މަޝްހޫރު ސޯޝަލް މީޑިއާ ފޭސްބުކް އާއި އެ ކުންފުނިން ހިންގާ ފޮޓޯ ހިއްސާކުރާ ވެބްސައިޓް އިންސްޓަގްރާމްއަށް މައްސަލައެއް ޖެހި ބޭނުން ނުކުރެވޭތާ ދޮޅުގަޑިއިރެއްހާއިރު ވުމަށް ފަހު އެމައްސަލަ ހައްލުވެއްޖެ އެވެ.

މައްސަލަ ދިމާވި ވަގުތު ފޭސްބުކް ބޭނުން ކުރަން އުޅުނު މީހުންނަށް ބައެއް ގައުމްތަކުގައި ލިބުނު މެސެޖްގައި އޮތީ އެ އެވެބްސައިޓް ޑައުން ވެފައިވާ ކަމަށާއި އެކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާ ފޭސްބުކް އަކީ ވަކި ވަކި ފަރުދުންގެ އިތުރުން އެކި ކުންފުނިތަކާއި ގައުމުތަކުގެ ދައުލަތުގެ އިދާރާތަކާއި ނިއުސް އެޖެންސީ ތަކުން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން އަންނަ ވެބްސައިޓެކެވެ.

ފޭސްބުކް ޑައުން ވުމާ ގުޅިގެން ސޯޝަލް މީޑިއާ ޓްވިޓާގައި އުފައްދާފައިވާ ފޭސްބުކްޑައުން ހޭޝްޓެގް މިހާރު ވަނީ ދުނިޔޭގެ ހުރިހައި ހިސާބެއްގައި ވެސް އެންމެ ޓްރެންޑިން ހޭޝްޓެގަށެވެ. އަދި އޭގެ އިތުރުން "ތިންގްސް އައި ޑިޑް ވެން ފޭސްބުކް ވޯޒް ޑައުން" ވެސް ވެފައި ވަނީ ޓްރެންޑިން ހޭޝްޓެގަކަށެވެ.