ޕީޕަލްސް ކަޕްގައި މިއަދު މާޒިޔާއާ ދެކޮޅަށް ނިއުރޭޑިއެންޓު ކުޅުނު މެޗު އެއްވަރުވީ ނަމަވެސް އެ މެޗުގައި ހިތްހަމަ ޖެހޭ ބައެއް ކަންކަން ފެނިގެން ދިޔަ ކަމަށް ނިއުގެ ކޯޗް މިކާ ލޮންސްޓްރޮމް ބުނެފި އެވެ.

މިކާ ބުނީ ވޭތުވެދިޔަ ދެ މެޗާ އަޅައިބަލާއިރު މިއަދުގެ މެޗުގައި ނިއުގެ އެޓޭކިންގް ރަނގަޅުކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި މެޗުގައި ބޯލް ކޮންޓްރޯލިން ވެސް ރަނގަޅުކަން ފާހަގަކޮށް، މިކާ ބުނީ މިއަދު އެ ޓީމަށް ލަނޑެއް ކާމިޔާބު ނުކުރެވުނީ ނިއު އުފެއްދި ހަމަލާތަކުގައި ޝޮޓު ނެހެދުމުން ކަމަށެވެ.

"ކުރިން ކުޅުނު ދެ މެޗާ އަޅައިބަލާއިރު، މިއަދު ޓީމްގެ އެޓޭކިން ރަނގަޅުކަން ފާހަގަ ކުރެވޭ. އަދި ބޯލް ކޮންޓްރޯލިން ވެސް ރަނގަޅު. ނަމަވެސް މެޗުގައި ލަނޑެއް ނުޖެހުނީ ހަމަލާ އުފެއްދުމުގެ ތިންވަނަ ފޭސްގައި އެހާ ގިނަ ޝޮޓުތައް ހެދިފައި ނުވުމުން. މެޗުގައި ނިއުއިން 20 ވަރަކަށް ފުރުސަތު އުފެއްދި. ނަމަވެސް ހެދިފައި ވަނީ އެންމެ ފަސް ވަރަކަށް ޝޮޓު. އެއީ އަހަރުމެން ރަނގަޅު ކުރަން ޖެހޭ ކަމެއް،" މިކާ ބުންޏެވެ.

މިކާ ބުނީ، މިއަދު ކުޅުންތެރިންގެ މޯޓިވޭޝަންވެސް ރަނގަޅުކަން ފާހަގަ ކުރެވުނު ކަމަށާއި، ނަމަވެސް ކުޅުންތެރިން އަދިވެސް ސެލްފް ކޮންފިޑެންސް އިތުރު ކުރަން ޖެހޭ ކަމަށެވެ. އަދި ޓީމުގެ ސައިޑް މޫވްމަންޓް އިތުރު ކުރަން ޖެހޭ ކަމަށާއި، ޓީމްގެ މެދުތެރެވެސް އަދި އިތުރަށް ރަނގަޅު ކުރަން ޖެހޭ ކަމަށް މިކާ ބުންޏެވެ.

"ޓީމްގެ މޯޓިވޭޝަން ރަނގަޅު، ނަމަވެސް ޝޮޓުތައް މަދުވުން އެއީ ކުޅުންތެރިންގެ ސެލްފް ކޮންފިޑެންސް ދަށްކަން އަންގައިދޭ ކަމެއް. އޭގެ އިތުރުން ހަމަ އެކަނިކުރިއަށް ޖެހިލާ، ފަހަތަށް ޖެހުމުގެ ބަދަލުގައި ޓީމް އިތުރަށް ވައިޑު ވެލާ، ސައިޑުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފަން ޖެހޭ. ޓީމްގެ މިޑްފީލްޑުވެސް މިއަދު ރަނގަޅު. ނަމަވެސް ބައެއް ބޯޅަތަށް ގެއްލިގެން ދިޔަ. އަދި އެކަމުގެ ސަބަބުން ޑިފެންސުވެސް ކުޑަކޮށް އޮޅުން އަރާ ގޮތް ވި. މި ކަންކަން ރަނގަޅު ކުރަން ޖެހޭ. އަދި އެޓޭކް ތަކުގައި އަހަރުމެންނަކީ ނުރައްކާތެރި ޓީމެއްކަން އަހަރުމެން ދައްކަން ޖެހޭ،" މިކާ ބުންޏެވެ.

މިއަދުގެ މެޗުގައި ނިއުގެ ޑިފެންޑަރު ޝިފާން އަށް ރަތް ކާޑެއް ދައްކާފައި ވާއިރު، މިކާ ބުނީ ރެފްރީންގެ ނިންމުމާމެދު އެއްޗެކޭ ބުނަން އޭނާ ބޭނުން ނުވާކަމަށެވެ. ނަމަވެސް ކުޑައްޓޭ އަކީ ވަރަށް ތަޖުރިބާ ހުރި ރަނގަޅު ކުޅުންތެރިއެއް ކަމަށާއި، މިއަދުގެ މެޗުގައި އެ ޓީމްގެ ޒުވާން ފޯވާޑް ހަމްޒާ މުހައްމަދު (ހަންޕު)ގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައި ވާކަމަށް މިކާ ބުންޏެވެ.