26 Jan 2015, 15:51
ހުޅުމާލެ ފްލެޓަކުން ވައްކަންކުރި މީހަކު ތިން އަހަރާއި ހަ މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.
ސ. ހިތަދޫ ސީލަވް ހުސައިން ފަޔާޒުގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ 4:45 އެހައިކަންހާއިރު ހުޅުމާލޭ ފްލެޓަކުން ވައްކަންކޮށްފައިވާތީ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ހުޅުމާލޭ ފްލެޓެއްގެ ތެރެއަށްވަދެ މީހެއްގެ ވޮލެޓަކާއި އޭގައި އޮތް 333.50 އާއި އެމީހާގެ އައިޑީކާޑާއި ކޭޝްކާޑު ވަގަށް ނަގާފައިވާކަން ފަޔާޒުގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އޭނައާ އެކު އިތުރު މީހަކު އެ ވައްކަމުގައި ބައިވެރިވި ކަމަށް ދައުވާގައި ބުނިނަމަވެސް އެމީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމް ކޮށްފައެވެ.
މިއީ ފަޔާޒުގެ މައްޗަށް ވައްކަން ކުރުމުގެ ކުށެއް ސާބިތުވި ތިން ވަނަ ފަހަރު ކަމަށް ވެސް އެ ހުކުމްގައި ވެއެވެ.