26 Jan 2015, 15:27
ގދ. ނަޑެއްލާގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ކުޑަވަރެއްގެ ހަމަ ނުޖެހުމެއްގައި ފިރިހެނަކު އަމިއްލަ ބަނޑަށް ވަޅި ހަރައިފި އެވެ.
ނަޑެއްލާ ކައުސިލުގެ ރައީސް ފައިސަލް ނަޖީބު މިއަދު 'ސަން' އަށް ވިދާޅުވީ ދެމަފިރިއެއްގެ ދެމެދުގައި ހިނގި ކުޑަ ހަމަނުޖެހުމެއްގައި އެ ރަށު ފިރިހެނަކު އަމިއްލަޔަށް ބަނޑަށް ވަޅިހަރާފައިވާ ކަމަށާއި އޭނާ އަށް މާބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ. ނަޖީބު ވިދާޅުވީ ވަޅިހަރާފައި ވަނީ އެއް އިންޗި ފުންމިނަށް ކަމަށެވެ. އަދި އެެއީ "ކުޑަ ކުޑަ" ވަޅިއެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މާބޮޑު ގެއްލުމެއް ނުވޭ، އެއް އިންޗި ފުންމިނަށް ވަޅި ހަރާފައި ހުރީ، އެހާ ސީރިއަސްއެއް ނޫން،" ނަޖީބު ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އާއިލާގެ ތެރޭގައި ހިނގި ހަމަނުޖެހުމެއްގައި 27 އަހަރުގެ ފިރިހެނެއްގެ ގަޔަށް އަމިއްލައަށް ވަޅިހަރައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ ފިރިހެން މީހާ އަށް މިހާރު ނަޑެއްލާ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.