26 Jan 2015, 19:46
ކޯޓު އަމުރާ ޚިލާފަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްގެން ގެންގުޅޭ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރު ކުރި މީހެއް ނިމެންދެން އޭނާ ބަންދުގައި ބަހައްޓާފައި ވަނިކޮށް ބަލިހާލަތު ހުރިގޮތުން ބަންދުން ދޫކޮށްލަން މިއަދު 12:55 ގައި ކްރިމިނަލް ކޯޓުން ވަނީ އަމުރުނެރެފަ އެވެ. އެހެންނަމަވެސް އޭނާ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް އިރު ކަރެކްޝަނަލް ސާވިސް އިން ވަނީ އޭނަގެ ފައިގައި ބިޑިއަޅުވާފަ އެވެ.
އެމީހާގެ ގަނޫނީ ވަކީލު ވިދާޅުވީ، އޭނާގެ ބަންދުން ދޫކޮށްލާފައި ވަނީ އެކަމަށްޓަކައި މިއަދު ކްރިމިނަލް ކޯޓަށް އާއިލާގެ މީހުންނާއި ދިފާއީ ވަކީލުގެ އިތުރުން ފުލުހުންގެ އިސް ބޭފުޅުންނާއި ކަރެކްޝަނަލް ސާވިސްގެ އިސް ބޭފުޅުން ހާޒިރުކުރުމަށް ފަހު ކަމަށެވެ. އަދި އެ އަމުރު ނެރެފައި ވަނީ އޭނާ ބަންދުން ދޫކޮށްލުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމެއް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދޫކޮށްފައި ވަނިކޮށް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
އެމީހާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ ހޮސްޕިޓަލަށް ގޮސް ކޯޓު އަމުރު ދެއްކުމުން ވެސް އޭނާ ބަންދުން ދޫކޮށްނުލި ކަމަށެވެ.
"ކަރެކްޝަނަލް ސާވިސްގެ ބޭފުޅުން ވިދާޅުވަނީ މިއަދު 12:55 އިން ފެށިގެން އަދިވެސް ފޮތުގައި ސޮއިނުކުރެވޭ ކަމަށް. ފޮތުގައި ސޮއިކޮށްގެން ނޫނީ އޭނާ ދޫނުކުރެވޭނެ ކަމަށް،" އެމީހާގެ އާއިލާ އިން ވާހަކަދެއްކި މީހަކު ބުންޏެވެ.
މިކަމާ ބެހޭ ގޮތުން ކަރެކްޝަނަލް ސާވިސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.