ޕީޕަލްސް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު އެންމެ ފަހު މެޗުގައި 1-0 ގެ ނަތީޖާއަކުން ސިންގަޕޯރ ލަޔަންސްގެ މައްޗަށް މިރޭ ޕީޑީއާރްއެމް ކުރި ހޯދިއިރު، މެޗުގައި ޕީޑީއާރްއެމް ވަރަށް ނަސީބު ގަދަ ކަމަށް އެ ޓީމްގެ އެސިސްޓަންޓް ކޯޗް މުހައްމަދު ފައުޒީ ޕިލަސް ބުނެފި އެވެ.

މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ފައުޒީ ބުނީ މިރޭގެ މެޗުގައި ލަޔަންސްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށެވެ. އަދި މެޗުގައި ލަޔަންސްގެ ކެޕްޓަން އީސާ ހަލީމްއަށް ދެއްކި ރަތް ކާޑަށްފަހު، 10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔައިރުވެސް އެ ޓީމް މެޗުގައި ދައްކާފައި ވަނީ ވަރަށް ވަރުގަދަ ކުޅުމެއް ކަމަށް ފައުޒީ ބުންޏެވެ.

"މެޗުގައި ޕީޑީއަރްއެމް ނަސީބު ގަދަ. މެޗުގެ ފުރަތަމަ ހާފްގައި ލަޔަންސް ދައްކާފައި ވަނީ ވަރަށް ރަނގަޅު ކުޅުމެއް. އެ ޓީމްގައި ތިބީ ވަރަށް ޒުވާން ކުޅުންތެރިން. އެ ކުޅުންތެރިން ޕީޑީއާރްއެމްއަށް ވަރަށް ނުރައްކާ ކުރި. މެޗުގައި ދެއްކި ރަތް ކާޑާއެކު ޕީޑީއާރްއެމްއަށް ކުޅެން ރަނގަޅު ޖާގައެއް ލިބުނު. ނަމަވެސް 10 ކުޅުންތެރިންނާއެކު ވިޔަސް އިދިކޮޅު ޓީމަށް ނުރައްކާ ކުރާނެކަން އެ ޓީމް މިރޭ ދައްކުވައިދީފި،" ފައުޒީ ބުންޏެވެ.

ފައުޒީ ބުނީ، މެޗުގައި އަޝްފާގުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ވާކަމަށެވެ. އަދި އޭނާއަކީ ޕީޑީއާރްއެމްގެ ބާރު ކަމަށާއި، މިރޭގެ މެޗުގައި ލަޔަންސްގެ ކުޅުންތެރިންނަށް އޭނާ ހިފައްޓާލަން އުނދަގޫ ވެގެން ދިޔަ ކަމަށް ފައުޒީ ބުންޏެވެ.

"އަޝްފާގަކީ މި ޓީމުގެ ބާރު. ކޮންމެ މެޗެއްގެ ކުރިން ކުޅުންތެރިންވެސް އޭނާއަށް ރަނގަޅު ސަޕޯޓެއް ދޭ. މިރޭގެ މެޗުގައި އަޝްފާގް ވަރަށް ރަނގަޅު ރޯލެއް އަދާކުރި. ލަޔަންސްގެ ކުޅުންތެރިން ގިނަ ފަހަރަށް ފެންނަނީ އޭނާގެ ފަހަތުން ދުވާތަން. އޭނާގެ ސަބަބުން މިރޭގެ މެޗުގައި ވަރަށް ރަނގަޅު ފުރުސަތުތަކެއް ޕީޑީއާރްއެމްއަށް ލިބިގެން ދިޔަ،" ފައުޒީ ބުންޏެވެ.

މެޗުގެ ދެވަނަ ހާފަށް ނިކުތް އިރު ފުރަތަމަ ހާފްގައި ޕީޑީއާރްއެމް ގޯލު ބެލެހެއްޓި ވިލްފްރެޑްގެ ބަދަލުގައި ކީޕަރު ސައިފުލް އަމަރު ކުޅެން އެރިއެވެ. ފައުޒީ ބުނީ ވިލްފްރެޑް ބަދަލުކުރަން ޖެހުނީ އޭނާގެ އިނގިއްޔަށް ލިބުނު އިންޖަރީއެއްގެ ސަބަބުން ކަމަށެވެ. އަދި އެއީ މާ ބޮޑު ކަމެއް ކަމަށް ނުބެލެވޭ ކަމަށާއި، ނަމަވެސް ރިސްކެއް ނަގަން ބޭނުން ނުވުމުން އޭނާ ބަދަލު ކުރީ ކަމަށް ފައުޒީ ބުންޏެވެ.

މިރޭގެ މެޗުގެ ހަމައެކަނި ލަނޑު ޕީޑީއާރްއެމުން ކާމިޔާބުކުރީ ލަޔަންސްގެ ކެޕްޓަން އީސާ ހަލީމް، ދަގަނޑޭއަށް ކުރި ފައުލަކާ ގުޅުގެން ޕީޑީއާރްއެމްއަށް ލިބުނު ޕެނަލްޓީ އަކުންނެވެ. ފައުޒީ ބުނީ އެ ފައުލަށް ޕެނަލްޓީއެއް ދޭން ރެފްރީ ނިންމި ނިންމުމާ މެދު އެއްޗެކޭ ބުންނަން ބޭނުން ނުވާކަމަށާއި، އެއީ ރެފްރީގެ ނިންމުމެއް ކަމަށެވެ.

މިރޭގެ ކާމިޔާބީއާއެކު ޕީޑީއާރްއެމް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ މުބާރާތުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، ގްރޫޕް ސްޓޭޖުގެ އެއްވަނަ ޓީމެއްގެ ގޮތުގައެވެ. އަދި ފައިނަލްގައި އެ ޓީމް މަޒިޔާއާ ވާދަކުރަން ޖެހޭއިރު، މުބާރާތުގައި އެ ދެ ޓީމް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެނެވެ.