26 Jan 2015, 16:34
ދުނިޔޭގެ 87 ގައުމެއްގެ ރީތީގެ ރާނީންނާ ވާދަކޮށް މިސް ޔުނިވާސްގެ ތާޖު، ކޮލަމްބިއާގެ ރީތީގެ ރާނީ ޕައުލިނާ ވެގާ ހޯދައިފި އެވެ.
އެމެރިކާގެ މިއާމީގައި ރޭ ބޭއްވި މިފަހަރުގެ މިސް ޔުނިވާސް މުބާރާތުގެ ތާޖު ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މަތީ ތައުލީމު ހާސިލްކުރަމުންދާ އުމުރުން 22 އަހަރުގެ ވެގާ ހޯދި އިރު، އޭނާ އަށް ތާޖު ހަވާލުކޮށްދިނީ 2013 ވަނަ އަހަރުގެ މިސް ޔުނިވާސް ގެބްރިއާލާ އިސްލާ އެވެ.
އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ އެ މުބާރާތުގެ ދެވަނަ ހޯދާފައި ވަނީ އެމެރިކާގެ ރީތީގެ ރާނީ ނިއާ ސަންޗޭޒު ހޯދި އިރު، ތިން ވަނަ ހޯދާފައި ވަނީ ޔުކްރައިންގެ ރީތީގެ ރާނީ ޑިއާނާ ހާކުޝާ އެވެ.
މިސް ޔުނިވާސްގެ ތާޖު ލިބުމުން، އެޓްލާންޓިކޯގެ ރީތީގެ ރާނީގެ މަގާމު 1953 ވަނަ އަހަރު ހޯދި އެލްވިރާ ކަސްޓިލޯ އަށް މާމަ ކިޔާ ވެގާ ބުނީ މިސް ޔުނިވާސްގެ ތާޖު އަޅާލަން ލިބުމަކީ އޭނާއަށް ލިބުނު "ފަހުރަކާ އުފާވެރިކަމެއް" ކަމަށެވެ. ވެގާ އަށް ލިބުނު ކާމިޔާބީގައި ކޮލަންބިއާގައި ވަނީ އުފާ ފާޅު ކޮށްފަ އެވެ.
މިސް ޔުނިވާސް އޯގަނައިޒޭޝަނުން އިންތިޒާމް ކޮށްގެން 1952 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މިސް ޔުނިވާސްގެ ތާޖު ލިބޭ މީހަކަށް ބޮޑެތި ހަދިޔާތަކެއް ލިބޭ އިރު، ބޮޑު މުސާރައާއި ނިއުޔޯކުން ލަގްޒަރީ އެޕާޓްމަންޓެއްގެ އިތުރުން ނިއުޔޯކުގެ ފިލްމް އެކަޑަމީން އެއް އަހަރުގެ ސްކޮލޮޝިޕެއް ވެސް ހިމެނެ އެވެ.
މިސް ޔުނިވާސް އެންމެ ގިނަ ފަހަރު ހޯދާފައިވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން މިސް ޔުނިވާސްގެ ތާޖު އަށް ފަހަރު ހޯދާފައިވާއިރު އެ ލިސްޓުގެ ދެވަނަ ލިބިފައިވަނީ މިސް ޔުނިވާސްގެ ހަތް ތާޖު ހޯދައިގެން ވެނަޒުއޭލާ އެވެ. އަދި މިސް ޔުނިވާސްގެ ތާޖު ފަސް ފަހަރު ހޯދައިގެން ޕުއޭޓޯ ރިކޯ ހިމެނިފައިވަނީ އެ ލިސްޓުގެ ތިން ވަނާގަ އެވެ.