26 Jan 2015, 19:11
ޕީޕަލްސް ކަޕްގައި މިއަދު ކުޅުނު މެޗު އެއްވަރު ވުމުން މާޒިޔާއަށް މުބާރާތުގެ ފައިނަލުން މިހާރު ޖާގަ ކަށަވަރު ވެފައި ވާއިރު، މުބާރާތުގެ ފައިނަލުން ޖާގަ ލިބުނަސް މާޒިޔާއަށް މާ ބޮޑު އެޑްވާންޓޭޖެއް އޮތް ކަމަށް ނުބެލެވޭ ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.
ސުޒޭން ބުނީ މިރޭ ޕީޑީއާރްއެމް އާއި ސިންގަޕޯރ ލަޔަންސް ބައްދަލު ކުރާ މެޗުން ކޮންމެ ޓީމެއް މުބާރާތުގެ ފައިނަލަށް ދަތުރު ކުރިއަސް އެ ދެ ޓީމަކީވެސް ވަރަށް ރަނގަޅަށް ކުޅޭ ދެ ޓީމް ކަމަށެވެ. އަދި ފައިނަލްގައި އެއިން ކޮންމެ ޓީމަކާ ވާދަކުރަން ޖެހުނަސް، ވަރަށް ރަނގަޅަށް މަސައްކަތް ނުކޮށްފި ނަމަ ބަލިވުން އެކަށީގެން ވާކަމަށްވެސް ސުޒޭން ބުންޏެވެ.
"ފައިނަލްގައި މާ ބޮޑު އެޑްވާންޓޭޖެއް އޮތް ހެނެއް ހިއެއް ނުވޭ. އެއީ ލަޔަންސް އަކީ ޒުވާން ކުޅުންތެރިންތަކެއް ތިބި، ޕާފޯމެންސް ރަނގަޅު ޓީމެއް. އަދި ޕީޑީއާރްއެމް އަކީވެސް ހަމަ ތަފާތު، މޮޅު ޓީމެއް. ފައިނަލްގައި ރަނގަޅު އެފޯޓެއް ނުލެވިއްޖެނަމަ ބަލިވުން އެކަށީގެންވޭ. ލަޔަންސްއާ ދެކޮޅަށް ނިއު ކުޅުނު މެޗުންވެސް އެކަން އިނގިގެން ގޮސްފި. އެ މެޗުގެ ނަތީޖާ އެހާ ތަފާތު ބޮޑުވީ ނިއުއަށް ހަމަ ރަނގަޅު އެފޯޓެއް ނުލެވުމުން،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ މިއަދުގެ މެޗުން އެ ޓީމްގެ ޓާގެޓް ހާސިލް ނުވި ކަމުގައި ވިނަމަވެސް، ކުޅުންތެރިއަކަށް އަނިޔާއެއް ނުލިބި މެޗު ނިންމާލެވުމުން ހިންހަމަ ޖެހޭ ކަމަށެވެ. އަދި ކުޅުންތެރިންގެ ކުޅުމާމެދު ޖުމްލަ ގޮތެއްގައި ހިތްހަމަ ޖެހޭ ކަމަށާއި، ކުރިއަށް އޮތްތާ ކުޅުންތެރިން އަދި އިތުރަށް ރަނގަޅު ވާނެ ކަމަށް ސުޒޭން ބުންޏެވެ.
"މިއަދުގެ މެޗުގެ ޓާގެޓަކީ ތިން ޕޮއިންޓާއެކު ފައިނަލަށް ދިޔުން. މެޗުގެ ޓާގެޓް ހާސިލް ނުވި ކަމުގައި ވިޔަސް އިންޖަރީއެއް ނުވެ މެޗު ނިންމާލެވުމުން ހިތްހަމަޖެހޭ. މިއަދުގެ މެޗުގައި ކުޅުންތެރިން ވަރަށް ބޮޑަށް ބަލަންވެސް ޖެހުނު، އެއީ މާޒިޔާ ޓަފްކޮށް ކުޅުނު ނަމަ ހަމަ އިންޖަރީތަކެއް ވުންވެސް އެކަށީގެންވޭ. ކުޅުންތެރިން އަދިވެސް ތަންކޮޅެއް އާ. ނަމަވެސް ކުރިއަށް އޮތްތާ ރަނގަޅު ވާނެ،" ސުޒޭން ބުންޏެވެ.
އޭގެ އިތުރުން ސުޒޭން ވަނީ މި މުބާރާތަށްފަހު ޓީމާއެކު ހއ. ދިއްދޫއަށް ޓުއާއެއް އަޅަން ނިންމާފައި ވާކަންވެސް ހާމަކޮށްފައެވެ. އަދި އެ ރަށުގައި ހަތަރު މެޗު ކުޅެން ހަމަޖެހިފައި ވާކަމަށާއި، އެ ޓުއާގެ ސަބަބުން މާޒިޔާގެ ޓީމްވޯކް ރަނގަޅުވެ، ޓީމް އިތުރަށް ރަނގަޅު ވެގެން ދާނެ ކަމަށްވެސް ސުޒޭން ބުންޏެވެ.