ގދ. ތިނަދު އާއި ސ. ފޭދޫގެ ބިން ހިއްކުމުގެ ގޮތުން "އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް" (އީއައިއޭ) ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތެއްވާ ނަމަ މި އަންނަ މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 11 ޖެހުމުގެ ކުރިން އެ މިނިސްޓްރީ އަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދޭ ކަމަށެވެ.

ބީލަން ހުށަހެޅުމަށް 5 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި މިމިނިސްޓްރީ އަށް ވަޑައިގެން ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ހައުސިން މިނިސްޓްރީ އިން ބުނީ ތިނަދޫ ބިން ހިއްކުމަށް 197 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. އަދި ފޭދޫ ބިން ހިއްކުމަށް 170 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ. ހައުސިން މިނިސްޓްރީ އިން ބުނީ ތިނަދޫގައި ހިއްކުމަށް ހަމަޖެހިފައި ވަނީ 55 ހެކްޓަރުގެ ބިން ކަމަށާއި ފޭދޫ އިން 46 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.