26 Jan 2015, 17:07
ޓީބީ ޖެހިފައި ހުރި ކޮންމެ މީހަކީ ބަލި ފަތުރާ މީހެއް ނޫން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ( އެޗުޕީއޭ) ބުނެފި އެވެ.
މާލޭގައި ޓެކްސީ ކުރާ ބިދޭސީއަކަށް ޓީބީ ޖެހިފައިވާ ކަމަށާއި އެމީހާއަކީ ގައިން ގަޔަށް ބަލި ފަތުރާ މީހެއް ކަަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވެ އެވެ. އެކަމުގެ ސަބަބުން ބައެއް އާއްމުންގެ މެދުގައި ކަންބޮޑުވުންތައް އުފެދި އެ މައްސަލަ އެޗްޕީއޭ އަދި ކަމާ ބެހޭ ފަރާތްތަކަށް ވަނީ ހުށަހަޅައިފަ އެވެ.
އެކަމާ ގުޅިގެން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ނަޒްލާ ރަޝީދު މިއަދު 'ސަން' އަށް މިއަދު ވިދާޅުވީ ޓީބީ ބައްޔަށް ބޭސް ބޭނުންކުރަމުން ގެންދާ ކޮންމެ މީހަކީ ބަލި ފެތުރުމުގެ ނުރައްކާތެރިކަން ހުރި މީހެއް ނޫން ކަމަށާއި ހަށިގަނޑުގެ އެކިއެކި ގުނަންތަކަށް ބެލިޖެހިފައި ހުންނަ މީހުންގެ ގައިން އެބަލި ނާރާ މީހުން ވެސް އުޅޭ ކަމަށް ވެސް އެނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލި ފެތުރެނީ ފުއްޕާމެ އަށް ބަލިޖެހި ކުޅުގައި ޖަރާސީމުގެ އަސަރު ހުންނަ މީހުންގެ ފުށުން ކަމަށެވެ. ނަމަވެސް އެފަދަ މީހުން ވެސް ބޭސް ކާން ފެށީމާ ޖަރާސީމު ނެތިދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓީބީ ބައްޔަށް ބޭސްކަމުން ގެންދާ ކޮންމެ މީހަކީ ބަލި ފަތުރާ މީހެއް ނޫން، އެމީހެއްގެ ކުޅުގައި އެ ބަލީގެ ޖަރާސީމު ހުރުމުގެ ސަަބަބުން ބޭސް ކަމުން ގެންދާ ނަމަ އެ ދުވަސްވަރު އާއްމުންގެ ތެރެއަށް ވަދެ އުޅުން ރަނގަޅެއް ނުވާނެ،" ނަޒްލާ ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ ޓެކްސީ ކުރާ މީހެއްގެ ގައިން ބަލި ފެތުރުމުގެ ޗާން ވަރަށް ކުޑަ ކަމަށާއި ބަލި ހުރިތޯ ޓެސްޓްކުރާ މީހުން ވެސް ނޭޝަނަލް ޓީބީ ޕްރޮގްރާމްގެ ދަށުން ޓެސްޓް ކުރަނީ އެފަަދަ މީހަކާ އެކު އަށް ގަޑިއިރަށް ވުރެ ގިނައިރު ވަގުތު ހޭދަކޮށްފައިވާ މީހުންގެ ކަމަށެވެ.
ރާއްޖޭގައި ޓީބީ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ސަރުކާރުން ހިންގަމުން ގެންދާ ނޭޝަނަލް ޓީބީ ޕްރޮގްރާމްގެ ދަށުން ބަލި ޖެހިފައިވާ އެންމެންނަށް ވެސް ފަރުވާ ދެމުން ގެންދާ ކަމަށް ނަޒްލާ ވިދާޅުވި އެވެ. ނަމަވެސް ސީދާ އެފަދަ ޓެކްސީ ޑްރައިވަރަކަށް ބަލިޖެހިފައިވާ ކަމެއް ނުވަތަ އެމީހާއަކީ ބަލި ފެތުރުމުގެ ނުރައްކާ އޮތް މީހެއް ކަމެއް ވިދާޅެއް ނުވެ އެވެ.
"އެޗްޕީއޭ އިންނާއި ކަމާ ބެހޭ ދާއިރާތަކުން މަސައްކަތް ކުރާނަން އާއްމުންނަށް އެއްވެސް ނުރައްކަލެއް އަތުވެދާނެ ފަަދަ ގޮތަކަށް މަސައްކަތަކެއް ނުކުރާނެ، އެ ޔަގީންކަން އަޅުގަނޑުމެން ދެން،" ނަޒްލާ ވިދާޅުވި އެވެ.
ޓީބީއަކީ މުޅި ދުނިޔެއަށް ވެސް މިހާތަނަށް ދިމާވެފައިވާ އެންމެ ދުވަސްވީ، އަދި ކޮންޓްރޯލްކުރަން އުނދަގޫ އެއް ބައްޔެވެ. ދުނިޔޭގެ ސިއްޚަތު ޖަމިއްޔާގެ ހިސާބުތަކަށް ބަލާ އިރު، ގާތްގަނޑަކަށް 9.9 މިލިއަން މީހުން ކޮންމެ އަހަރު ޓީބީއަށް ފަރުވާހޯދަ އެވެ. އަދި އެއިޑްބަލި ޖެހިފައިވާ މީހުންގެ ތެރެއިން އަހަރަކު 620،000 މީހުން ޓީބީ ބަލީގެ ސަބަބުން މަރުވެ އެވެ. އަދި އެބަލިޖެހިފައިވާ މީހުންގެ އަދަތު ރާއްޖޭގައި ވެސް ވަނީ ނިސްބަތުން އިތުރުވެފަ އެވެ.