ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވައި ގާނޫނު އަސާސީގެ ދިފާއުގައި ގުޅިގެން މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން މިރޭ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ރަސްމީކޮށް އެއްބަސްވެއްޖެ އެވެ.

ގާނޫނުއަސާސީ ހިމާޔަތް ކުރުމަށް ކަމަށް ބުނެ އެމްޑީޕީ އާއި ޖޭޕީން، ޖުމްހޫރީޕާޓީގެ މައި ޖަގަހަ މާފަންނު ކުނޫޒުގައި ބޭއްވި މަޝްވަރާ ބައްދަލުވުމަށް ނޫސްވެރިންނާ ބައްދަލުކުރައްވައި، ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ވިދާޅުވީ ގާނޫނުތަކަށް ބަދަލު ގެނެސް، ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ބައެއް ބޭފުޅުން މަގާމުތަކުން ވަކި ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށާއި، ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ކުރަމުންދާ މަސައްކަތް ހުއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް އެމްޑީޕީ އާއި ޖޭޕީން ނިންމާފައިވާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ހުއްޓުވުމަކީ ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން ކުރަން ޖެހޭނެ ކަމެއް ކަމަށް އަމީން ވިދާޅުވި އެވެ.

"ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ކުރާ މަސައްކަތް ހުއްޓުވައި، ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ ސިޔާސީ ޕާޓީތަކުގެ ހައިސިއްޔަތުން ކުރައްޖެހޭނެ ކަމެއް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން ދެ ޕާޓީ ގުޅިގެން ގާނޫނުއަސާސީ ހިމާޔަތްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި ގާނޫނު އަސާސީއާ ހިލާފަށް ކުރަމުންދާ ކަންކަން ހުއްޓުވާނެ ކަމަށެވެ. 'ސަން' އަށް އެނގިފައިވާ ގޮތުގައި މިރޭ އެމްޑީޕީ އާއި ޖޭޕީން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގައި، ގާނޫނުއަސާސީއަށް ބަދަލުގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާ އެއްވެސް ހުށައެޅުމަކަށް، ދެ ޕާޓީގެ ތެރެއިން އެއްވެސް ޕާޓީއަކުން ވޯޓު ނުދިނުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ކުރަމުންދާ ވެރިކަން ހަމަމަގަށް އަޅުވައި، ގާނޫނީ އިމުގެ ތެރެއިން ވެރިކަން ކުރާ ސަރުކާރެއް ގާއިމް ކުރުމަށް މަސައްކަތް ކުރުމަށް މިރޭގެ މަޝްވަރާ ބައްދަލުވުމުގައި އެއްބަސްވެވިފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"އުފާވެރި ހަމަޖެހޭ ދިރިއިޅުމަކަށް ދިވެހި ރައްޔިތުން ކުރި އުންމީދުތަށް ފުރިހަމަ ކުރުމަށް ގެނައި ސަރުކާރު އެކަން ކުރުމަށް ފެއިލްވެފައި ވާތީ އަދި ގާނޫނުއަސާސީގެ ރޫހާ ހިލާފަށް މިއަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން ދާތީ. ދިވެހި ރައްޔިތުން ބޭނުންވާ ގާނޫނީވެރިކަމެއް ގާއިމް ކުރުމަށް ޓަކައި ދެބައި މީހުން އެއްވެގެން ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމެއް،" އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީއަކީ އަބަދުވެސް ގައުމާއި ރައްޔިތުންގެ އުފާތަކާއި އުންމީދުތައް ހާސިލްުކޮށްދިނުމަށް މަސައްކަތް ކުރާ ދެ ޕާޓީ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ރައްޔިތުންގެ އުފާތަކާއި އުންމީދުތަށް ހާސިލްކޮށްދިނުމަށް މަސައްކަތް ކުރާ ޕާޓީއެއް، އަދި ހަމަ އެހެންމެ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތިބޭފުޅުން ވެސް އެކަމަށް އެއްބަސްވެ ވަޑައޮގަންނަވާނެ އެމްޑީޕީއަކީވެސް ހަމަ މިދެންނެވި ބޭޏުމުގައި މަަސައްކަތް ކުރާ ޕާޓީއެއް" އަމީން ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ މިރެއަކީ އެ ޕާޓީއަށް އުފާވެރި ރެއެއް ކަމަށާއި، ގާނޫނުއަސާސީގެ ދިފާއުގައި މަސައްކަތް ކުރުމަށް އިތުރު މަޝްވަރާތަށް ކުރިއަށް އޮތް ތަނުގައި ބޭއްވިގެން ދާނެ ކަމަށެވެ. އަދި ބޭނުންހާ އެއްޗެއް ދިވެހި ގައުމަށާއި ދިވެހި ރައްްޔިތުންނަށް ހެދުމުގެ ޖާގަ އެއްވެސް ފަރާތަކަށް ނުދޭނަން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

މިރޭގެ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމަށް އެމްޑީޕީން ކަނޑައެޅި ޓީމުގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިބްރާހީމް މުހައްމަދު ސޯލިހާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ މިރޭގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގަންނަވަ އެވެ.