26 Jan 2015, 15:45
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ އެއްކޮށް މަޝްވަރާގެ މޭޒަށް ދިއުމަށް އަދާލަތު ޕާޓީ އިން ނިންމާފައި ނުވާ ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.
އަދާލަތު ޕާޓީ އިން މިއަދު މިހެން ޓުވީޓުކޮށްފައިވާ އިރު އެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އިއާދު ހަމީދު މިއަދު "ސަން" އަށް ވިދާޅުވީ އެ ޕާޓީ އިން އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ދައުވަތު ދީފައިވާ ކަމަށް އިއާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ތިޔަ މައްސަލާގައި އަދި ގޮތެއް ނުނިންމަން. އެހެންނަމަވެސް ޖޭޕީ އިން އަޅުގަނޑުމެންނަށް ދައުވަތު ދިން މަޝްވަރާގެ މޭޒަށް އައުމަށް،" އިއާދު ވިދާޅުވި އެވެ.
އަދާލަތު ޕާޓީ އިން މިހެން ބުނެފައިވާ އިރު އެމްޑީޕީ އިން މިއަދު ބުނެފައި ވަނީ ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ޕާޓީތަކުން "އެއް މޭޒެއްގައި" މަޝްވަރާކުރަން ނިންމައިފަވާ ކަމަށާއި އެގޮތުން އަދާލަތު ޕާޓީ އިން ވެސް އެކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
އެމްޑީޕީ އިން ވަނީ އޯލް ޕާޓީ ޓޯކްސް"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްވަރާ ބައްދަލުވުންތަކުގައި އެޕާޓީގެ ފަރާތުން ތަމްސީލުކުރާނެ ޓީމެއް މިހާރު ނަގައިފަ އެވެ. އެގޮތުން އެމްޑީޕީގެ ފަރާތުން އޯލް ޕާޓީ ޓޯކްސް ތަމްސީލުކުރައްވާނީ އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދާއި އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުޙައްމަދު ސޯލިހާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙުމަދު ދީދީ އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުގެ އިތުރުން މާލޭ ސިޓީގެ މޭޔާ މުޙައްމަދު ޝިހާބު ކަމަށް އެ ޕާޓީން މިއަދު ވަނީ ބުނެފަ އެވެ.
އަދި ހަމައެއާ އެކު ޖުމްހޫރީ ޕާޓީގެ ފަރާތުން ވެސް ވަނީ އޯލް ޕާޓީ ޓޯކްސް ތަމްސީލުކުރައްވާ ބޭފުޅުންގެ ނަންތައް އިއުލާން ކުރައްވާފައި އެވެ. ޖޭޕީގެ ފަރާތުން ތަމްސީލު ކުރައްވަނީ އެ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހިމާއި އަބްދުﷲ ކަމާލުއްދީނާއި ކިބިނދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ އިތުރުން ޑރ. ހުސައިން ރަޝީދު ހަސަން ކަމަށް އެ ޕާޓީ އިން ބުންޏެވެ.