09 Feb 2011, 15:22
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާންކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އެކޮމިޝަނުގެ ނައިބު ރައީސް އަހްމަދު ފަޔާޒް ހަސަން މިއަދު ވިދާޅުވީ، މިރޭ 9:00 އިން ފެށިގެން ކޮމިޝަނުގެ ޖަލްސާ ކޮޓަރީގައި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކުރަން ފަށާނެ ކަމަށެވެ.
"އެ ތައްޔާރީތައް މިހާރު ވަމުން މިދަނީ. އަޅުގަނޑުމެން ހުރިހާ ރޭޑިއޯއަކަށް، ޓީވީއަކަށް އަދި ނޫސްތަކަށް ވެސް ދަންވާލާނަން،" ފަޔާޒް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިރޭ އިއުލާން ކުރާނީ ހުރިހާ ވޯޓުފޮއްޓެއް ގުނާ ނިމިފައިވާ ދާއިރާތަކުގެ ވަގުތީ ނަތީޖާ ކަމަށެވެ.
އިންތިހާބު ނިމުނުތާ ހަތަރު ދުވަސްވެފައިވާ އިރު އިލެކްޝަންސް އިން އަދިވެސް ވަގުތީ ނަތީޖާ އިއުލާންކޮށްފައެއް ނުވެ އެވެ. އަދި ކައުންސިލް އިންތިހާބު ބޭއްވި ހުރިހާ ދާއިރާއެއްގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ނުކުރެވޭނެ ކަމަށް ވެސް ފަޔާޒް ވިދާޅުވި އެވެ.
"މިރޭ މި އިއުލާންކުރަނީ މިހާތަނަށް އަޅުގަނޑުމެންނަށް ލިބުނު ވަގުތީ ނަތީޖާ،" ފަޔާޒު ވިދާޅުވި އެވެ.
އަދި އިތުރު ދާއިރާތަކުގެ ވަގުތީ ނަތީޖާ ޝީޓުތައް ކޮމިޝަނަށް ލިބުމާ އެކު، އެ ނަތީޖާތައް ވެސް ޗެކުރުމަށް ފަހު އިއުލާންކުރަމުންދާނެ ކަމަށް ފަޔާޒް ވިދާޅުވި އެވެ.
"ނުނިމި ހުރި ނަތީޖާތައް އަޅުގަނޑުމެން މާދަމާ ވެސް އިއުލާންކުރާނަން،"
ފަޔާޒް ވިދާޅުވި ގޮތުގައި، ވަގުތީ ނަތީޖާގެ 70 ޕަސަންޓު ވަނީ ނިމިފަ އެވެ.
"އަޅުގަނޑު ދަންނަވާނީ މިހާރު އަޅުގަނޑުމެންނަށް ވަގުތީ ނަތީޖާގެ ގާތްގަނޑަކަށް 70 ޕަސަންޓުވަރު ނިންމާލެވިއްޖެ. އެވާގޮތަކީ އަޅުގަނޑުމެން ހުރިހާ އެއްޗެހި ބަލައި ޗެކްކޮށްލަން މިޖެހެނީ. އަށް ހާސް ޝީޓް ޗެކުކުރަން ޖެހޭ. އެ ޗެކެއް ނުކުރެވޭނެތާ އިންސާނުންނަށް މެނުއަލްކޮށް ނޫން ގޮތަކަށް. އެހެންވީމަ ވާގޮތަކީ އަޅުގަނޑުމެންނަށް އެ މަސައްކަތަށް މި ލަސްވަނީ." ފަޔާޒް ވިދާޅުވި އެވެ.
ޤާނޫނުގައިވާ ގޮތުގައި، އިންތިހާބު ނިމޭ ދުވަހުން ފެށިގެން ދެ ހަފްތާ ތެރޭ ރަސްމީ ނަތީޖާ އިއުލާންކުރަން ޖެހެ އެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އުފައްދާ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ރަށު ކައުންސިލްތަކަށް 1091 މީހުން އިންތިހާބުކުރަން ޖެހެ އެވެ.