަމަލާގެ ހުރަހަކަށް ވީ ކޮރެއާގެ ކީޕަރު ކިމް ޖިން ހިޔޮން އެވެ.
މެޗުގެ ދެވަނަ ހާފްވެސް ވަރުގަދަ ކުޅުމަކާ އެކު ފެށީ ކޮރެއާ އެވެ. އަދި ދެވަނަ ހާފްގެ ފަސްވަނަ މިނެޓުގައި، އެ ޓީމްގެ ޑިފެންޑަރު ގްވޮން ކާމިޔާބު ކުރި ލަނޑާއެކު، ކޮރެއާ ވަނީ މެޗުގައި އިތުރަށް ލީޑު ފުޅާ ކޮށްލާފައެވެ. ދެ ލަނޑުގެ ލީޑަކާ އެކުވެސް ކުރިއަށް ޖެހިލައި އިރާގުގެ ގޯލަށް ކޮރެއާ ނުރައްކާ ކޮށްފައި ވާއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައިރު އެ ޓީމަށްވެސް ވަނީ އިތުރު ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، ކޮރެއާ މުބާރާތުގެ ގްރޫޕް ސްޓޭޖު ނިންމާލީ ނުވަ ޕޮއިންޓާއެކު ގްރޫޕް 'އޭ'ގެ އެއްވަނަ މަގާމް ހާސިލް ކޮށްގެނެވެ. އަދި ކުއާޓާ ފައިނަލްގައި ގްރޫޕް 'ބީ'ގެ ދެވަނަ ޓީމް އުޒްބަކިސްތާނާ ބައްދަލުކޮށް، މުބާރާތުގެ ސެމީން އެ ޓީމް ޖާގަ ހޯދީ މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގައި ބައިކޮޅަށް އެންމެ ލަނޑެއްވެސް ވަނަ ނުދީ އެވެ.
މުބާރާތުގެ ދެވަނަ ސެމީގައި މިއަދު ބައްދަލުކުރަން ހަމަޖެހިފައި ވަނީ އަމިއްލަ ގައުމުގައި މުބާރާތް ކުޅެމުންދާ އޮސްޓްރޭލިއާ އާއި ޔުނައިޓަޑް އަރަބް އެމިރޭޓްސް އެވެ.