މެޑްރިޑް (ޖަނަވަރީ27): ސްޕޭންގެ ލޮސްލަނޮސް އަސްކަރީ ވައިގެ ބޭހަށް ފައިޓަރ ޖެޓް މަތިންދާ ބޯޓެއް ވެއްޓުމުގެ ސަބަބުން ދިހަ މީހުން މަރުވެ އިތުރު ސޯޅަ މީހުން ޒަޚަމްވެއްޖެ އެވެ.

ސްޕޭންގެ ދިފާއީ ވުޒާރާ ބުނާގޮތުން ވެއްޓުނު އަސްކަރީ މަތިންދާ ބޯޓަކީ އެގައުމުގައި ކުރިޔަށްދާ ނެޓޯގެ ވައިގެ ސިފައިންގެ ތަމްރީންތަކެއްގައި ބައިވެރިވާ ގްރީސްގެ ފައިޓަރޖެޓް މަތިންދާ ބޯޓެކެވެ. އެމެރިކާގައި އުފައްދާފައިވާ އެފް- 16 މަރުކާގެ މިމަތިންދާބޯޓު ވެއްޓުނީ ސްޕޭންގެ ވައިގެ ބޭހުން އުދުއްސައިގަތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކަމަށްވެ އެވެ. އެބޯޓު ވެއްޓި އެހެން ބޯޓުތަކެއްގައި ޖެހުމުން އޭގައިވާ ޕެޓްރޯލް ޓޭންކާ އެކު އެބޯޓު ގޮވާފައިވާ ކަމަށާއި ބޮޑެތި ގެއްލުންތައް ލިބުނީ ބޯޓު ގޮވުމުގެ ސަބަބުން ކަމަށްވެސް ސްޕޭންގެ ދިފާއީ ވުޒާރާއިން ބުނެ އެވެ.

މިހާދިސާގައި 10 މީހުން މަރުވެ 16 މީހުން ޒަޚަމްވުމުގެ އިތުރުން ފަސް އަސްކަރީ މަތިންދާބޯޓު ހަލާކުވެފައިވެ އެވެ. މަރުވި 10 މީހުންގެ ތެރޭގައި ގިނައީ ބޭރު މީހުންނެވެ. އެއީ ނޭޓޯގެ ވައިގެ ތަމްރީންތަކުގައި ބައިވެރިވުމަށް އެއެއަރބޭހުގައި ހަރަކާތްތެރިވަމުން ދިޔަ މީހުންނެވެ. ޒަޚަމްވި 16 މީހުންގެ ތެރެއިން ހަ މީހެއްގެ ހާލަތުވަނީ ފުރާނައަށް ނުރައްކާވާ ހިސާބުގައި ކަމަށް ވެސް ސްޕޭންގެ މަސްއޫލުވެރިންނާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. (ރޮއިޓާސް)