ޕީޕަލްސް ކަޕްގައި މިއަދު މާޒިޔާއާ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރު ވުމުން، ޓީމުގެ މެނޭޖްމަންޓުގެ ހިޔާލު ހުރި ގޮތް ނޭނގޭ ކަމަށާއި، ނިއުގެ ކޯޗުގެ ގޮތުގައި ހުރެވޭނެ ކަމާމެދު އެއްޗެކޭ ބުންނަން ނޭނގޭ ކަމަށް ނިއުގެ ކޯޗް މިކާ ލޮންސްޓްރޮމް ބުނެފި އެވެ.

މިކާ ބުނީ އޭނާގެ ވަޒީފާއަކީ ޓީމާއެކު ނަތީޖާ ނެރުން ކަމަށާއި، ނަމަވެސް ޕީޕަލްސް ކަޕްގައި ނިއު ކުޅުނު ދެ މެޗުން އެކަން ކުރެވިފައި ނުވާކަމަށެވެ. އަދި ނިއުއިން މިއަދު ނެރުނު ބަޔާނަށް އޭނާ ތާއީދު ކުރާ ކަމަށާއި، ކްލަބާއެކު އޭނާ މަސައްކަތް ކުރަނީ ވަރަށް ކުރާހިތުން ކަމަށްވެސް މިކާ ބުންޏެވެ.

"މި މުބާރާތުގައި ނިއު ނެރުނު ނަތީޖާއާއެކު ކްލަބުގެ މެނޭޖްމަންޓުގެ ހިޔާލު ހުރި ގޮތެއް ނޭނގޭ. އަހަރެންގެ ވަޒީފާއަކީ ޓީމާއެކު ރަނގަޅު ކާމިޔާބީތަކެއް ހޯދުން. ނަމަވެސް ސަޕޯޓަރުންވެސް ޓީމުގެ ކޯޗާއި ބައެއް ކުޅުންތެރިންވެސް ބަދަލުކުރަން ބޭނުންވާހެން ހީވޭ. މިއަދު ނިއު ނެރުނު ބަޔާނަށް އަހަރެން ތާއީދު ކުރަން. މިދިޔަ ދެ މެޗާމެދު އަހަރެންވެސް ހިންހަމައެއް ނުޖެހޭ. ނަމަވެސް މި ޓީމާއެކު އަހަރެން މަސައްކަތް ކުރަނީ ވަރަށް ކުރާ ހިތުން،" މިކާ ބުންޏެވެ.

މިކާ ބުނީ ކްލަބުން ޓީމުގެ ކޯޗު ބަދަލުކުރަން ނިންމައިފި ނަމަ އޭނާ އެކަމަށް އިހުތިރާމް ކުރާނެ ކަމަށާއި، ކްލަބުގެ މެނޭޖްމަންޓަކީ ވަރަށް ތަޖުރިބާކާރު މެނޭޖްމަންޓެއް ކަމަށެވެ. އަދި ކްލަބާއެކު އޭނާ ކާމިޔާބީތަކެއް ހޯދަން ބޭނުން ކަމަށާއި، ނަމަވެސް މި މުބާރާތަށް ކުޅުންތެރިންގެ ފިޓްވެސްވެސް އެހާ ރަނގަޅު ނޫން ކަމަށް މިކާ ބުންޏެވެ.

"ޓީމްގެ މެނޭޖްމަންޓަކީ ވިސްނާނުލައި ކަންކަން ކުރާ މެނޭޖްމަންޓެއް ނޫން. އެއީ ވަރަށް ތަޖުރިބާކާރު މެނޭޖްމަންޓެއް. ނަމަވެސް މޮޅު ނުވާނަމަ މެނޭޖްމަންޓަށްވެސް ހަމަޖެހިލައިންނެއް ނުތިބޭނެ. މި ކްލަބަށް ކާމިޔާބީތަކެއް ހޯދަދޭން އަހަރެން ބޭނުން، އެކަމަށް އަހަރެން ވަރަށް ގަދަ އަޅާ މަސައްކަތް ކުރަން. ނަމަވެސް މި މުބާރާތަށް ކުޅުންތެރިންގެ ފިޓްނެސްވެސް އެހާ ރަނގަޅެއް ނޫން. 90 މިނެޓު ކުޅެން ކުޅުންތެރިންނަށް އަދި އުނދަގޫ،" މިކާ ބުންޏެވެ.

ޕީޕަލްސް ކަޕްގައި ނިއު ހޯދި ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ ކަމަށް ބުނެ ނިއުއިން މިއަދު ބަޔާނެއް ނެރެފައި ވާއިރު، ކާމިޔާބީ ހޯދާ ކްލަބެއްގެ ގޮތުގައި ނިއު ދަމަހައްޓަން ކްލަބުގެ މެނޭޖްމަންޓުން ކުރަން ޖެހޭ އެއްވެސް ކަމެއް ކުރަން ފަސް ނުޖެހޭނެ ކަމަށް އެ ބަޔާނުގައި އެ ކްލަބުން ބުނެފައި ވެއެވެ.