27 Jan 2015, 09:46
އެއީ މާލޭގެ އިރުދެކުނު ފަރާތު ގާޑިއާ ސަރަހައްދެވެ. މިހާރު އެ ސަރަހައްދު ހީވަނީ "ވޯރާވިޔަފާރިވެރިން"ގެ އައްޑާއެއްހެންނެވެ. މާޒީގެ ފަތްފުއްތަކުން ވޯރާވިޔަފާރިވެރިންގެ އަމަލުތައް ހުރިގޮތް އެތަނުން ސިފަވާ ކަހަލަ އެވެ. ހަމައެއް ލަމައެއް ނެތެވެ. ހުރަކަށް ދަނޑިއެއް ޖަހައި ސަތަރި އަޅައި އެތަން ހިޔާކޮށްފި އެވެ. އަރިހުރަހަށް މޭޒު އަތުރާފައިއެ ހުރީ އެވެ. ގޮނޑިތަކުން ވަނީ ފުރާލާފަ އެވެ. އަތްފުނާއަޅައިގެން ނޫނީ ހިނގޭކަށް ނެތެވެ. ސާފުވައިރޯޅީގެ އެދުމަށް ހިތް އުފާކޮށްލެވޭކަށް އެތަނުގައެއް ނެތެވެ. އެންމެންގެ ބިމުން އެއްބަޔެއްގެ ޖީބްތައް ފުރާލަނީ އެވެ.
މަހު ކުލި ދައްކައިގެން ގާޑިއާތައް ހިންގާ ފަރާތްތަކަށް ހުއްދަ ދީފައި ވަނީ ގާޑިއާ އާއި ކައިރި ހިސާބެއްގައި ކަސްޓަމަރުންނަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައި ވިޔަފާރި ކުރުމަށެވެ. ފުރަތަމަ އަމަލު ކުރީ ވެސް އެހެންނެވެ. ގޮނޑި މޭޒު އޭރު ބެހެއްޓީ ގާޑިއާ ދޮށުގަ އެވެ. ނަމަވެސް "ކަތުރުފަނި" އަޅާ އުސޫލުން މުޅި ސަރަހައްދު އެއޮށް ހިފަނީ އެވެ. ފުރަތަމަ އެކަން ފެށީ މަދުމަދުން ކަސްރަތު ޕާކް ތެރޭ ގޮނޑިޖަހައި ހިދުމަތް ދޭ ގޮތަށެވެ. ނަމަވެސް މިހާރު މި ވަނީ އެއޮއް ބޮޑު އުސްފަސްގަނޑު ހިފާފަ އެވެ. އެ ވަރުން ނުވެގެން ބޭރުމަގުގެ ޕޭމަންޓުތައް ވެސް ހިފާފަ އެވެ. ކަސްރަތު ޕާކުގެ ބޮޑުބައެއް ވެސް ވަނީ މޭޒާއި ގޮނޑިން ފުރާލާފަ އެވެ. ނީލަން ފިހާރައިގައި ވިއްކަން ހުރިނަމަ ހުރިހާ މޭޒަކާއި ގޮނޑިއެއް އެތަނަށް ގެނެސް ޖަހާފައި ހުރި އިރު ރެސްޓޯރެންޓެކޭ ތަފާތެއް ނެތެވެ. އެތައް ޒަމާނެއް ވެއްޖެ އެވެ. މިވާހަކަ ދެއްކޭލެއް ތަންކޮޅެއް ލަސްވެފައި ވެސް ވެދާނެ އެވެ. ކަންވީ ގޮތަކީ ކަމާ ބެހޭ ފަރާތްތަކުގެ ބަސް ހޯދަން ދަތިވީ އެވެ. ގާޑިއާތައް ހިންގާ ފަރާތުން މިކަމަށް އަދިވެސް ވަނީ ބަހެއް ލިބޭގޮތްނު އެވެ.

އެތައް ބިދޭސީއިންނެއް ރަސްކަން ކުރަމުންދާ ވިޔަފާރިއެއް ކަމަށްވާ ގާޑިއާތަކަށް ދުފާލުމަށް ނުވަތަ މަޖާ ކާލުމަށް އެގާޑިއާތަކުން މިހާރު ދޭ ހިދުމަތަކީ ރެސްޓޯރެންސްޓު މޭޒްތަކުން ދޭފަދަ ހިދުމަތެވެ. ތަފާތީ އެއް ކަމެކެވެ. އެއީ ރެސްޓޯރެންޓުތަކުން ބޮޑެތި ކުލިތައް ދައްކަން ޖެހޭއިރު ގާޑިއާތަކުން އެބިމަށް ކުއްޔެއް ދައްކަން ނުޖެހުމެވެ. މިއީ އެތަނަށް ހިދުމަތް ހޯދަން ދާ މީހުންނަށް މާބޮޑު ކަމަކަށް ނުވިޔަސް އެކަމުން އެތައް ދައްޗެއް ކުރިމަތިވާ އެތައް ބަޔަކު އެބަތިއްބެވެ. ގިނައީ ތުއްތު ކުދިންނެވެ.
ތިން ކުދިންގެ ބައްޕައެއް ކަމަށްވާ އަހުމަދު މުއާޒު ބުނި ގޮތުގައި އޭނާ ދަރިން ގޮވައިގެން ހިތްހަމަ ޖައްސާލަން އެންމެ ގިނައިން ދާ އެއް ސަރަހައްދަކީ ދަރުބާރުގޭ ފުރަގަހުގައި އޮންނަ ކަސްރަތު ޕާކާއި އުސްފަސްގަނޑު ސަރަހައްދެވެ. ނަމަވެސް ބައެއްގެ ވިޔަފާރި ފުޅާ ކުރުމަށް ހިންގާ "ޖަރީމާ"އިން އެފުރުސަތު އޭނާގެ ދަރިން މަހުރޫމް ވެފައިވާ ކަމަށް ބުންޏެވެ.
"މި މާލޭގައި މި ހުންނަނީ ކުޑަކުއްޖަކު ހިތް އުފަލަށް ވެސް ނުކުމެލަން މަދުތަނެއް، ހާއްސަކޮށް ކުއްޖަކަށް ދުވެލާ އުޅެވޭވަރުގެ މަދުތަނެއް ހުރީ، އޭގެ ތެރެއިން އެއް ތަނަކީ އުސްފަސްގަނޑު، އެކަމަކު އެތަން މިހާރު އޮތީ ކެފޭއަކަށް ހަދާފައި، ދެން މީހުން އެތާތިބެ ހުތުރު ބަހުން ވާހަކަ ދައްކާ ސިނގިރޭޓް ބޮއެ ހަދާއިރު ކިހިނެއް ދަރިން ގޮވައިގެން ދާނީ،" މުއާޒު ބުންޏެވެ.

އެއީ މުއާޒު ފަދަ އެތައް ބެލެނިވެރިނެއްގެ ޝަކުވާއެކެވެ. ތޮއްޖެހިފައިވާ މި މާލޭގައި އުފާކޮށްލަން އޮތް ބިންކޮޅު ވެސް މަދުބައެއްގެ މިލްކަކަށް ހަދާލީ އެވެ. އެއީވެސް ނުގަވައިދުންނެވެ. މިކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ދަނީ އުފުލަމުންނެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. ބައެއް ބިންބިން މަދުބައެއްގެ މަންފާއަށް ބޭނުން ކުރެވޭތީ އެވެ. އަދި އެކަން ހުއްޓުވާނެ ބައެއް ނެތީމަ އެވެ.
"މިހާރު ހަދާނެ ގޮތަކީ ގެއިން ކައްކައިގެން އުސްފަސްގަނޑަށް ގެންނާނީ، އެއަށް ފަހު އެތަނަށް ހިތްފަސޭހަ ކޮށްލަން އަންނަ މީހުންނަށް ވިއްކާނީ، އެތަނުގައި އެ ހުންނަނީ މޭޒާއި ގޮނޑި ބަހައްޓާފައި. އެހެންވީމަ ބިމު ކުލި ދައްކާކަށް ނުޖެހޭނެ. ކީއްވެ ވަކި ބަޔަކަށް ބިންބިން ބޭނުން ކުރެވެނީ،" ކުރިން މުޅިން މަނާ ކަމެއް ކުރަން ރަހުމަތްތެރިޔާ ހިޔާލު ދިނީ އައިސްފައި ހުރި ރުޅީގެ ސަބަބުންނެވެ.

ސިޓީ ކައުންސިލް މޭޔަރު މުހައްމަދު ޝިހާބު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލުން ގާޑިއާތައް ހިންގުމަށް އަމިއްލަ ފަރާތަކާ ވަނީ ހަވާލުކޮށްފައި ކަމަށާއި އެ އިން ގާޑިއަލަކުން ދައުލަތަށް ލިބޭނީ ކުލީގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 5000 ރުފިޔާ ކަމަށެވެ. ގާޑިއާތަކުން ހިދުމަތްދޭ މޭޒުތައް ބޮޑު ސަރަހައްދެއްގައި ޖަހާފައި ވަނީ ހުއްދަދީފައިވާ އުސޫލާ ހިލާފަށް ކަމަށް ވެސް ޝިހާބް ވިދާޅުވި އެވެ.
"އެގުރިމެންޓުގައި އިންނާނީ ވަކި ސަރަހައްދެއް، އަޅުގަނޑު ހަނދާންވާ ގޮތުން 10 ވަރަކަށް 15 ވަރަކަށް ފޫޓު ގާޑިޔަލަކާ ދިމާލަށް. ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުގައި އުސްފަސްގަނޑު އެހެރީ ދެއްތޯ. އަޅުގަނޑުމެން ހުއްދައެއް ދީފައެއް ނޯންނާނެ." ޝިހާބް ވިދާޅުވި އެވެ.
މާލެ ސިޓީގެ ޕާކްތަކާ މައިދާންތަކުގެ އިތުރުން ހުސްބިންތައް ސާފުކޮށް ބެލެހެއްޓުމާއި މަގުތަކާއި ޕާކްތަކާއި މައިދާންތައް ދިއްލައި އަލިކުރުމާއި މިފަދަ އެންމެހާ ކަންކަން މިހާރު ވަނީ ހައުސިން މިނިސްޓުރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފަ އެވެ. ގާޑިއާތަކުން އެތައް މިތާ މޭޒު ޖަހައިގެން ހިދުމަތް އެދެނީ އެ މިނިސްޓުރީ އިން ހުއްދަ ދީގެން ނޫން ކަމަށް ހައުސިން މިނިސްޓްރީ އިން ބުންޏެވެ. އިތުރަށް ދެން އެންމެ ސުވާލަކަށް ވެސް ޖަވާބެއް ނުލިބުނެވެ. އެހެން ނޫންނަމަ އެކަން ހިނގާ މަގެއް ސާފްކޮށްލީމު އެވެ.

އެއީ މާލޭގެ އެންމެ ހިތް ގައިމު ސަރަހައްދެވެ. މާލޭގެ ދިރިއުޅޭ ފަރާތަކުގެ ތެރެއިން އެސަރަހައްދަށް ނުދާ ބަޔަކު މަދުވާނެ އެވެ. ސިޓީ ކައުންސިލާއި ހައުސިން މިނިސްޓުރީގެ އެތައް ވެރިންނެއް އެމަގުން ދަތުރުކުރާނެކަން ވެސް ޔަގީނެވެ. ނަމަވެސް ދެރައީ އެކަން ނުހުއްޓޭތީ އެވެ. އެތައް ބަޔެއްގެ އުފަލަކާއި ގުޅިފައިވާ މާލޭގެ އެހެރަ އަގުބޮޑެތި ބިންތައް އެއޮއްގެން ނާޖާއިޒު ގޮތުގައި ބޭނުންކޮށް، ފައިދާ ނަގަނީ އެވެ.