27 Jan 2015, 10:47
ޕީޕަލްސް ކަޕްގައި މިރޭ ޕީޑީއާރްއެމްއާ ދެކޮޅަށް ސިންގަޕޯ ލަޔަންސް ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން، ވޭތުވެ ދިޔަ 15 އަހަރުގެ ތެރޭ ރާއްޖޭގެ ފުޓްބޯޅައަށް ބޮޑެތި ތަރައްގީތަކެއް އައިސްފައިވާ ކަމަށް ލަޔަންސްގެ ކޯޗް ފާންދީ އަހުމަދު ބުނެފި އެވެ.
ފާންދީ ބުނީ ރާއްޖޭގައި ފުޓްބޯޅަ ކުޅެން ގިނަ ފަރާތްތަކަކުން ޝައުގު ވެރިވާކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ރާއްޖޭގައި ފުޓްބޯޅައިގެ ފެންވަރު ރަނގަޅު ކުރަން އަދިވެސް ޖާގަ އޮތް ކަމަށާއި، ފުޓްބޯޅައިގެ ދާއިރާ އިން ރާއްޖެ އަށް ގިނަ ކާމިޔާބިތަކެއް ހޯދޭނެ ކަމަށް ގަބޫލް ކުރާކަމަށް ފާންދީ ބުންޏެވެ.
"ވޭތުވެ ދިޔަ 15 އަހަރުތެރޭ ރާއްޖޭގެ ފުޓްބޯޅަ ވަރަށް ބޮޑަށް ތަރައްގީ ވެއްޖެކަން ފާހަގަ ކުރެވޭ. މި ކުޅިވަރަކީ ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ކުޅޭހިތްވާ ކުޅިވަރެއްކަން ފާހަގަ ކުރެވޭ. މި ދާއިރާ އިން އަދި އިތުރަށް ތަރައްގީ ވާންވެސް ރާއްޖޭގައި ޖާގަ އެބޮތް. އޭގެ ތެރޭގައި ރަނގަޅު ޓްރެއިނިންގް ތަކެއް ހިންގުމުގެ އިތުރުން ކުޅުންތެރިންގެ ކެއުމަށް ވެސް ބަލަން ޖެހޭ. މަތީ ފަންތީގެ ފުޓްބޯޅަ ކުޅެން ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި އެހާ ބުންވަރު ނުހުންނަކަން ފާހަގަ ކުރެވޭ. ނަމަވެސް ރާއްޖެއަށް ފުޓްބޯޅައިގެ ދާއިރާއިން ވަރަށް ދުރަށް ދެވިދާނެ،" ފާންދީ ބުންޏެވެ.
ފާންދީ ބުނީ ރާއްޖޭގައި ބޭއްވިގެން މިދިޔަ ޕީޕަލްސް ކަޕަކީ ވަރަށް ރަނގަޅު މުބާރާތެއް ކަމަށާއި މުބާރާތުގައި ވާދަވެރި މެޗުތަކެއް ކުޅެލަން ލިބިގެން ދިޔަ ކަމަށެވެ. އަދި އޭގެ އިތުރުން މުބާރާތުގައި ބައިވެރިވާން ދިން ދައުވަތަށް ރާއްޖޭގެ އެފްއޭގެ އިތުރުން ރާއްޖޭގެ އެންމެނަށްވެސް ޝުކުރު އަދާކުރާ ކަމަށް ފާންދީ ބުންޏެވެ.
މިރޭގެ މެޗުގެ ނަތީޖާއާ އެކު ލަޔަންސް މިޙާރު މުބާރާތުން ކަޓާފައިވާ އިރު، މިރޭ އެ ޓީމް ކުޅެފައި ވަނީ މުބާރާތުގައި އެ ޓީމުގެ އެންމެ ފަހު މެޗެވެ. މިރޭގެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ފާންދީ ބުނީ މެޗުގެ ނަތީޖާއާ މެދު ދެރަވާ ކަމަށާއި، މެޗުގައި ރަނގަޅަށް ކުޅެފައި ވަނީ ލަޔަންސް ކަމަށެވެ.
"މި މެޗުން ބަލިވުން އަސްލު ހައްގެއް ނޫން. މެޗުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ވަރަށް ރަނގަޅު ކުޅުމެއް. ފުރަތަމަ ހާފްގައި ޕީޑީއާރްއެމްއަށް އުފެއްދިފައި ވަނީ އެންމެ ހަމަލާއެއް. އަދި ދެވަނަ ހާފްގައި ކުޅުންތެރިއަކު މަދުން ކުޅުނު އިރުވެސް، ލަޔަންސް ވަނީ ރަނގަޅު ފައިޓެއް ދީފަ،" ފާންދީ ބުންޏެވެ.
ފާންދީ ބުނީ މި މުބާރާތައް އެ ޓީމް ރާއްޖެ އައިސްފައި ވަނީ ޓީމްގެ ބައެއް ކުޅުންތެރިން ނުލާ ކަމަށް ވުމުން، ކުޅުންތެރިން މަދު ވުމުގެ ސަބަބުން ޓީމަށް ކޮންމެވެސް ވަރެއްގެ ފިޓްނަސް މައްސަލަތަކެއް ދިމާވެފައި ވާކަމަށެވެ. ނަމަވެސް މި މުބާރާތުގައި މެޗަކަށް ފަހު މެޗެއްގައި ކުޅުންތެރިންގެ ޕާފޯމެންސް ރަނގަޅު ވެފައި ވާކަމަށާއި ކުޅުންތެރިންގެ ސްޕީޑާއި ފެންވަރުގެ އިތުރުން ފިޓްނަސްވެސް ރަނގަޅުވަމުން އައިސްފައި ވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
މިރޭގެ މެޗުގައި ފެނިގެން ދިޔަ ޕެނަލްޓީ އާމެދު ސުވާލުކުރުމުން ފާންދީ ބުނީ އަޝްފާގަށް ކުރި އެ ފައުލްގައި އޭނާ ޑައިވް ކުރިކަމަށް އޭނާއަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އަޝްފާގަކީ ވަރަށް ވިސްނުން ތޫނު ކުޅުންތެރިއެއްކަން ފާހަގަކޮށް، ފާންދީ ވަނީ މެޗުގައި ރެފްރީކަން ކުރި ފަރާތުގެ މައްސަލައެއް ނެތް ކަމަށާއި، ރެފްރީކަން ކުރި ގޮތާމެދު ހިންހަމަ ޖެހޭކަމަށް ބުނެފަ އެވެ.