ސާނަވީ އިމްތިހާނުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންގެ ތެރެއިން މުދައްރިސުކަން ކިޔަވަން ބޭނުންވާ ކުދިންނަށް ސްކޮލޮޝިޕް ލިބޭ ޕްރޮގްރާމެއް ފަށައިފި އެވެ.

ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ހަފްލާއެއްގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މުދައްރިސުންނަކީ ގާބިލު ބަޔަކަށް ހެދުމަށް ތަހުޒީބު މުޖުތަމަ އަކަށް ގާބިލް ޓީޗަރުން ބިނާކުރުމުގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފާތިމަތު އިބްރާހީމެވެ.

މުދައްރިސުންގެ ފެންވަރު މަތި ކުރުމަށް ފަށާފައިވާ އެ ޕްރޮގްރާމުގެ ދަށުން ސެޓްފިކެޓް ފެންވަރުގެ ހުރިހާ މުދައްރިސުންނަށް ވަޒީފާގައި ތިބެގެން ޑިޕްލޮމާ ފެންވަރަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ. ޑިޕްލޮމާ ފެންވަރުގެ ހުރިހާ މުދައްރިސުންނަށް ވަޒީފާގައި ތިބެގެން ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ވެސް އެ ޕްރޮގްރާމުން ވަނީ ފަހިކޮށްދީފަ އެވެ.

މަތީ ސާނަވީ އިމްތިހާނުން ތިން މާއްދާއިން ފާސްވާ ދަރިވަރުންގެ ތެރެއިން ޓީޗިން ކޯހަށް އެދޭ ކޮންމެ ކުއްޖަކަށް ސްކޮލޮޝިޕް ފުރުސަތު ދިނުމަށް ހަމަޖެހިފައިވެ އެވެ. އަދި ކޮންމެ އަހަރަކު 101 މުދައްރިސަކަށް މުސާރައިގެ އެލެވެންސާއެކު ކިޔެވުމުގެ ފުރުސަތު އެ ޕްރޮގްރާމުގެ ދަށުން ލިބޭނެ އެވެ.

ނަމަވެސް އެ ޕްރޮގްރާމުގެ އިތުރު އެއްވެސް ތަފްސީލެއް ރަސްމިއްޔާތުގައި ދީފައެއްނުވެ އެވެ.

"ތަހުޒީބު މުޖުތަމައަކަށް ގާބިލް ޓީޗަރުން" ބިނާކުރުމަށް ގައުމީ ޔުނިވާސިޓީން ކުރަމުން ގެންދާ މަސައްކަތް ފާހަގަކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޒާހިރު ހުސައިނަށް ހަނދާނީ ފިލައެއް އަރުވާފަ އެވެ.

ރާއްޖޭގެ ކިޔަވާ ކުދިންގެ ދުޅަހެޔޮކަމާ ކުރިއެރުވުމަށް ރައީސްގެ އަނބިކަބަލުން ކޮށްދެއްވާ ހިދުމަތުގެ އަގުވަޒަންކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަނީ މުދައްރިސްކަމުގެ ޝަރަފުގެ އައްޑަނަ އެކަމަނާއާ ހަވާލުކޮށްދެއްވާފަ އެވެ.

މިރޭ އިފްތިތާހު ކުރި ޕްރޮގްރާމްގެ ދަށުން ސެޓްފިކެޓް ފެންވަރުގެ ޓީޗަރުންނަށް ޑިޕްލޮމާ ފެންވަރަށް ކިޔެވުމަށް 700 ޖާގަ ގައުމީ ޔުނިވާސިޓީ ވަނީ ހުޅުވާލާފަ އެވެ. ޑިޕްލޮމާ ފެންވަރަށްވުރެއް ދަށް ފެންވަރުގެ ޓީޗަރުންނަށް ވަޒީފާގައި ތިބެގެން ހަ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ވަނީ ހަމަޖައްސާފަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޑިޕްލޮމާ ފެންވަރުގެ ތިބި ޓީޗަރުންގެ ތެރެއިން 2000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީން ކުރުމަށް ބޭނުންވާ ކޮލެޖް/ޔުނިވާސިޓީއަށް ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

މިހާރު ހިދުމަތުގައި ތިބި ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ޕްރޮގްރާމެއް ފަށާފައިވާއިރު، މިއަހަރުގެ ނިޔަލަށް ދަށް ވެގެން ޑިޕްލޮމާ ފެންވަރަށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތުގެ ބޭނުން ނުހިފާ ތިބި ޓީޗަރުން ވަޒީފާއިން ވަކި ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

ތައުލީމީ ދާއިރާގެ މުވައްޒަފުންނަށް މުސާރަ އާއި އެއްވަރުގެ އެލެވެންސެއް ލިބޭ ގޮތަށް ކިޔެވުމުގެ ފުރުސަތު ރާއްޖޭގެ 85 ސްކޫލަކުން 101 ފަރާތަކަށް ވަނީ މިދިޔަ އަހަރުން ދީފަ އެވެ. އެއީ ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ 36 ފުރުސަތަކާއި ޑިގްރީ ފެންވަރަށް ކިޔެވުމަށް 65 ފުރުސަތެވެ.