26 Jan 2015, 22:43
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގެ ގޯތި ތެރެއަށް ޑްރޯން އެއް (މީހުންނާ ނުލައި އުދުހޭ އުޅަނދެއް) ވެއްޓިއްޖެ އެވެ.
އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ ތިރިން އުދުހުނު ޑްރޯނެއް ވައިޓްހައުސްގެ ގޯތިތެރެއަށް ވެއްޓުނީ ރޭ ފަތިހު ކަމަށެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ގައުމުގައި ވަޑައިގެން ނޫޅުއްވާ ވަގުތެއްގައި ވެއްޓުނު އެ ޑްރޯންގެ ސަބަބުން ސަލާމަތީ ގޮތުން އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެމެރިކާގެ ރައީސްގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ސީކްރެޓް ސާވިސް އިން ވަނީ ބުނެފަ އެވެ.
ސީކްރެޓްސާވިސް އިން ބުނެފައި ވަނީ ވެއްޓުނީ ދެފޫޓް ދިގު ކްއާޑްކޮޕްޓަރެއް (ހަތަރު ބުރަފަތީގެ އެހީގައި އުދުއްސާ ކުޑަ އުޅަނދެއް) ކަމަށާއި އެއީ ވިޔަފާރީގެ އުސޫލުން ވިއްކަން ހުންނަ ބާވަތެއް ކަމަށެވެ.
"ވިޔަފާރީގެ އުސޫލުން ގަންނަން ލިބެން ހުންނަ މި ޑިވައިސްގެ އަސްލާއި ފޮނުވި ބޭނުމަކާއި ފޮނުވި ބަޔަކު ދެނެގަތުމަށް ތަހުގީގެއް އަންނަނީ ކުރަމުން،" އެމެރިކާ ސީކްރެޓް ސާވިސްގެ ތަރުޖަމާން ބްރަޔަން ލިއަރީ ވިދާޅުވި ކަމަށް އޭޕީ ބުންޏެވެ.
ހާދިސާ ހިނގި އިރު ރައީސް ބަރަކް އޮބާމާއާއި އަނބިކަނބަލުން މިޝޭލް އޮބާމާ ވަޑައިގެން އުޅުއްވަނީ އިންޑިއާގަ އެވެ. ނަމަވެސް ދެ ދަރިކަނބަލުންނާއި އެ ދެ ދަރިކަނބަލުންގެ މާމާފުޅު ވައިޓްހައުސްގއި ތިއްބެވީ ވައިޓްހައުސްގައި ކަމެއް ނުވަތަ ނޫންކަމެއް ނޭނގެ އެވެ. އާއްމުގޮތެއްގައި އޮބާމާއާއި އަނބިކަނބަލުން ތަންތަނަށް ވަޑައިގަންނަވާ އިރު ، ދަރިދަރިކަނބަލުން ނުގެންދަވާ ބައިތިއްބަވާ ކަމަށާއި އެއީ އެބޭފުޅުން ސްކޫލަށް ވަޑައިގަންނަވާތީ ކަމަށް އޭޕީ ބުންޏެވެ.