26 Jan 2015, 21:14
ފޮޓޯގުރާފީ ދާއިރާއިން ބޭރުގެ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު 'ސަން' އަށް ވިދާޅުވީ ދިވެހި ފޮޓޯގުރާފަރުންގެ ކަންބޮޑުވުމަށް ހައްލެއް ގެނެސްދޭނެ ކަމަށާއި މީގެފަހުން ބޭރުގެ ފަރާތްތަކަށް ފޮޓޯގުރާފީގެ މަސައްކަތް ކުރުމަށް ހުއްދަ ދޫނުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ފޮޓޯގުރަފީއަކީ ކުދިއަދިމެދު ފަންތީގެ ވިޔަފާރީގެ ތެރޭގައި ހިމަނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފޮޓޯގުރަފީ ދާއިރާއަށް ދެން ކޯޓާއެއް ދުލެއް ނުކުރާނެ." މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ފޮޓޯ ނެގުމުގެ މަސައްކަތްތަކަށް ބައެއް ފަރާތްތަަކަށް މިހާރު ހުއްދަ ދީފައިވާއިރު އެހުއްދަތައް ވަރަށް އަވަހަށް ރިވިއުކޮށް ކައިރި މުސްތަގުބަލެއްގައި ގޮތްތަކެއް ނިންމާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
ދިވެހި ފޮޓޯގުރާފަރުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ބެލުމަށް މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުން ބުނެފައިވާއިރު ދިވެހި ފޮޓޯގުރާފަރުން ބުނަނީ، ބިދޭސީން އެދާއިރާއަށް އަތްގަދަ ކުރުމުގެ ސަބަބުން ދިވެހިންނަށް ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
ފޮޓޯ ކައުންސިލްގެ ރައީސް މުހައްމަދު ޝާފީ ވިދާޅުވީ، ރިސޯޓްތަކުގައި ކުންފުނިތައް ހަދައިގެން ގިނަ އަދަދެއްގެ ބިދޭސީ ފޮޓޯގްރާފަރުން ގަވައިދާ ޚިލާފަށް ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެކަމުގެ ސަބަބުން 1500 އަށްވުރެ ގިނަ ދިވެހިން ހަރަކާތްތެރިވާ އެދާއިރާއިން ދިވެހިންނަށް ފުރުސަތު ގެއްލި ފޮޓޯގްރަފީގެ މަސައްކަތް ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި 14 ރިސޯޓެއްގައި 28 އަށްވުރެ ގިނަ ބިދޭސީ ފޮޓޯގްރާފަރުން ހަރަކާތްތެރިވާ އިރު ހުޅުމާލޭގައި ފުލެޓު ހިފައިގެން ފޮޓޯނަގައިގެން އާމްދަނީ ހޯދާ ވިއްސަށް ވުރެ ގިނަ ބިދޭސީން، ގަވައިދާ ހިލާފަށް ހަރަކާތްތެރިވަމުނެވެ.