26 Jan 2015, 15:21
ޖުޑީޝަލް ސާވިސް ކޮމިޝަނާ ދެކޮޅަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ލަސްކުރެވެން ނެތް ކަމަށް ހައިކޯޓުން މިއަދު އަންގައިފިއެވެ.
ރައީސް ނަޝީދު ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގެ ސައްޚަކަމާ މެދު ސުވާލު އުފައްދައެވެ. އެމަނިކުފާނު އެދިވަޑައިގެންފައި ވަނީ އެއީ ގާނޫނާ ޚިލާފަށް އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ސޮއިކުރައްވައި ހައިކޯޓަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ މައްސަލަ ލަސްކުރެވެން ނެތް ކަމަށް ހައިކޯޓުން މިއަދު ވަނީ އަންގާފަ އެވެ. އެހެންނަމަވެސް އެކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން މައްސަލަ ލަސްކޮށްދިނުމަށް އެދިވަޑައިގަތީ ޝަރީއަތުގެ މިމަރުހަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އިތުރަށް ވާހަކަ ދެއްކުމުގެ ކުރިން ކުރަންޖެހޭ މުހިއްމު ދިރާސާތަކެއް ހުރި ކަމަށް ވިދާޅުވެ އެވެ.
އެ މައްސަލައިގެ ޝަރީއަތް އަވަސްކޮށްދިނުމަށް އެކިފަހަރުމަތިން ރައީސް ނަޝީދު އެދިވަޑައިގެންފައިވީ ނަމަވެސް މިއަދާހަމައަށް ޝަރީއަތުގެ އަޑުއެހުމެއް ނުބޭއްވި ގިނަދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާތީ، އެ މައްސަލައިގައި އަދުލުވެރި ނިޔާއެއް އެމަނިކުފާނަށް ލިބިވަޑައިގަތުމުގެ ފުރުސަތު މިހާރު ހަނިވެފައިވާކަމަށް ހަސަން ލަތީފްގެ ސިޓީގައި ވެއެވެ.
ހައިކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައި ވަނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު އެވެ. އެ މައްސަލައިގެ އިތުރު އަޑުއެހުމެއް އަންނަ ބުދަ ދުވަހުގެ 2:00 ގައި ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ.
ހައިކޯޓުން އެ މައްސަލައާ މެދު ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ހުޅުމާލޭ ކޯޓަށް ރައީސް ނަޝީދާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ހައިކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެހެންކަމުން ރައީސް ނަޝީދުގެ ޝަރީއަތް ދެން ކުރިއަށްގެންދެވޭނީ ހައިކޯޓުން އެ މައްސަލަ ނިންމުމުންނެވެ.
އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު މިހާރު ވަނީ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފަ އެވެ. އެގޮތުން އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުސައިން މަޒީދު އައްޔަން ކޮށްފައި ވަނީ ސިވިލް ކޯޓުގެ ފަނޑުޔާރު ކަމަށެވެ. އަދި ސުޖާއު އުސްމާން އައްޔަން ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށެވެ.