27 Jan 2015, 11:48
ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ބަންދު އަމުރުގެ މައްސަލަތަކުގެ ޝަރީއަތުގެ މަޖިލީސް އަޑު އަހަން، އާއްމުކޮށް ނުވަދެވޭ ގޮތަށް ނިންމައިފި އެވެ.
ހައިކޯޓުން ބުނީ މާދަމާ އިން ފެށިގެން އެ ނިންމުމަށް އެ ކޯޓުން އަމަލުކުރާނެ ކަމަށެވެ.
އެގޮތަށް ނިންމިކަމުގައި ވިޔަސް މަރުގެ މައްސަލަތަކާއި މާރާމާރީ ހިންގުމާއި މަސްތުވާތަކެއްޗާއި އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގުޅޭ ބާވަތުގެ ބަންދު އަމުރުގެ މައްސަލަތައް ފިޔަވައި އެހެނިހެން މައްސަލަތަކުގައި ހާލަތުތަކަށް ރިއާޔަތްކުރުމަށް ފަހު އެފަދަ މައްސަލަތައް ބައްލަވާ ބެންޗުން މައްސަލައިގެ އަޑުއެހުމަށް މީހުން ވެއްދުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށް ހައިކޯޓުން ބުންޏެވެ.
އެގޮތުން އަޑުއަހަން ވަންނަ މީހަކީ މައްސަލައިގެ ހެއްކަކަށްވެދާނެ ފަދަ މީހަކު ކަމުގައިނުވާ، މައްސަލައިގައި ހިމެނޭ ފަރާތުގެ ގާތް ތިމާގެ މީހުންނަށް ޝަރީއަތް އަޑު އެހުމަށް ވަދެވިދާނެ ކަމަށް ހައިކޯޓުން ބުންޏެވެ.
ގާނޫނު އަސާސީގެ 42 ވަނަ މާއްދާގެ (ނ) އަދި ކޯޓުތަކާ ބެހޭ ގާނޫނުގެ 71 ވަނަ މާއްދާގެ (ށ)ގެ ދަށުން ޝަރީއަތުގެ މަޖިލީސް އެއްކޮށް، ނުވަތަ ޝަރީއަތުގެ މަޖިލީހުން ބައެއް އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންދިޔުމުގެ އިޚްތިޔާރު ފަނޑިޔާރުންނަށް ލިބިގެންވެ އެވެ.