27 Jan 2015, 12:07
މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގެ ފައިނަލް މެޗުގައި، މެޗު ކޮމިޝަނަރުކަން ކުރުމަށް ރާއްޖޭގެ ތަޖުރިބާކާރު މެޗު ކޮމިޝަނަރު އަހުމަދު ޝާހިރު ހަމަޖައްސައިފިއެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް ދުނިޔޭގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ އޭޝިއަން ކަޕްގެ ފައިނަލް މެޗުގައި ދިއްވެއްސަކު މެޗު ކޮމިޝަނަރުކަން ކުރާ ފުރަތަމަ ފަހަރެވެ. އޭޝިއަން ކަޕަކީ މުޅި އޭޝިއާ ބައްރުގެ ފުޓްބޯޅަ ޗެންޕިއަން ހޮވާ މުބާރާތެވެ. އަދި އެ މުބާރާތުގެ ޗެންޕިއަން ޓީމަކީ ފީފާއިން ކުރިއަށް ގެންދާ ބައްރުތަކުގެ ކޮންފެޑަރޭޝަންސް ކަޕަށް އޮޓަމެޓިކުން ކޮލިފައިވާ ޓީމެކެވެ.
އޭޝިއަން ކަޕްގެ ފައިނަލް މެޗުގައި މެޗު ކޮމިޝަނަރުކަން ކުރުމުގެ ފުރުސަތު ލިބުމުން ޝާހިރު ބުނީ އެއީ އޭނާއަށް ލިބިގެން ދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށާއި، އޭގެ އިތުރުން އެއީ ރާއްޖޭގެ ފުޓްބޯޅައަށްވެސް ލިބިގެން ދިޔަ ވަރަށް ރީތި ނަމެއް ކަމަށެވެ. އަދި އެ މުބާރާތުގެ ފައިނަލް މެޗަކީ އޭނާ މިހާތަނަށް މެޗު ކޮމިޝަނަރުކަން ކުރާ އެންމެ ބޮޑު މެޗަށް ވާނެ ކަމަށްވެސް ޝާހިރު ބުންޏެވެ.
ފައިނަލް މެޗުގެ އިތުރުން، މިފަހަރުގެ އޭޝިއަން ކަޕްގައި ޝާހިރު ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތަކާއި ކުއާޓާ ފައިނަލްގެ މެޗުތަކުގެ އިތުރުން، ސެމީފައިނަލްގައި އިއްޔެ އިރާގާއި ދެކުނު ކޮރެއާ ބައްދަލު ކުރި މެޗުގައިވެސް މެޗު ކޮމިޝަނަރުކަން ކޮށްފައެވެ.
އޭގެ އިތުރުން އޭޝިއަން ފުޓްބޯލް ކޮންފެޑަރޭޝަނުން ބާއްވާ އެންމެ ބޮޑު ދެ ކްލަބް މުބާރާތް ކަމަށްވާ އޭއެފްސީ ޗެންޕިއަންސް ލީގާއި އޭއެފްސީ ކަޕްގައިވެސް ޝާހިރު ވަނީ މީގެ ކުރިން މެޗު ކޮމިޝަނަރުކަން ކޮށްފައެވެ. އަދި މުޅި ދުނިޔޭގައިވެސް ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ވޯލްޑް ކަޕަށް ކޮލިފައި ވާން ކުޅޭ ކޮލިފިކޭޝަން މެޗުތަކުގައިވެސް މެޗު ކޮމިޝަނަރުކަން ކޮށްފައިވާ ޝާހިރަކީ، މީގެ ކުރިން ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އިސް މަގާމްތައް އަދާ ކުރުމުގެ އިތުރުން، ރާއްޖޭގެ ގައުމީ ޓީމްގެ މެނޭޖަރުކަންވެސް ކޮށްފައިވާ ފަރާތެކެވެ.
އޮސްޓްރޭލިއާގައި ކުރިއަށް ގެންދާ 2015 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި އިއްޔެ ކުޅުނު ފުރަތަމަ ސެމީ ފައިނަލް މެޗު ކާމިޔާބުކޮށް، ދެކުނު ކޮރެއާ މިހާރު ވަނީ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައެވެ. އަދި އެ މުބާރާތުގެ ދެވަނަ ސެމީގައި މިއަދު ބައްދަލުކުރަން ހަމަޖެހިފައި ވަނީ އޮސްޓްރޭލިއާ އާއި ޔުނައިޓަޑް އަރަބް އެމިރޭޓްސް އެވެ.