26 Jan 2015, 16:49
އެތެންސް (ޖަނަވަރީ 26) : ގްރީސްގައި އިއްޔެ ބޭއްވި އާންމު އިންތިޚާބު އެގައުމުގެ ވާތުފިޔައިގެ ޕާޓީއެއް ކަމަށްވާ ސީރްޒާ ޕާޓީގެ ލީޑަރު އެލެކްސީސް ސިބްރާސް ކާމިޔާބުކުރެއްވުމާ އެކު ޔުރަޕްގެ އިއްތިޙާދުގެ ބައެއް ގައުމުތަކުގެ ލީޑަރުން ކަންބޮޑުވާކަން ހާމަކުރައްވަން ފައްޓަވައިފި އެވެ.
އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި ތްސިބްރާސް ވިދާޅުވީ ގްރީސްއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ ޙައްލުކުރުމަށް ޓަކައި އޭނާގެ ސަރުކާރުން މުޅިން އައު ޕްލޭނެއް އެކަށައަޅާނެ ކަމުގަ އެވެ. މި ބަޔާނުގެ ސަބަބުން ޔޫރަޕްގެ ލީޑަރުންގެ ކަންބޮޑުވުން ވަނީ އިތުރުވެގެން ގޮސްފައި ކަމަށް ޚަބަރުތައް ބުނެ އެވެ. ސީރްޒާ ޕާޓީ އަކީ ޔޫރޯޒޯން ނުވަތަ ޔޫރަޕްގެ މާލީ އަދި އިގްތިސާދީ ސަރަހައްދުގެ ގައުމުތަކުގެ މާލީ އެހީތެރިކަމާ އެކު ގްރީސްގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ދެކޮޅުހަދާ ޕާޓީއެކެވެ. އަދި އެޕާޓީ އަކީ ޔޫރޯ ޒޯނުން ގްރީސް ބޭރުވުމަށް ވެސް ގޮވާލާ ޕާޓީއެކެވެ.
ގްރީސްއަކީ ދައުލަތުގެ ދަރަނި ބޮޑުވުމުގެ ސަބަބުން އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ގައުމެކެވެ. ގްރީސް ދަރަނި ސަލާމަތްކުރުމަށް އެތައް ބިލިއަން ޑޮލަރުގެ ލޯނު އެހީ ވަނީ ޔޫރޯ ޒޯންގެ ބައެއް ގައުމުތަކުންނާއި އައިއެމްއެފް އިން ދީފަ އެވެ. އެހެންކަމުން ޔޫރޯ ޒޯނުން ގްރީސް ބޭރުވެއްޖެ ނަމަ، ޔޫރަޕްގެ ގައުމުތަކަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ އެވެ. ޔޫރޯޒޯންގައި ހިމެނޭ 19 ގައުމުގެމާލީ ވަޒީރުން މިއަދު ބާއްވާ ބައްދަލުވުމުގެ އެޖެންޑާގެ މައިގަނޑު އެއް ކަމަކަށްހިމަނާފައި ވަނީ ވެސް ގްރީސްގެ އިންތިޚާބަށް ފަހު އެގައުމުގެ އިގްތިސާދީ ސިޔާސަތުތައް ބައްޓަންކުރާނެ ގޮތުގެ މައްސަލަ އެވެ.
އިންތިޚާބުގެ ކޭންޕޭންގެ ދުވަސްވަރު ސިބްރާސް ގްރީސްގެ ރައްޔިތުންނަށް ހުށަހެޅުއްވި މެނިފެސްޓޯގައި އިސްކަން ދީފައި ވަނީ އިގްތިސާދީ އިސްލާޙީ ޕްރޮގްރާމްތަކަށާއި ދަރަނިން ސަލާމަތްވާނެ ގޮތްތަކަށެވެ. މިގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ލޯންތަކަށް ލުއި ހޯދުމަށް މަސައްކަތްކުރުން އޭނާގެ އިގްތިސާދީ އެޖެންޑާގައި ހިމަނާފައިވެ އެވެ. އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ސީރްޒާ ޕާޓީގެ ލީޑަރު ސިޕްރާސް ވިދާޅުވީ ގްރީސްގެ ރައްޔިތުންވޭތުވެ ދިޔަ ފަސް އަހަރު އުފުލި ވޭންތައް ދެން ނިމުމަކަށް އަންނާނެކަމުގަ އެވެ. ނަމަވެސް ގްރީސްގެ ދަރަނީގެ މައްސަލަތައް ޙައްލުކުރުމަށް ބައިނަލްއަގްވާމީ ގޮތުން ދޭ އެހީގެ ޕެކެޖާބެހޭ ގޮތުން ޔޫރޯޒޯންގެ ގައުމުތަކާ މަޝްވަރާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގްރީސްގައި އިއްޔެ ބޭއްވި އާއްމު އިންތިޚާބުގެ ވޯޓްތައް ގުނައި ނިމިފައިވާ އިރު ޕާލަމެންޓުގެ 300 ގޮނޑީގެ ތެރެއިން 149 ގޮނޑިސީރްޒާ ޕާޓީ ވަނީ ކާމިޔާބުކޮށްފައެވެ. ޕާލަމެންޓުގެ ސާފު އަޣުލަބިއްޔަތު ނެގުމަށް ސީރިޒާ ޕާޓީއަށް އިތުރަށް ބޭނުންވަނީ އެންމެ ދެގޮނޑި ކަމަށްވާއިރު މިއީ ކުޑަ ޕާޓީއަކާ ކޯލިޝަން ހަދާލިޔަސް ހާސިލް ކުރެވޭނެ މިންވަރެކެވެ. (ބީބީސީ)