27 Jan 2015, 10:30
ސޯޝަލް މީޑިއާގައި ލީކްވެފައިވާ ފޮޓޯޓަކުން ފެންނަ ގޮތުން ޗެކްރިޕަބްލިކްގެ ޓޫރިސްޓުންތަކެއް ވަނީ ސަފާރީއެއްގައި ދަތުރުކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހިމާޔަތް ކޮށްފައިވާ އެތައް މިޔަރެއް ބާނާފަ އެވެ. އަދި އެމިޔަރުތަކާ އެކު އެމީހުން ފޮޓޯނަގައި އެ ފޮޓޯތައް ވަނީ ފޭސްބުކަށް އަޕްލޯޑްކޮށްފަ އެވެ. އެއާ އެކު ތިމާވެށި ހިމާޔަތް ކުރަން މަސައްކަތް ކުރާ އެތައް ބައެއްގެ ފާޑުކިޔުމަކާއި ކަންބޮޑުވުންތަކެއް ވަނީ އެފޮޓޯތަކަށް އަމާޒު ވެފަ އެވެ.
ރާއްޖެ އަށް އައިސް މަސްވެރިކަން ކުރަން އުޅުނު ޓޫރިސްޓުންތަކެއް މިޔަރުތަކެއް ބާނަމައި އެފޮޓޯތައް ސޯޝަލް މީޑިއާއަށް ލުމުން އެކަން މައްސަލައަކަށްވެ އެންވައިރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު "ސަން" އަށް ވިދާޅުވީ އެ ޓޫރިސްޓުން ބާނާފައިވާ ތަކެއްޗަކީ ރާއްޖޭގެ ސަރަހައްދުން ބޭނުން މަނާތަކެތި ކަމަށާއި އެމަސައްލަ ބަލަމުން އަންނަ ކަމަށެވެ. މައްސަލަ ބެލުމަށް ފަހު އެފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ނައީމް ވިދާޅުވި އެވެ.
"އެ އެއްޗެތި ބޭނިއްޖިއްޔާ ޖެހޭނީ އަވަހަށް ދޫކޮށްލަން، ދޫކޮށްލުމުގެ މާނައަކީ އެއޮޑިއަށް ނަގާ އެއަށްކުރާނެ ކަމެއްކޮށް އެތައް އިރަކު ބާއްވައި އެ ކިހިލި ޖަހައި އެ އުރާ އެހުރިހާ ކަމެއް ކުރުމެއް ނޫން. އޮޑިޔަށް ނުނަގާ އޭތި ދޫކޮށްލަން ޖެހޭ،" ނައީމް ވިދާޅުވި އެވެ.
އަތޮޅު ތެރޭގެ އެތެރެވަރިޔާއި ފަރާއި ފަޅާއި ހާތަކުގެ އިތުރުން ގިރި ފަދަ ތަންތަނުގައި އުޅޭ މިޔަރު ހިފުން ފިޝަރީޒް މިނިސްޓްރީ އިން މަނާކޮށްފައި ވަނީ އެފަދަ ތަންތަނުގައި އުޅޭ މިޔަރު މަދުވަމުން ދާތީ ރާއްޖޭގެ ޓޫރިޒަމަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފާނެތީ އެވެ. އެފަދަ އަމަލުތައް ކުރާ ފަރާތްތަކުން ޖޫރިމަނާ ކުރުމާއި ނަސޭހަތް ދިނުމުގެ ބާރު އީޕީއޭއަށް ލިބިގެންވެ އެވެ.
ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރުގެ ބާވަތްތަކެއް ބާނައި ސޯޝަލް މީޑިއާގައި ފޮޓޯތައް އާއްމު ކުރުމާ ގުޅިގެން ލިވަބޯޑް އެސޯސިއޭޝަނުން ބުނީ ލިވަބޯޑް އިންޑަސްޓްރީގައި އެފަދަ ކަންތައްތައް ހިނގަމުން ދާތީ އެކަމާ ކަންބޮޑުވާ ކަމަށާއި އެ ސަފާރީގެ ވެރިފަރާތާ އެ އެސޯސިއޭޝަނުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އެގޮތުން، އެ މިޔަރުތަކަކީ ނައިޓް ފިޝިންގައި އުޅެނިކޮށް އޮޅުމަކުން ބޭނުނު އެއްޗެހި ކަމަށާއި އެ އެއްޗެހި ބޭނުމުން އެއާ އެކު ފޮޓޯ ނެގުމަށް ފަހު ދޫކޮށްލި ކަމަށް އެ ސަފާރީގެ ވެރިފަރާތުން ބުނެފައިވާ ކަމަށް ލިވަބޯޑް އެސޯސިސއޭޝަނުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެ އެވެ.

"އެކަންތައް ވެދިޔަ ކަމަށްޓަކާ މާފަށް އެދުމަށާއި ބޯޓުގެ ފަޅުވެރިން އެކަހަލަ ކަންތައްތަކަށް ހޭލުންތެރިކުރުވުމަށް އަންގާފައިވާނެ "ލިވާބޯޑު އެސޯސިއޭޝަނުން ބުނެފައިވެ އެވެ.
ޓޫރިސްޓުން ތަކެއް މިޔަރުތަކެއް ބޭއްނި މައްސަލަތަކެއް ފެންމަތިވެފައިވާއިރު މިދޭތެރެއަކުން ވަނީ އަތޮޅުތެރޭ ރަށްރަށުގައި ހިމާޔަތްކޮށްފައިވާ ވެލާފަދަ ތަކެތި ހިފާ މައްސަލަވެސް ފެންމަތިވެފައެވެ. ފާހަގަކުރެވޭގޮތުގައި ހިމާޔަތް ކޮށްފައިވާ ތަކެއްޗަށް އިހުމާލުވާ މައްސަލަ ރާއްޖޭގައި ބޮޑެވެ.