މި އަހަރު ދިވެހިރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީ އިން ހުޅުވާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިއުމުގެ އުސޫލުގައި ހިމާނަފައިވާ ޕްރޮޕޯސަލްގެ ނަމޫނާއާ އެއްގޮތަށް ޕްރޮޕޯސަލް ފުރިހަމަކޮށް މި އަންނަ މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 10:00 ކުރިން އެ މިނިސްޓްރީ އަށް ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

އަދި ދިވެހިރާއްޖެ އިން މީހުން ޙައްޖަށް ގެންދިއުމާ ބެހޭ އުސޫލުގެ 7 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕްރޮޕޯސަލް ހުށަހަޅާ ކުންފުނީގެ ފަރާތުން ޕްރޮޕޯސަލްތައް ހުޅުވާ ބައްދަލުވުމުގައި ބައިވެރިވެވޭނީ ގިނަވެގެން ދެ މީހުންނަށް ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. އަދި ހަމައެއާ އެކު ޕްރޮޕޯސަލްތައް ހުޅުވުމަށް ޓަކައި ބާއްވާ ބައްދަލުވުމުގައި ކޮންމެ ކުންފުންޏަކުން ވެސް މަދުވެގެން އެކަކު ބައިވެރިވާންވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެ އެވެ.

އެ ބައްދަލުވުމުގައި ކުންފުނީގެ ފަރާތުން ބައިވެރިވާ ފަރާތެއްގެ އަތުގައި އެއީ އެ ކުންފުނިން ބައިވެރިވާ ފަރާތްކަން އަންގައިދޭ، ކުންފުނީގެ ލެޓާ ހެޑްގައި އެކަމުގެ ހުއްދަދީފައިވާ ސިޓީއެއް ނުވަތަ ލިޔުމަކާ އެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރޮޕޯސަލްއާ ވަކިން އޮންނަން ޖެހެ އެވެ.

މިއަހަރު ދިވެހިރާއްޖެ އިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދަދިނުމަށް ކަނޑައަޅާފައި ވަނީ ތިން ކުންފުންޏަކަށް އެއް އަހަރުގެ މުއްދަތަށެވެ. އަދި އެފަދައިން ކުރިމަތިލައިގެން ހޮވޭ ކޮންމެ ކުންފުންޏަކަށް ވެސް ދިނުމަށް ހަމަޖައްސާފައި ވަނީ 134 ޖާގަ އެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ ޕްރޮޕޯސަލް ފުރިހަމަ ކުރައްވާ އިރު، އަގާއި އެހީތެރިންގެ އަދަދު ކަނޑައަޅުއްވަންވާނެ ކަމަށެވެ. އަދި މީހުން ޙައްޖަށް ގެންދިއުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގައި ޙައްޖަށް ގެންދިއުމަށް މީހެއްގެ އަތުން ނަގާ އަގު ކަމުގައި ބަޔާންކުރާ އަގަކީ އެ މަސައްކަތް ކުރުމަށް އެކަށީގެންވާ އަގަކަށް ނުވާ ނަމަ އެ ޕްރޮޕޯސަލް ޑިސްކޮލިފައި ކުރެވޭނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ. އެ މިނިސްޓްރީ އިން ބުނީ ހުށަހަޅާ އަގުގެ އިތުރަށް އެއްވެސް މިންވަރެއްގެ ފައިސާ ފަހުން ނެގުމަކީ ޙައްޖަށް މީހުން ގެންދިއުމަށް އެ ކުންފުންޏަށް ދިން ހުއްދަ ބާޠިލުކުރެވޭނެ ކަމެއް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން ބުނީ އެކަމަށް ޓަކައި ބާއްވާ ޕްރީ ބިޑް މީޓިން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ދޭއް ޖަހާއިރު އެ މިނިސްޓްރީގައި އޮންނާނެ ކަމަށެވެ.

ދިވެހިރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމުގެ އުސޫލު މިހާރު ގެޒެޓުކޮށްފައިވާ އިރު އެ އުސޫލުގައި ހައްޖުގެ އަޅުކަން އަދާކޮށް ނިމިގެން އެނބުރި ރާއްޖެ އަންނަތާ 30 ދުވަހުގެ ތެރޭގައި ހައްޖަށް މީހުން ގެންދިޔަ ކޮންމެ ކުންފުންޏަކުން ވެސް އިސްލާމިކް މިނިސްޓްރީ އަށް ހައްޖު ރިޕޯޓް ހުށަހަޅަންޖެހެ އެވެ.