26 Jan 2015, 15:19
ހަށިގަނޑަށް ބުރަވާ ވަރަށް ކަސްރަތު ކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކުގެ ބަދަލުގައި ހަރަކާތްކޮށް އުޅޭވަރު އިތުރު ކުރުމަށް ޑޮކްޓަރުން ނަސޭހަތް ދޭން ޖެހޭ ކަމަށް ރިސާޗަރުން ބުނެފި އެވެ.
ރިސާޗަރުން ބުނާ ގޮތުގައި ހަފްތާއެއްގެ މައްޗަށް 150 މިނެޓް ނޫނީ ދޭއްބައި ގަޑި އިރަށް ވުރެ ގިނަ ވަގުތު ކަސްރަތުތުގައި ހޭދަކުރުމަކީ ސިއްހަތަށް އެދެވިގެންވާ ފައިދާއެއް ކުރާ ކަމެއް ނޫން ކަމަށެވެ. ހާއްސަކޮށް ދުވަސްވީ މީހުންނަށް އެއިން ގެއްލުން ކުރާނެ ކަމަށް ރިސާޗަރުން ބުންޏެވެ. ނަމަވެސް ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި ކަސްރަތު ކުރުމަށް މިހާރު ކަނޑައަޅާފައިވާ ގޮތްތަކަކީ އޭގެ ސަބަބުން ހިތުގެ ބަލި ޖެހުން ކުޑަވުމަށް މަގުފަހިވާ ކަމެއްކަން ސާބިތުވެފައިވާ ކަމަށެވެ.
ގިނަ ޑޮކްޓަރުން ނަސޭހަތްދޭ ގޮތުގައި ޒުވާނަކަށް ދެގަޑިއިރާ 30 މިނެޓު ހާ އިރު، ހަފްތާއަކު ކަސްރަތު ފަދަ ހަރަކާތް ކުރުމަކީ ސިއްހަތަށް ފައިދާ ކުރާ ކަމެކެވެ. ނަމަވެސް ދުނިޔޭގެ ހެލްތުކެއާ ޕްރޮވައިޑަރެއް ކަމަށްވާ ބްރިޓިޝް މެޑިކަލް ޖާނަލް (ބީއެމްޖޭ)ގެ ގިނަ ތަޖުރިބާކާރުންގެ މެދު އެ ގޮތާ މެދު ވަނީ ހިޔާލުތަފާތުންތަކެއް އުފެދިފަ އެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ގިނަ ވަގުތު ކަސްރަތު ކުރުމުގެ ބަދަލުގައި ގިނައިން ހަރަކާތްތެރިވެ އުޅުމަކީ އޭގައި އޮތް ރަނގަޅު ގޮތް ކަމަށެވެ.
ޔުނިވާސީޓީ ހޮސްޕިޓަލް އޮފް ޓޫލޫސްގެ ޕްރޮފެސަރެއް ކަމަށްވާ ފިލިޕް ޑި ސޫޓޯ ބެރޭޓޯ ވިދާޅުވާ ގޮތުގައި ހަށިގަނޑަށް އުނދަގުވާ ވަރަށް ކަސްރަތު ކުރުމުގެ ބަދަލުގައި އެމީހަކު ހަރަކާތްތައް ކުރާ އަދަދު އިތުރު ކުރަމުން ދިޔުމަކީ ސިއްހަތަށް ފައިދާ ހުރި ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ކުޑަ ވަގުތުކޮޅަކަށް ހިނގާ މީހުންނަށް ވެސް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ކުޑަވާ ކަމަށެވެ.
މައުލޫމާތު: ބީބީސީ