މިއަހަރު އަލަށް ނެރުމަށް ނިންމާފައިވާ ފައިސާ ނޫޓުތައް ކަމަށްވާ "ރަން ދިހަފަހެއް" ނޫޓު ކަމަށް ބުނެ ސޯޝަލް މީޑިއާތަކުގައި ދައުރުވަމުން އަންނަ ނޫޓުތަކަކީ ޝޯޓް ލިސްޓު ކުރެވިފައިވާ ނޫޓްތަކެއް ނޫން އެމްއެމްއޭއިން ބުނެފިއެވެ.

މަރުކަޒީ ބެންކް، އެމްއެމްއޭގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ "ރަން ދިހަފަހެއް" ނޫޓޫތައް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ނޫޓޫތަކަކީ ޝޯޓް ލިސްޓުކުރެވިފައިވާ ނޫޓުތަކެއް ނޫން ކަމަށާއި އަސްލު ނޫޓުތައް އަދި ނެރެފައިނުވާ ކަމަށެވެ. އެ ނޫޓުތައް މިއަހަރުގެ ތެރޭގައި ތައާރަފްކުރާނެ ކަމަށެވެ.

"އެޕުރޮޕޯސަލް ތަކަކީ ކެންސަލް ކުރެވިފައިވާ ބުރުގެ ޕުރޮޕޯސަލް ތަކެއް، އެއީ ޝޯޓްލިސްޓުކޮށްފައިވާ ޕްރޮޕޯސަލްތަކެއް ނޫން" އެމްއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

"ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ޕްރެޒެންޓޭޝަން ހުށަހެޅުމަށް ހަ ޕްރޮޕޯސަލެއް މިހާރު ވަނީ ޝޯޓްލިސްޓް ކޮށްފައެވެ. ޕްރެޒެންޓޭޝަންގައި ދައްކާ ހަ ފަރާތުގެ ތެރެއިން ކޮމިޓީ އަށް އެންމެ ރަނގަޅު ކަމަށް ފެންނަ ތިން ފަރާތަކަށް "ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ހުރިހާ ނޫޓެއް ފަރުމާ ކުރުމަށް ހަވާލު ކުރާނެ ކަމަށް އެ އޮތޯރިޓީ އިން ބުނެފައިވެ އެވެ. އެއީ އާންމުކޮށް ދައުރުވާ ހަ ނޫޓާއި މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރޭ ހަނދާނީ ނޫޓެވެ.

"ރަންދިހަ ފަހެއް" ސީރީޒްގެ ނަމުގައި ނެރުމަށް ނިންމާފައިވާ ދިވެހި ރުފިޔާގެ ނޫޓް ސެޓް ޑިޒައިންކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އާންމުންނަށެވެ. އަދި ދިވެހި ރުފިޔާގެ އެ ނޫޓް ސެޓްގައި މުޅިންއާ އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް ހިމެނޭނެ ކަމަށާއި މިހާރު ބޭނުން ކުރާ ނޫޓްތަކުގައި ހުންނަ ޑިޒައިންގެ ބަދަލުގައި އެ ނޫޓްތަކުގައި ހުންނާނީ މުޅިން އާ ޑިޒައިނެއް ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.