ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަރާތުން ސުޕްރީމް ކޯޓުގައި ބައެއް ބޭފުޅުން ޖަވާބުދާރީވި ނަމަވެސް ކޮމިޝަނުގެ ނަމުގައި ޖަވާބުދާރީވުމަށް އެއްވެސް ފަރާތެއް ކަނޑައަޅާފައިނުވާ ކަމަށް އެ ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު އައިޝަތު ވެލެޒިނީ ވިދާޅުވެއްޖެ އެވެ.

ހައި ކޯޓަށް ފަނޑިޔާރުން ނެގުމުގައި އަމަލުކޮށްފައިވާ އުސޫލުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ދައުވާ ކުރައްވާ މައްސަލައިގެ ޖޭއެސްސީން ޖަވާބުދާރީވާނެ ފަރާތެއް ކަނޑައަޅާފައިނުވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގައި މިދިޔަ ހޯމަ ދުވަހު އެ މައްސަލައިގެ އަޑުއެހުން ބޭއްވުމުގެ ކުރިން ވެސް ވެލެޒިނީ ވަނީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިންއަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އަދި އަޑުއެހުން ބޭއްވި ފަހުން ހަމަ އެ ދުވަހު ވެސް ވެލެޒިނީ ވަނީ ހަމަ އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

އެ ސިޓީތަކުގައި ވެލެޒިނީ ވިދާޅުވެފައި ވަނީ ކޮމިޝަނަށް ދައުވާ ލިބޭ މައްސަލައިގައި ޖަވާބުދާރީވާނެ ފަރާތެއް ކަނޑައަޅަންޖެހޭނީ ކޮމިޝަނުގެ ނިންމުމަކުން ކަމަށާއި ނަމަވެސް އެފަދަ ނިންމުމެއް ކޮމިޝަނުން ނިންމާފައިނުވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގައި ޖަވާބުދާރީވާނެ ފަރާތެއް ކަނޑައެޅުމަށް މިދިޔަ އާދީއްތަ ދުވަހު (6 ފެބްރުއަރީ ގައި) ބާއްވަން އުޅުނު ޖަލްސާ ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފައިވާ ކަމަށް ވެސް ވެލެޒިނީ ވިދާޅުވެފައިވެ އެވެ.
ޖުމްލަ 10 މެންބަރުން ތިއްބަވާ ޖޭއެސްސީގެ ކޯރަމަކީ ހަ މެންބަރުންނެވެ. އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ޖަލްސާއަށް ހާޒިރުވެފައި ވަނީ ފަސް މެންބަރުންނެވެ. ހާޒިރީ އާއި ޖަލްސާގެ އެޖެންޑާގެ ކޮޕީއެއް ސަން އޮންލައިނަށް ވަނީ ލިބިފަ އެވެ.

މިކަމާ ގުޅޭ މައްސަލައެއްގައި ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް ވެސް ލިޔުމެއް ފޮނުވައިފަ އެވެ. ސަން އޮންލައިނަށް ކޮޕީ ލިބިފައިވާ އެ ލިޔުމުގައި ބުނެފައި ވަނީ ހައި ކޯޓަށް ފަނޑިޔާރުން ހޮވުމުގެ މައްސަލައިގައި މަތީ މަރުހަލާގެ ކޯޓުތަކުގައި އެ ކޮމިޝަނުގެ ފަރާތުން ޖަވާބުދާރީވުމަށް ޖެނުއަރީ 23، 2011 ގައި ބަޔަކު ކަނޑައަޅާފައިވާ ކަމަށެވެ. އެކަމަކު އެ ފަރާތްތަކުގެ ތެރެއިން އެ ކޮމިޝަނުގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ބަދަލުގައި ކޮމިޝަނުގެ މެންބަރު ޑރ. އަފްރާޝީމް އަލީ ހައެއް ފެބްރުއަރީގެ ބައްދަލުވުމުގައި ހަމަޖެއްސާފައިވާ ކަމަށް އެ ލިޔުމުގައިވެ އެވެ. އެ ލިޔުމުގައި ހަ މެންބަރަކު ސޮއި ކޮށްފައިވެ އެވެ. ނަމަވެސް އެ ދުވަހު ކެންސަލް ކުރި ޖަލްސާގެ ހާޒިރީގައި ސޮއި ކޮށްފައި ވަނީ ފަސް މެންބަރުންނެވެ.

އެ ލިޔުމުގައި ހަވާލާދީފައިވާ ޖެނުއަރީ 23 ގެ ނިންމުމުގައި ބުނެފައި ވަނީ ކޮމިޝަނުގެ ފަރާތުން މަތީ މަރުހަލާގެ ކޯޓުތަކުގައި ޖަވާބުދާރީވާނީ ރައީސް އާދަމް މުހައްމަދު އަބްދުﷲ އާއި ހައި ކޯޓުގެ އިސް ފަނޑިޔާރު އަދި ކޮމިޝަނުގެ މެންބަރު އަބްދުލްޣަނީ މުހައްމަދާއި ކޮމިޝަނުގެ މެންބަރު އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ ދީދީ އާއި ބަންޑާރަ ނައިބު އަހުމަދު އަލީ ސަވާދާއި ކޮމިޝަނުގެ މެންބަރު އަހުމަދު ރަޝީދު ކަމަށެވެ. މި ނިންމުން ނިންމާފައި ވަނީ ކޮމިޝަނުގެ ހަތް މެންބަރުންގެ އިއްތިފާގުންނެވެ.

އެކަމަކު ސުޕްރީމް ކޯޓުގައި ހޯމަ ދުވަހު ބޭއްވި އަޑުއެހުމަށް ޖަވާބުދާރީވުމަށް ކަނޑައަޅާފައިވާ މެންބަރުންގެ އިތުރުން ކޮމިޝަނުގެ މުވައްޒަފު އަދި ވަކީލު އަބްދުލްފައްތާހު އަބްދުލްޣަފޫރު ވެސް ހާޒިރުވި އެވެ. ކޮމިޝަނުގެ ފަރާތުން ޖަވާބުދާރީވުމަށް ސުޕްރީމް ކޯޓުން އަމުރު ފޮނުވާފައި ވަނީ ވެސް އޭނާއަށެވެ.