ކުށުގެ ތުހުމަތުގައިވާ މީހުންނަށް އިތުރު ފުރުސަތު ދިނުމަށް އެކުލަވާލާފައިވާ ކޮމެޓީއަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބަދަލުގެނެސްފިއެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް މިއަދު 'ސަން' އަށް ވިދާޅުވީ އެ ކޮމެޓީ އެކުލަވާލާފައިވާ ގޮތަށް ބަލާއިރު މިހާތަނަށް އެ ކޮމެޓީގައި ތިއްބަވަނީ ހަމައެކަނި އެ އޮފީހުގެ ޕްރޮސިކިއުޓަރަކު ކަމަށެވެ. އެހެންނަމަވެސް ކަމާބެހޭ އެހެން މުއައްސަސާތަކުގެ ބޭފުޅުން އެ ކޮމެޓީގައި ތިބޭގޮތަށް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ޕްރޮސިކިއުޓަރުންގެ އިތުރުން ފަނޑިޔާރަކާއި ދިފާއީ ވަކީލަކާއި ޕޮލިސް އޮފިސަރަކު އެ ކޮމެޓީގައި މެމްބަރުންގެ ގޮތުގައި ހިމެނުމަށް ނިންމާފައިވާ ކަމަށް އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެގޮތަށް ހަމަޖައްސާފައި ވަނީ އެ އޮފީހާ މެދު މުއައްސަސާތަކުގެ އިތުބާރު ދަމަހައްޓައި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ހާމަކަމާ އެކު މަސައްކަތް ކުރުމަށް ކަމަށެވެ.