މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާއިން މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން (އެމްއޭއޭ) އަށް 200،000 އެމެރިކާ ޑޮލަރު ހޯދައިދެއްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
~
އެމްއޭއޭއަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ހިރިޔާ ސްކޫލުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން އެ ޖަމިއްޔާއަށް އެހީތެރިކަން ފޯރު ކޮށްދިނުމަށް ނިންމާފައިވާއިރު އެކަމަށް ފަންޑް ރައިޒް ކުރުމުގެ މަސައްކަތް މިހާރު ވެސް ފަށާފައިވާ ކަމަށެވެ.

"އޯޓިޒަމް އެސޯސިއޭޝަނަށް ފަންޑްރައިޒިންގެ މަސައްކަތްތަކެއް އެބަ ކުރަން. މާތްކަލާންގެ ރަސްކަންފުޅާއެކު އަޅުގަނޑުމެންގެ މަސައްކަތް ފަށާނަން. މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން އިރާދަ ކުރެއްވިއްޔާ އޯޓިޒަމް އެސޯސިއޭޝަނަށް ޓުއަރިޒަމް އިންޑަސްޓްރީން 200،000 ޑޮލަރު ރެއިޒް ކޮށްދޭނެ ކަމުގެ ޔަގީން ކަން އަޅުގަނޑު އަރުވަން،" އަދީބު ވިދާޅުވިއެވެ.

އެސޯސިއޭޝަންގެ މަސައްކަތަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ކަމަކަށް ހައްލެއް ހޯދައިދިނުމުގެ ބަދަލުގައި އަމިއްލަ ބަޔަކު ތެދުވެ އެކަމެއް ކުރިއެރުވުމަށް އުޅުމަކީ "އެންމެ މޮޅުގޮތް" ކަމަށެވެ. ތަރައްގީ ވަމުންދާ ގައުމެއްގައި ސިޔާސީ ލީޑަރުންގެ އިތުރުން އެހެން ލީޑަރުން ވެސް އުފެދުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.