މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ކޯޑިނޭޓަރުގެ މަގާމަށް އިތުރު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ޔޫތު މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވިގޮތުގައި މިއަދު އަލަށް ކޯޑިނޭޓަރަކަށް ހަމަޖައްސާފައިވަނީ އަހުމަދު ރީހާން އެވެ. އޭނާ އަކީ ސަރުކާރު ހިންގާ ކޯލިޝަން އެމްޑީއޭގެ ޒުވާނުން ގޮފީގައި އިސްދައުރެއް އަދާ ކުރަމުން އަންނަ ބޭފުޅެކެވެ.

ރީހާން މިއަދު ސަން އަށް ވިދާޅުވީ، އޭނާ އެމަގާމަށް ހަމަޖެހުމާއެކު ޒުވާނުންނަށްޓަކައި ހިދުމަތް ކުރުމަށް ދެމިހުންނާނެ ކަމަށެވެ. އެމަގާމާއެކު ކުރިންވެސް އޮތް ގާތްކަން ޒުވާނުންނާއެކު ބާއްވާނެ ކަމަށް ރީހާން ވިދާޅުވި އެވެ.

"މިސަރުކާރާއެކު ކޮންމެ ޒުވާނަކަށްވެސް ކުރިއަށް ދިއުމުގެ މަގު އެބައޮތް. ކުރިއަށްއޮތްތަނުގައި ހިދުމަތް ޒުވާނުންނަށް ފެނިގެންދާނެ،" ރީހާން ވިދާޅުވި އެވެ.

ރީހާން އަކީ ޔޫތު މިނިސްޓްރީގެ 13 ވަނަ ކޯޑިނޭޓަރެވެ.