ޗައިނީސް އެމްބަސީ އިން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) އަށް 17،134 އެމެރިކާ ޑޮލަރު (264،206 ރުފިޔާ) ހަދިޔާކޮށްފި އެވެ.

އޯޓިޒަމް އެސޯސިއޭޝަން އަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހިރިޔާ ސްކޫލުގައި ބޭއްވި ޖަލްސާގައި އެ އެމްބަސީގެ ފަރާތުން ފައިސާގެ އެހީ ހަވާލުކޮށްދެއްވާފައި ވަނީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ފޫ ކަންގް އެވެ.

އޯޓިޒަމް އެސޯސިއޭޝަން އަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހިރިޔާ ސްކޫލުގައި ބޭއްވި ޖަލްސާ ތެރެއިން-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

މީގެ ކުރިން ވެސް އެ ޖަމިއްޔާ އަށް އެކި ގޮތްގޮތުން އެހީތެރިވަމުން އަންނަ ޗައިނާ އެމްބަސީ އިން މި އަހަރު އެމްއޭއޭގައި ހިންގާ ހުރިހާ ހަރަކާތްތަކަށް އެހީ ފޯރުކޮށްދޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.

ރޭގެ ޖަލްސާގައި ކަންގް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެހީއަށް ބޭނުންވާ ވަގުތު ޗައިނާ އިން އެހީ ފޯރުކޮށްދޭން ތައްޔާރަށް ތިއްބެވި ކަމަށެވެ. އަދި ދިވެހިންނަށް އަމާޒުކޮށް ވިދާޅުވީ ދަތި ހާލަތުގައި އަޚުންނާއި ތިބި އުހުތުން މަތިން ހަނދާން ނުނެތޭނެ ކަމަށެވެ.

އެމްބަސީ އިން ވެދެމުން އަންނަ އެހީތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ އެސޯސިއޭޝަންގެ ދަރިވަރުންތަކެއްގެ ވަނީ އެމެބެސެޑަރަށް ކުރެހުމެއް ހަދިޔާކޮށްފަ އެވެ.
އޯޓިޒަމް އެސޯސިއޭޝަން އަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހިރިޔާ ސްކޫލުގައި ބޭއްވި ޖަލްސާ ތެރެއިން-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ރޭގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވެސް ވަނީ މިއަންނަ މަސް ނިމުގެ ކުރިން ޓޫރިޒަމް އިންޑަސްޓްރީގެ ފަރާތުން 200،000 އެމެރިކާ ޑޮލަރު ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އޭގެ އިތުރުން ވެސް ގިނަ ފަރާތްތަކަކުންނާއި ކުންފުނިތަކުން އެމްއޭއޭ އަށް ގިނަ ގޮތްގޮތުން އެހީތެރިވަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. އެގޮތުން އެ ފަރާތްތަކުގެ އެހީގެ އަގު ވަޒަން ކުރުމުގެ ގޮތުން އެމްއޭއޭ އިން ވަނީ ހަނދާނީ ފިލާ ހަވާލުކޮށްފަ އެވެ.

އެ ޖަލްސާގައި އެމްއޭއޭގެ އައު ސްލޯގަން ދައްކާލާފައިވެ އެވެ. އެ ސްލޯގަންގައި ބުނަނީ "ޔެސް ވީ ކޭން" އެވެ.