27 Jan 2015, 09:54
ދިމިޝްގު (ޖަނަވަރީ27): ސީރިޔާގެ ރައީސް ބައްޝާރުލްއަސަދު އެމެރިކާގެ ފޮރިންއެފެއާޒް މަޖައްލާއަށް ދެއްވި ބަސްދީގަތުމެއްގައި ދައްކަވާފައިވާ ވާހަކަތަކަކީ ޚިޔާލީ ފޮލާއެއް ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާ އިން ސިފަކޮށްފި އެވެ.
އެވުޒާރާގެ ތަރްޖަމާނު ޖެނިފާ ސެކީ ވިދާޅުވީ ބައްޝާރުލްއަސަދުގެ ވެރިކަން ދެން އެމެރިކާ ބަލައިނުގަންނާނެ ކަމަށާ ސީރިޔާގެ މައްސަލަ ހައްލުކުރުމަށް ޓަކައި ބައްޝާރު ވެރިކަމުން ދުރުވެ ވަޑައިގަތުން ނޫން ގޮތެއް އެމެރިކާ ގަބޫލުނުކުރާނެ ކަމުގަ އެވެ. އެމެރިކާގެ ފޮރިންއެފެއާޒް މަޖައްލާއަށް ދެއްވި ބަސްދީގަތުމެއްގައި ބައްޝާރު ވަނީ ސީރިޔާގެ އިދިކޮޅު ފަރާތްތަކާއި އެފަރާތްތަކަށް ވާގިވެރިވާ އެމެރިކާ އާއި އެނޫން ގައުމުތައް ކުށްވެރިކުރައްވައި ވާހަކަ ދައްކަވާފަ އެވެ. މީގެ އިތުރުން ސީރިޔާގެ ވެރިކަމުގެ ނިޒާމާ މެދު އެމެރިކާ ދެކޭގޮތަށް ބަދަލުތަކެއް އަންނަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށް ވެސް ބައްޝާރު ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ދާދިފަހުން ދެއްވި ބަސްދީގަތުމެއްގައިވަނީ ސީރިޔާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތާމެދު ވިސްނައިވަޑައިގަތުމަށް ރައީސް ބައްޝާރުލްއަސަދަށް ގޮވާލައްވާފަ އެވެ. އަދި ޓެރަރިސްޓް ޖަމާއަތްތައް ސީރިޔާގައި ވަކި ހިއްޕާލީ ބައްޝާރުގެ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކުގެ ސަބަބުން ކަމަށް ވެސް ކެރި ވިދާޅުވެފައިވެ އެވެ. ބައްޝާރުގެ ވެރިކަން ބާރުގެ ބޭނުންކޮށްގެން ވައްޓާލުމުގެ މަސައްކަތް ފެށުމަކީ ވެސް ހަރުކަށި ޖަމާއަތްތައް އެގައުމުގައި ފައިހަރުކޮށްލުމަށް މަގުފަހިވި ސަބަބެއްކަމަށް ވެސް ކެރީ ވިދާޅުވެފައިވެ އެވެ.
ކެރީގެ މިވާހަކަ ތަކާގުޅިގެން ބައެއް މުރާސިލުން ވެސް ވަނީ މިއީ ބައްޝާރުގެ ވެރިކަމުގެ ނިޒާމާމެދު އެމެރިކާ ދެކޭގޮތަށް ބަދަލުތަކެއް އަންނަމުންދާކަން ފާހަގަ ކުރެވޭ ބަޔާނެއް ކަމަށް ސިފަކޮށްފަ އެވެ. ނަމަވެސް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން ޖެނިފަރ ސެކީ ވިދާޅުވީ ކެރީގެ ވާހަކަތައް ސީރިޔާ ސަރުކާރުންނާއި ނޫސްވެރިން ތަފްސީރުކޮށްފައިވަނީ މާނައޮޅޭ ގޮތަށް ކަމުގަ އެވެ. އެމެރިކާ ގެ ޚާރިޖީ ވުޒާރާއިން މިހެން ބުނިނަމަވެސް ބައްޝާރުގެ ވެރިކަން ވައްޓާލުމަށް އެމެރިކާ މިހާރު ސަމާލުކަން ނުދޭކަމަށް މުޙައްލިލުން ބުނެ އެވެ. އަދި ސީރިޔާގައި ހަރަކާތްތެރިވާ ތަކްފީރީ ޖަމާއަތްތަކުގެ ނުރައްކާ ގަލްފުގެ ގައުމުތަކަށް ބޮޑުވެފައި ބައްޝާރުގެ ވެރިކަން ވެއްޓޭނެ ދުވަހެއްނޭންގޭތީ ސަޢޫދީ އަރަބިޔާފަދަ ސީރިޔާގެ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވާ ގަލްފުގެ ގައުމުތައްވެސް ކަންބޮޑުވެފައިވާ ކަމަށް މުރާސިލުން ބުނެ އެވެ.
ބައްޝާރުގެ ވެރިކަން ވެއްޓުނު ނަމަވެސް ސީރިޔާގައި ކުރިޔަށްދާ ދާޚިލީ ހަނގުރާމައަށް ހައްލެއްނާންނާނެ ކަމަށާއި ޖިހާދުގެ ނަމުގައި ދުނިޔޭގެ ކަންކޮޅުތަކުން ޒުވާނުން އެގައުމަށް ގޮސް ހަރުކަށި ޖަމާއަތްތަކާ ގުޅެވޭ ގޮތަށް އޮންނަ އޮތުން ނިމުމަކަށް ނާންނަހާ ހިނދަކު ސީރިޔާގެ ލޭ އޮހޮރުވުންތަކަށް ޙައްލެއް ނާންނާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ. ސީރިޔާގެ ދާޚިލީ ހަނގުރާމަ މިހާރު ވެފައި ވަނީ ސުންނީންނާއި ޝިޔަޢީންނާ ދެމެދު ހިނގާ ތާއިފީ އަދި މަޒްހަބީ ލޭއޮހޮރުވުމަކަށް ބަދަލުވެފަ އެވެ. މަޒްހަބީ މިތަޅާފޮޅުމުގައި ޝާމިލްވާ ސުންނީންނާއި ޝިޔައީންގެ ތަކްފިރީ ފިކުރުގެ ޖަމާއަތްތަކުން ގެންދަނީ ކޮންމެ ބަޔަކު ވެސް އަނެއް ބަޔަކު ކާފަރުންނަށް ހަދައި މިހަނގުރާމައަކީ ޖިހާދެއް ކަމަށް ސިފަކުރަމުންނެވެ. (ނޫސްއެޖެންސީތައް)