ޖިންސުގެ ތަފާތުކުރުންތައް ނައްތާލައި، ދެ ޖިންސުގެ ހަމަހަމަކަން ދެމެހެއްޓުމުގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑައިން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓްތައް ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިއަދު އެ މިނިސްޓްރީން ފަށައިފި އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދާ އެ ތަމްރީނު ޕްރޮގްރާމުގައި އެކި ފޯކަލް ޕޮއިންޓްތަކުން ޖުމްލަ 30 ބައިވެރިން ވަނީ ބައިވެރިވެފަ އެވެ. ފޯކަލް ޕޮއިންޓްތަށް ޓްރެއިން ކުރުމަށް މިއަދު ފެށި ތަމްރީނު ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތުކުރުންތައް ނައްތާލުމަށް އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި ޖިންސުގެ ތަފާތު ކުރުންތައް ނައްތާލުމަށް ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތް ކުރުމަށް ބަންޑާރަ ނައިބު ވަނީ ގޮވާލައްވާފަ އެވެ.

ޖެންޑާ މިނިސްޓްރީން ނަސަންދުރާ ޕެލެސްހޮޓެލްގައި މިއަދު ކުރިއަށް ގެންދާ އެ ތަމްރީނު ޕްރޮގްރާމުގައި، ތަމްރީނު ދެއްވާ ޓްރެއިނިންގް ކޮންސަލްޓެންޓް ކަމްލާ ބާސިމް ވިދާޅުވީ މިއަދުގެ ސަރުކާރުން އަންހެނުން ބާރުވެރި ކުރުވުމަށް ކުރަމުންދާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަަށާއި، މީގެ ކުރީ އަހަރުތަކާ އަޅާބަލާއިރު ޖިންސުގެ ތަފާތުކުރުން ރާއްޖޭގައި ވަރަށް ބޮޑުތަން ކުޑަވެފައިވާ ކަމަށެވެ.

ޖިންސީ ހަމަހަމަކަން ދެމެހެއްޓުމަށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓްތަށް ތަމްރީނު ކުރުމަށް މިއަދު ފެށި ތަމްރީނު ޕްރޮގްރާމުގައި ސަރުކާރުގެ ގިނަ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ބައިވެރި ވެފައެވެ. އަދި ހުރިހާ ފަރާތްތަކަކީ ވެސް ފޯކަލް ޕޮއިންޓްތަށް ކަމަށް ޖެންޑާ މިނިސްޓްރީން ވަނީ ބުނެފަ އެވެ.