09 Feb 2011, 14:59
ގައުމީ ޕާޓީއާ އެކު ކޯލިޝަން ހެދުމަށް ޑީއާރްޕީން އިއްޔެ ނިންމި ނިންމުންގެ ސަބަބުން ސަރުކާރު ޒިންމާދާރު ކުރުމަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ޕީޕަލްސް ޕާޓީ (ޕީޕީ)ން ބުނެފި އެވެ.
ޑީއާރްޕީއާ އެކު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މަސައްކަތްކޮށްފައިވާ ޕީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ، ގައުމީ ޕާޓީއާ އެކު ޑީއާރްޕީން ކޯލިޝަން ހެދުމަށް ނިންމި ނިންމުމަކީ "އައްޑޫ ރައްޔިތުންގެ މެދުގައި އިދިކޮޅު މައި ޕާޓީއާ މެދު ނަފްރަތުކުރާނެ ކަމެއް ކަމާއި އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ޕާޓީން ސަރުކާރު ޒިންމާދާރު ކުރުމުގައި އިތުރު ހުރަސްތައް ކުރިމަތިވެ، މައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މަގުބޫލުކަން ކުޑަވެގެންދާނެ،" ކަމަށެވެ.
އަދި ޑީއާރްޕީ ކުރިއަރަމުން ދިޔަ ދުވަސްވަރު ޑީއާރްޕީ އިނދަޖައްސާލައި، ޕާޓީ ހަލާކުކޮށްލުމަށް ގައުމީ ޕާޓީގެ އިސްވެރިން މަސައްކަތްކޮށްފައިވާ ކަމަށާއި މިއަދު ޑީއާރްޕީއާ ކޯލިޝަން ހެދުމަށް ނިންމާފައި ވަނީ ގައުމީ ޕާޓީއަށް ލިބިފައިވާ ނާކާމިޔާބީގެ "ނިވާފަތްގަނޑަކަށް" ޑީއާރްޕީ ހެދުމަށް ކަމަށް ވެސް އެ ނޫސްބަޔާނުގައި ތުހުމަތުކޮށްފައިވެ އެވެ.
"..މިއަދު ގައުމީ ޕާޓީއަށް ލިބިފައިވާ ނާކާމިޔާބީގެ "ނިވާފަތްގަނޑަކަށް" ޑީއާރްޕީ ހެދުމަށް ރާވަމުންދާ ރޭވުމާއި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނުރަނގަޅު ނަތީޖާތަކާއި އަދި މީގެ އިތުރުން ވެސް ޤާނޫނުގެ ވެރިކަން ހިންގުމުގެ ނަމުގައި ރައްޔިތުންގެ ވިންދާ ދެކޮޅަށް އައްޑޫ ސިޓީ ބާތިލުކުރުމަށް މަސައްކަތްކުރި ކުރުމަކީ މިއަދު ޕީޕަލްސް ޕާޓީ ކުށްވެރިކުރާ ކަމެކެވެ." ދެހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ކުރިން ޑީއާރްޕީއާ އެކު ކޯލިޝަން ހަދައިފައިވާ ޕީޕަލްސް ޕާޓީން ނެރުނު ނޫސްބަޔާނުގައިވެ އެވެ.
އަދި އައްޑޫ ސިޓީ ކައުންސިލުން "ސަރުކާރަށް ވެދުން ކުރި" ހުރިހާ ގޮނޑިތަކަކަކީ ގައުމީ ޕާޓީއަކީ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަ ޕާޓީއެއް ކަމާއި އެކަމުގެ ސަބަބުން ހުރިހާ އިދިކޮޅު ޕާޓީއަކަށް ގެއްލުންވެފައިވާކަން ސާފުވާ ސަބަބެއް ކަމަށް ވެސް އެޕާޓީން ބުންޏެވެ.
ޕީޕަލްސް ޕާޓީގެ ނޫސްބަޔާނާ ގުޅޭ ގޮތުން ޑީއާރްޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒު މިއަދު ވިދާޅުވީ، ގައުމީ ޕާޓީއާ އެކުވެފައިވާ ކޯލިޝަނާ މެދު ތަފާތު ވާހަކަތައް ދެކެވޭނެ ކަމަށާއި އެކަމަކީ ޑީއާރުޕީގެ ކައުންސިލުން ފާސްކޮށްގެން ވަރަށް ޒިންމާދާރުކޮށް ވެފައިވާ ކޯލިޝަންއެއް ކަމަށެވެ. އޭނާ ވިދާޅުވީ އަދިވެސް އިތުރު އެހެން ޕާޓީތަކަކާ އެކު ކޯލިޝަންތަކެއް ހެދުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މަރުހަބާ ކިޔަން އަޅުގަނޑުމެންގެ ފިކުރުގައި ގުޅިގެން މަސައްކަތް ކުރާ ފަރާތްތަކަށް. އެގޮތުން އިތުރު ޕާޓީތަކާ އެކު މި ޕާޓީން ވެސް ކޯލިޝަން ހަދާފާނެ،" ރާޒީ ވިދާޅުވި އެވެ.
ނާފިޒު އިތުރަށް ވިދާޅުވީ، ޕީޕަލްސް ޕާޓީން ޑީއާރުޕީ އާ އެކު ވަރަށް ކައިރިން ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރިކަމަށެވެ. ނަމަވެސް، އެޕާޓީއާ އެކު ރަސްމީކޮށް އެއްވެސް ކޯލިޝަނެއް ހަދައިފައިނުވާ ކަމަށެވެ.
"ފަހުން ފަހުން އައިސް އެބޭފުޅުން އަޅުގަނޑުމެންނާ އެކު މަސައްކަތެއް ނުކުރޭ. އެބޭފުޅުންނަކީ އަނެއްކާ ހަރަކާތްތެރި ޕާޓީ އެއްވެސް ނޫން. އެބޭފުޅުންނާ އަޅުގަނޑުމެންނާ ދެމެދު އެއްވެސް ކޯލިޝަނެއް ނޯންނާނެ." ނާފިޒު ވިދާޅުވި އެވެ.
ޕީޕީގެ ތުހުމަތުތަކާ ގުޅޭ ގޮތުން ގައުމީ ޕާޓީގެ ބަހެއް ވަނީ ލިބޭގޮތެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ޕީޕީގެ ބަޔާނާ ގުޅޭ ގޮތުން ގައުމީ ޕާޓީގެ ބޭފުޅުންނަށް ސަން އިން ގުޅިއިރު، ފޯނަށް ޖަވާބު ނުދެއްވާތީ، އެޕާޓީގެ ކޮމެންޓް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.