މަލިކު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް ބިން ޢަބްދުއްރަޙްމާން ބިން ފައިޞަލް ބިން ތުރްކީ އާލްސަޢޫދަކީ އަލްމަމްލަކަތުލް ޢަރަބިއްޔަތުއް ސަޢޫދިއްޔާ، ނުވަތަ ސަޢޫދީ ޢަރަބިއްޔާގެ ހަވަނަ ރަސްގެފާނެވެ. ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމަށް އެމަނިކުފާނު އިސް ވެވަޑައިގަތީ މީލާދީން 2005 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 1 ވަނަ ދުވަހުއެވެ. ބައިޢަތުގެ ރަސްމު ފުރިހަމަ ކުރެވުނީ ޖެހިގެން އައި ދުވަހުއެވެ. ރަސްކަމުގައި 9 އަހަރާއި 7 މަސް ހޭދަ ކުރެއްވުމަށް ފަހު، މަލިކު ޢަބްދުﷲ އަވަހާރަ ވީ މިދިޔަ ހުކުރު ދުވަހު، މީލާދީ ތާރީޚުން 23 ޖަނަވަރީ 2015 ގައެވެ. އަވަހާރަ ވީ އިރު އެމަނިކުފާނުގެ ޢުމުރުފުޅަކީ 90 އަހަރެވެ.

ޒުވާން ޢުމުރުފުޅު
ޢަބްދުﷲ ބިން ޢަބްދުލް ޢަޒީޒަކީ، އާލްސަޢޫދުގެ ތިންވަނަ ދައުލަތުގެ ބާނީ މަލިކު ޢަބްދުލްޢަޒީޒް ބިން ޢަބްދުއްރަޙްމާން ބިން ފައިޞަލް ބިން ތުރްކީ ބިން ޢަބްދުﷲ ބިން މުޙައްމަދު ބިން ސަޢުދުގެ 45 ފިރިހެން ބޭފުޅުންގެ ތެރެއިން، 13 ވަނަ ބޭފުޅާއެވެ. ޢަބްދުﷲ އުފަން ވެވަޑައިގަތީ 1924 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި، އެމަނިކުފާނުގެ ބައްޕާފުޅުގެ ރަސްކަމުގެ ވެރިރަށް ރިޔާޟުގައެވެ. އެމަނިކުފާނު އުފަން ވެވަޑައިގަތް ދުވަހާ މެދުގައި ޚިލާފުތަކެއް ހުރެއެވެ. އާއްމުކޮށް ބެލެވޭ ގޮތުގައި، އެ ދުވަހަކީ އޯގަސްޓު މަހުގެ 1 ވަނަ ދުވަހެވެ. ޢަބްދުﷲ ގެ މަންމާފުޅަކީ ފަހްދާ ބިންތި އާސީ އައްޝުރައިމެވެ. ފަހްދާ އަކީ މަލިކު ޢަބްދުލްޢަޒީޒު އެކި ފަހަރުފަހަރު މަތީން ކައިވަނި ކުރެއްވި 22 އަންހެން ބޭފުޅުންގެ ތެރެއިން، 8 ވަނަ ބޭފުޅާއެވެ. ޢަރަބި ކަރައިގެ އުތުރުގެ ބަދަވީ ޤަބީލާއެއް ކަމަށް ވާ ހާއިލް ޝައްމާރުގެ ރަސްގެފާނުގެ އަނބިކަނބަލެއްގެ ގޮތުގައި އިންނެވި ފަހްދާއާ، މަލިކު ޢަބްދުލްޢަޒީޒް ކައިވަނި ބައްލަވައިގަތީ، އެކަމަނާގެ ފިރިކަލުން ޢަބްދުލްޢަޒީޒުގެ ލަޝްކަރުގެ އަތުން 1921 ގައި ބަލި ވެ ޤަތުލު ކުރެވުމަށް ފަހުގައެވެ. ޢަބްދުﷲ ގެ މަންމާފުޅަށް ފިރިހެން ބޭފުޅަކަށް ލިބިވަޑައިގަތީ ޢަބްދުﷲ އެކަންޏެވެ. ދެން ލިބިވަޑައިގަތީ ދެ އަންހެން ބޭފުޅުންނެވެ.

ޒުވާން ޢުމުރުފުޅުގެ ވަރަށް ގިނަ ދުވަސްތަކެއް ޢަބްދުﷲ ހޭދަ ކުރެއްވީ މަންމާފުޅުގެ ޤަބީލާއާ އެކު، ބާދިޔަތުގައެވެ. އެމަނިކުފާނަކީ ސަޤަރު ކިޔާ ދޫންޏެއް ޝިކާރަ ކުރުމުގެ ކުޅިވަރަށް ވަރަށް ލޯބި ކުރެއްވި ބޭފުޅެކެވެ. އަސް ދުއްވުމާއި ސަހަރާގެ ހަނގުރާމައިގެ ހުނަރުތަކަށް އަރައިހުންނެވި ބޭފުޅެކެވެ. ތޫނު ވިސްނުމަކާއި ވަރުގަދަ ޝަޚްޞިއްޔަތެއް ލިބިވަޑައިގެން ހުންނެވި ޢަބްދުﷲ އަކީ ތުއްޕުޅު އިރާއި ޅަޒުވާން އުމުރުފުޅުގައި، ވާހަކަ ދެއްކުވުމުގައި ދޫތުރާކަމެއްގެ ދަތިކަން ތަހައްމަލު ކުރެއްވި ބޭފުޅެކެވެ. ނަމަވެސް މި ހުރަސް ގިރާ ކުރައްވައި، އެމަނިކުފާނު ވަނީ އެމަނިކުފާނުގެ ޤާބިލިއްޔަތު ފަހުން ވަރަށް ރަނގަޅަށް ސާބިތު ކުރައްވައިފައެވެ.

ޢަބްދުﷲ ތަރުބިއްޔަތު ކުރެވުނީ އެމަނިކުފާނުގެ ބައްޕާފުޅު މަލިކު ޢަބްދުލްޢަޒީޒުގެ ދަރުބާރުގެ ޢިލްމުވެރީންގެ އަތްޕުޅުމަތީންނެވެ. އެބޭފުޅުން އެމަނިކުފާނަށް އިސްލާމް ދީނުގެ ޢިލްމުތަކާއި ޢަރަބި އިސްލާމީ އަދަބިއްޔާތުގެ އިތުރުން، އެއިރުގެ ފެންވަރުން ސައެންސް ވެސް އުނގަންނައިއެރުވިއެވެ. މި ނޫން ރަސްމީ ތަޢުލީމެއް ޢަބްދުﷲ ނުހޯއްދަވައެވެ. ހަމައެއާއެކު، މަލިކު ޢަބްދުލްޢަޒީޒު ވަނީ، ދަރިކަލުންގެ ކިބައިގައި ހިތްތިރިކަން އަށަގެންނެވުމަށް ވެސް، އެމަނިކުފާނުގެ ތަރުބިއްޔަތުގެ ތެރޭގައި، މަސައްކަތް ކުރައްވައިފައި ކަމަށް ބެލެވިދާނެއެވެ. އެއް ހާދިސާއެއްގައި ބުނާ ގޮތުން، ޢަބްދުﷲ އަށް ޒިޔާރަތް ކުރެއްވި މެހުމާނަކަށް، އެމަނިކުފާނު އިންނެވި ގޮނޑިކޮޅު ނުދެއްވުމުން، އޭގެ އަދަބެއްގެ ގޮތުގައި، ޢަބްދުލްޢަޒީޒު އެމަނިކުފާނުގެ ޒުވާން ދަރިކަލުން ތިން ދުވަހަށް ޖަލަށް ލެއްވިއެވެ.

ޚިދުމަތުގައި
ޢަބްދުﷲ އެމަނިކުފާނުގެ ބައްޕާފުޅުގެ ސަރުކާރުގެ ޚިދުމަތާ ގުޅިވަޑައިގަތީ 1961 ގައި، މަލިކު ސަޢުދު ބިން ޢަބްދުލްޢަޒީޒުގެ ރަސްކަމުގެ ދައުރުގައެވެ. އެމަނިކުފާނު އެންމެ ފުރަތަމަ އަދާ ކުރެއްވި މަޤާމަކީ މާތް ވެގެންވާ މައްކާގެ މޭޔަރުކަމުގެ މަޤާމެވެ. 1963 ގައި، ސަޢޫދީގެ ދިފާޢީ ވަޒީރުގެ ނާއިބުކަމާއި، އަލްޙަރަސުލް ވަޠަނީގެ ކޮމާންޑަރުކަމުގެ މަޤާމު ވެސް އެމަނިކުފާނާ ޙަވާލު ކުރެވުނެވެ. 1964 ވަނަ އަހަރު މަލިކު ސަޢުދު ބިން ޢަބްދުލް ޢަޒީޒު ރަސްކަމުން ދުރު ކުރެވި، މަލިކު ފައިޞަލް ބިން ޢަބްދުލްޢަޒީޒް ރަސްކަމަށް ވަޑައިގަތުމަށް ފަހުގައި ވެސް ޢަބްދުﷲ އަށް އޮތް މަޤާމުތައް އެމަނިކުފާނަށް ބޭއްވެވިއެވެ. 1975 ގައި މަލިކު ފައިޞަލް އަވަހާރަ ކޮށްލެވި، މަލިކު ޚާލިދު ބިން ޢަބްދުލްޢަޒީޒު ރަސްކަމަށް ވަޑައިގަތުމަށް ފަހު، ޢަބްދުﷲ އަށް ކުރީން އޮތް މަޤާމުތަކުގެ އިތުރަށް، ބޮޑުވަޒީރުގެ ދެވަނަ ނާއިބުގެ މަޤާމު ވެސް ދެއްވެވިއެވެ.

އަލްޙަރަސުލް ވަޠަނީގެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހުންނަވައިގެން، ޢަބްދުﷲ އެ ފައުޖަށް ބޮޑެތި ކުރިއެރުންތަކެއް ގެންނެވިއެވެ. "އަލްޙަރަސުލް ވަޠަނީ" ނުވަތަ "ސައުދީ އެރޭބިއަން ނެޝަނަލް ގާރޑް" ގެ ނަމުން ނަން ދެވިފައި ވިޔަސް، މި ފައުޖަކީ ހަގީގަތުގައި ޝާހީ އާއިލާގެ ދިފާއުގައި ހަރަކާތްތެރި ވުމަށް ޓަކައި އުފެއްދިފައި ވާ، ޝާހީ އާއިލާ ހިމާޔަތް ކުރުމުގެ ޒިންމާ އުފުލާ ފައުޖެކެވެ. އެ ފައުޖުގެ ކޮމާންޑަރެއްގެ ގޮތުގައި އަބަދުވެސް ހުންނަވަނީ ޝާހީ އާއިލާގެ ބޭފުޅެކެވެ. ޝާހީ އާއިލާގެ ތެރެއިން ވެސް، ވަކީން ޚާއްސަކޮށް ފާހަގަ ކޮށްލެވޭ، ރަސްގެފާނާއި އާލްސަޢޫދުގެ އިސް ބޭފުޅުންގެ އިތުބާރު ވަރަށް ބޮޑަށް ލިބިވަޑައިގެން ހުންނަވާ ބޭފުޅެކެވެ. ޢަބްދުﷲ މި ފައުޖުގެ ކޮމާންޑަރަކަށް ހުންނަވައިގެން، އެ ފައުޖު ޒަމާނީ ކުރައްވައި، އެންމެ ޒަމާނީ ހަތިޔާރުން ހަތިޔާރު އަޅައިގެން އޮންނަ ލަޝްކަރަކަށް އެ ފައުޖު ބަދަލު ކުރެއްވިއެވެ.

1970 ގެ އަހަރުތަކުގެ ތެރޭގައި، ޢަބްދުﷲ ގެ ނަންފުޅު މެދުއިރުމަތީގައްޔާއި އިސްލާމީ ދުނިޔޭގައި، އަދި ހުޅަނގުގައި ވެސް ފާހަގަ ކުރެވިގެން ދިޔައީ ސަޢޫދީ ޢަރަބިއްޔާގެ "ދޮންބައްޕަ" ކަމަށް ބެލެވޭ އެމެރިކާގެ ސިޔާސަތުތަކާ ދެކޮޅަށް ފާޅުގައި ފާޑު ވިދާޅުވާ ބޭފުޅެއްގެ ގޮތުގައެވެ. ޢަރަބި އެއްބައިވަންތަކަމުގެ އޮއިވަރު "ޕޭން އެރެބިޒަމް" ގެ ނަމުގައި ފެތުރިގެން ދިޔަ ދުވަސްވަރު، އެމަނިކުފާނު ފާހަގަ ކުރެވުނީ އެ އޮއިވަރާ އެކު ހުންނެވި ބޭފުޅެއްގެ ގޮތުގައެވެ. އެއިރު ޢަބްދުﷲ ފާޅުގައި ވިދާޅުވެފައި ވަނީ "ޢަރަބީންގެ އެއްބައިވަންތަކަން އިތުރު ކޮށް، ޢަރަބީން އެކައްޗެއް ކިޔައިގެން ނޫނީ، ޢަރަބީންނަށް ލިބިފައި އޮތް ތެލުގެ މުއްސަނދިކަމާއި، ތެޔޮ ވިއްކައިގެން ލިބެމުން ދިޔަ ބޮޑު އާމުދަނީ، ހުޅަނގާ ދެކޮޅަށް ޢަރަބީންނަށް ލިބިފައި އޮތް ވަރުގަދަ ހަތިޔާރަކަށް ނުހެދޭނެ" ކަމަށެވެ.

1980 ވަނަ އަހަރަކީ ޢަބްދުﷲ ގެ ޑިޕްލޮމެޓިކް ހުނަރުވެރިކަމާއި ޤާބިލިއްޔަތު ވަރަށް ބޮޑަށް ފެނިގެން ދިޔަ އަހަރެކެވެ. އެ އަހަރު ޢަރަބި އިސްލާމީ ދެ ޤައުމު ކަމަށް ވާ ސޫރިޔާ އާއި އުރްދުނާ ދެ ޤައުމުގެ ގުޅުން ގޯސް ވެ، ހަނގުރާމައެއްގެ ތުންފަތްމައްޗަށް ދެ ޤައުމު ދިޔައެވެ. ނަމަވެސް ޢަބްދުﷲ އިސް ވެހުންނަވައި ކުރެއްވި ޑިޕްލޮމެޓިކް މަސައްކަތްތަކުގެ ސަބަބުން، މަސްރަޙު ފިނި ވެގެން ދިޔައެވެ. އަދި ސޫރިޔާ އާއި އުރްދުނާ ދެ ޤައުމުގެ ދެބަސްވުންތައް އެ ވަގުތަށް، ވަރަށް ބޮޑަށް ޙައްލު ކުރެވުނެވެ. މީގެ ސަބަބުން، ސަޢޫދީގެ އެތެރޭގައްޔާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ވެސް ޢަބްދުﷲ އަށް އިޙުތިރާމާއި މަޤުބޫލުކަން ވަރަށް ބޮޑަށް ލިބިވަޑައިގަތެވެ.

ވަލީޢަހުދު
1982 ވަނަ އަހަރު މަލިކު ޚާލިދު ބިން ޢަބްދުލްޢަޒީޒް އަވަހާރަ ވުމަށް ފަހު، ފަހުދު ބިން ޢަބްދުލްޢަޒީޒު ރަސްކަމާ ޙަވާލު ވެވަޑައިގެން، ޢަބްދުﷲ އަށް ރަސްކަމުގެ ވަލީޢަހުދުގެ މަޤާމު ދެއްވިއެވެ. ފަހުދު ބިން ޢަބްދުލްޢަޒީޒް އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު އިޚްތިޔާރު ކުރެއްވީ، އެއްބަނޑުއެއްބަފާ ހަތް ބޭފުޅުން އެއްފަރާތް ކުރެއްވުމަށް ފަހުގައެވެ. ނަތީޖާއެއްގެ ގޮތުން އެ ބޭފުޅުން ވަރަށް ބޮޑަށް ހިތްޕުޅު ހަމަނުޖެހި، އާލްސަޢޫދު ޢާއިލާގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ފިތުނަތަކެއް އުފެދިގެން ވެސް ދިޔައެވެ. ނަމަވެސް ޢަބްދުﷲ ގެ ޑިޕްލޮމެޓިކް ހުނަރުވެރިކަމާއި ވަރުގަދަ ޝަޚްޞިއްޔަތުގެ އިސްތިއުމާލު ކުރައްވައި، އެ ފިތުނަތައް އޮއްބައިލައްވައި، ފަހުދުގެ އެއްބަނޑުއެއްބަފާ ބޭފުޅުން ވެސް ރުއްސެވިއެވެ.

1991 ވަނަ އަހަރު، ޞައްދާމް ޙުސައިނުގެ ސިފައިން ކުވައިތަށް އަރައިގަނެ އެ ޤައުމު ހިފުމާ ވިދިގެން، ޢިރާޤާ ހަނގުރާމަ ކޮށް ކުވައިތު މިނިވަން ކުރުމަށް ޓަކައި އެމެރިކާގެ ސިފައިން ގެންނަވާން މަލިކު ފަހުދު ބިން ޢަބްދުލްޢަޒީޒު ނިންމެވި ނިންމެވުމާ ޢަބްދުﷲ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވިއެވެ. ޢަބްދުﷲ ދެކެވަޑައިގަތް ގޮތުގައި، އެމެރިކާ އާއި ހުޅަނގުގެ ޢަސްކަރީ އެހެނިހެން ބާރުތަކުގެ ފައުޖުތައް ސަޢޫދީ ޢަރަބިއްޔާގެ ބިމަށް ގެނައުމަކީ ގޯހެކެވެ. ހަމައެހެންމެ، ޢިރާޤާއި ކުވައިތުގެ މައްސަލަ ޙައްލު ކުރުމުގައި އެންމެ ބުއްދިވެރި ގޮތަކީ، ޢަރަބީން އަމިއްލަޔަށް ޞައްދާމު ޙުސައިނާ ވާހަކަ ދައްކައި މަޝްވަރާ ކުރުން ކަމަށް ވެސް ޢަބްދުﷲ ވިދާޅުވިއެވެ. ނަމަވެސް މި ކަމުގައި، ޢަބްދުﷲ ގެ ބަސްފުޅެއް، މަލިކު ފަހުދު ޤަބޫލެއް ނުކުރެއްވިއެވެ. ޢަބްދުﷲ ގެ ލަފާ އެއްފަރާތް ކުރައްވައިފައި، އެމެރިކާ އާއި ޔޫރަޕުގެ ބާރުތައް ސަޢޫދީ ޢަރަބިއްޔާއަށް ގެންނަވައި، ޢެމެރިކާގެ ޢަސްކަރީ މަރުކަޒުތަކެއް ސަޢޫދީގައި ޤާއިމު ކުރުމުގެ ހުއްދަ މަލިކު ފަހުދު ދެއްވިއެވެ. ފަހުން ފެނިގެން ދިޔަ ގޮތުގައި، މިއީ އޭގެ ނަތީޖާތައް ވަރަށް ނޭދެވޭ، ވަރަށް ގިނަ ގޮތްގޮތުން ނުކުތް ބޮޑު ގޯހެކެވެ. އެއިރު، މަލިކު ފަހުދު އެމަނިކުފާނުގެ ކޮއްކޯފުޅުގެ ލަފާ ޤަބޫލު ކުރެއްވި ނަމަ، އޭގެ ފަހުން ހިނގި ވަރަށް ގިނަ ކަންކަން، އެ ކަންކަން ހިނގި ގޮތަށް ނުހިނގުމުގެ އިޙުތިމާލު ވަރަށް ބޮޑެވެ.

ޢަރަބި އިސްލާމީ ދުނިޔޭގެ އެންމެ މުހިއްމު އެއް ޤައުމުގެ ވަލީޢަހުދުގެ ގޮތުގައި ހުންނަވައިގެން، ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ޙިމާޔަތް ކުރެއްވުމަށް ޓަކައި ޢަބްދުﷲ ވެސް، އިސްލާމީ ދުނިޔޭގެ އެހެން ލީޑަރުންނެކޭ އެއްފަދައިން، އަޑު އުފުއްލެވިއެވެ. ނަމަވެސް އެމަނިކުފާނާ ފަލަސްޠީނުގެ މަޝްހޫރު ޤާއިދު ޔާސިރު ޢަރަފާތާ ދެމެދުގައި އޮތީ ނުކިއްސަރު ގުޅުމެކެވެ. އެހެންކަމުން، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކާ މެދު އަޑު އުފުއްލެވި ނަމަވެސް، އެމަނިކުފާނު ވަނީ ޔާސިރު ޢަރަފާތާއި ފަލަސްޠީނުގެ ލީޑަރުންގެ ސިޔާސަތުތަކަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު، ފާޑު ވިދާޅުވެފައެވެ. ޚާއްސަ ގޮތެއްގައި ފާހަގަ ކުރެވޭ ހާދިސާ އަކީ، 1994 ގައި، ޣައްޒާގައި އިސްރާއީލުގެ އަނިޔާވެރި ސިފައިންނާ ފަލަސްޠީނުގެ ރައްޔިތުންނާ ދެމެދުގައި ހިނގި ކުރިމަތިލުންތަކަކާ ގުޅިގެން، ޔާސިރު ޢަރަފާތުގެ ޕީއެލްއޯގެ ޒަޢާމަތަށް ޢަބްދުﷲ ފާޑު ވިދާޅުވި ވިދާޅުވުމެވެ. ޢަބްދުﷲ ގެ ބަސްފުޅުން ނަމަ، "ފަލަސްޠީނުގެ ވެރީން އެމީހުންގެ ހަރުކަށި ސިޔާސަތުތައް ދޫކޮށްލައި، ކެތްތެރިކަން އިސްކުރުން މޮޅުއިތުރު" ވެގެން ވެއެވެ.

ރަސްކަމުގެ ޒިންމާތައް
1995 ގެ ނޮވެންބަރު މަހުގެ ތެރޭގައި، މަލިކު ފަހުދު ބިން ޢަބްދުލްޢަޒީޒަށް ސްޓްރޯކެއް ޖެހިވަޑައިގަތުމާ ގުޅިގެން، ވަލީޢަހުދު ޢަބްދުﷲ އާ ރަސްކަމުގެ ބާރުތައް ވަގުތީ ގޮތުން ހަވާލު ކުރެއްވިއެވެ. ތިން މަސް ދުވަސް ފަހުން، މަލިކު ފަހުދު ރަސްމީ ވަޒީފާތަކާ ޙަވާލު ވެވަޑައިގަތް ނަމަވެސް، އެމަނިކުފާނުގެ ޞިއްޙީ ހާލުކޮޅު ހުރިގޮތުން، ރަސްކަމުގައި ހުންނެވީ ހަމައެކަނި ނަމެއްގައި، ރަމްޒީ ގޮތެއްގައެވެ. އެއިރުއްސުރެ، ރަސްކަމުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް ޢަމަލީގޮތުން އަދާ ކުރައްވަނީ ޢަބްދުﷲ އެވެ. ދުވަހުން ދުވަހަށް، ޝާހީ ޢާއިލާގެ ކަންކަމާއި ރަސްކަމުގެ ކަންކަމާއި ސަރުކާރުގެ ކަންކަން ހިންގަވައި ބެލެހެއްޓެވުން އޮތީ ޢަބްދުﷲ އަށެވެ.

1997 ވަނަ އަހަރުގެ ތެރޭގައި، ލުބްނާނުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވެސް، އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢަރަބި އަދި މުސްލިމް ދުނިޔޭގެ މަސްލަހަތުތަކަށް ކަމަށް ޢަބްދުﷲ ވިދާޅުވިއެވެ. ސަޢޫދީ ޢަރަބިއްޔާ އެމެރިކާގެ ރަޙުމަތްތެރިއެއްގެ ގޮތުގައި އަބަދުވެސް އޮންނާނެ ވާހަކަ ވިދާޅުވުމަށް ފަހު، އެމަނިކުފާނު ވިދާޅުވީ "އެކަމަކުވެސް އަހަރެމެންނަކަށް، އަހަރެމެންގެ މަސްލަހަތުތަކުގެ މައްޗަށް އެމެރިކާގެ މަސްލަހަތުތައް އިހެއް ނުކުރެވޭނެ. އަހަރެމެންގެ މަސްލަހަތުތަކަކީ ޢަރަބީންނާއި މުސްލިމުންގެ މަސްލަހަތުތައް" މިހެންނެވެ.

ވަރަށް ކުރީއްސުރެ އެމެރިކާގެ ސިޔާސަތުތަކަށް ފާޑު ވިދާޅުވި ޢަބްދުﷲ ގެ މިފަދަ ބަސްފުޅުތަކުގެ ސަބަބުން، މުޅި އިސްލާމީ ދުނިޔޭގައި ވެސް، އެމަނިކުފާނު ރަސްކަމަށް ވަޑައިގަތުމަށް ފަހު، ސަޢޫދީ ޢަރަބިއްޔާގެ ސިޔާސަތު ވަރަށް ބޮޑަށް ބަދަލު ވެ، އިސްލާމީ ދުނިޔޭގެ ޤިޔާދަތު ހަގީގީ މާނައިގައި އުފުލާ ދައުލަތަކަށް ސަޢޫދީ ވެގެން ދާނެ ކަމުގެ އުއްމީދުގެ ހުޅުކޮޅު ދިއްލުނެވެ. ފަހުން ކޮންމެ ގޮތަކަށް ކަން ހިނގައިގެން ދިޔަޔަސް، އެއިރު މުސްލިމުންގެ ތެރެއިން އެތައް ބަޔަކު، ޢަބްދުﷲ އާ އެމީހުންގެ އުއްމީދުތައް ގުޅުވިއެވެ.

މަޝްހޫރު 11 ސެޕްޓެންބަރުގެ ޙަމަލާތައް 2001 ވަނަ އަހަރު ކުރިމަތި ވުމާ ގުޅިގެން، ޢަބްދުﷲ އެމެރިކާއަށް ހަމްދަރުދީ ފާޅު ކުރައްވައި، "ޓެރަރިސްޓުންގެ ޙަމަލާ" ކުށްވެރި ކުރެއްވިއެވެ. އަދި 23 ސެޕްޓެންބަރުގައި ފާހަގަ ކުރެވޭ ސަޢޫދީ ޢަރަބިއްޔާގެ "އަލްޔައުމުލް ވަޠަނީ" ނުވަތަ ޤައުމީ ދުވަހުގެ ބައެއް ހަފުލާތައް ކެންސަލް ކުރައްވައި، އެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ބަދަލުގައި ވަރަށް އާދައިގެ ގޮތަކަށް ފާހަގަ ކުރުމަށް ނިންމެވިއެވެ.

11 ސެޕްޓެންބަރުގެ ޙަމަލަޔާ ވިދިގެން، ޢަބްދުﷲ އަށް ކުރިމަތި ވެވަޑައިގަތް އެންމެ ބޮޑު ތަޙައްދީ އަކީ، އެ ޙަމަލައިގައި ބައިވެރި ވި 19 ހައިޖެކަރުންގެ ތެރެއިން 15 މީހުންނަކީ ސަޢޫދީ ރައްޔިތުން ކަމަށް ވުމާ ގުޅިގެން، ސަޢޫދީއަށް އެކި ދިމަދިމާއިން ކުރިމަތި ވި ފާޑުކިޔުންތަކުގެ މައްސަލައެވެ. އެއްކޮޅުން، މި ފާޑުކިޔުންތަކަކީ ނިޔަތް ނުބައި ބަޔަކު، ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް ހިންގާ އަބުރު ކަތިލުމުގެ މަކުރޫހަ ކަންތައްގަނޑެއް ކަމަށް ސިފަ ކުރެއްވުމަށް ފަހު، އަނެއްކޮޅުން، ސަޢޫދީ ޢަރަބިއްޔާގެ އެތެރޭގައި ތިބި "ހަރުކަށި އަދި ޙައްދުފަހަނައެޅި ވިސްނުމުގެ މީހުންނާ" ދެކޮޅަށް ވަރަށް ވަރުގަދަ ހަރަކާތްތަކެއް ހިންގުމަށް ޢަބްދުﷲ ނިންމެވިއެވެ.

އެގޮތުން، އިސްލާމް ދީނަކީ ހަނގުރާމަ އާއި ހަރުކަށިކަމުގެ ދީނެއް ކަމަށް އަލްޤާޢިދާ ފަދަ ޖަމާޢަތްތަކުން ބުނާ ބުނުމަކީ ގޯހެއް ކަމަށް ވިދާޅު ވެ، ސަޢޫދީގައި އިސްލާމް ދީން ކިޔަވައިދިނުމަށް ބޭނުން ކުރާ ޓެކްސްޓް ފޮތްތައް މުރާޖަޢާ ކޮށް، އެ ފޮތްތަކުގައި ހަރުކަށި ވިސްނުންތަކަށް މަގުފަހި ކުރާ އެއްވެސް ވާހަކަތަކެއް ހުރި ނަމަ، އެ ފަދަ ފޮތްތައް އިސްލާހު ކުރުމަށް އަމުރު ކުރެއްވިއެވެ. އަދި ސަޢޫދީ ޢަރަބިއްޔާގެ ދީނީ އިމާމުންގެ ތެރެއިން 900 އަށް ވުރެ ގިނަ އިމާމުން، އަލުން ދީނީ ތަޢުލީމުގެ ކުލާސްތައް ނަގާން މަޖުބޫރު ކުރެއްވިއެވެ. އެއީ އެމީހުންގެ ކިބައިގައި ދީނާ ޚިލާފު ހަރުކަށި ވިސްނުންތަކެއް ހުރި ކަމަށް ބެލެވިގެންނެވެ. ހަމައެހެންމެ، އަލްޤާޢިދާ ފަދަ ޖަމާޢަތްތަކާ ގުޅުން ހުރި ކަމަށް ބެލެވޭ އެތައް ސަތޭކަ ބަޔަކު، ސަޢޫދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވި، ބައެއް މީހުން ޤަތުލު ވެސް ކުރެވުނެވެ.

މި ހުރިހާ ކަމެއް ކުރެއްވުމާ އެކު ވެސް، 11 ސެޕްޓެންބަރުގެ ހަމަލަޔާ ގުޅިގެން އެމެރިކާއިން އަފްޣާނިސްތާނާއި ޢިރާޤުގައި ހިންގި މުސްލިމް ލެއިން ފެންވެރުމުގެ އަނިޔާވެރި ކުޅިގަނޑަށް، ޢަބްދުﷲ އެންމެ ފުރިހަމަ ގޮތުގައި ތާއީދެއް ނުކުރެއްވިއެވެ. 2003 ގައި ޢިރާޤަށް އަރައިގަތުމަށް ޓަކައި، ސަޢޫދީގެ ޕްރިންސް ސުލްޠާން ބޭސް ބޭނުން ކުރުމަށް ވެސް ޢަބްދުﷲ ހުއްދައެއް ނުދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ޢިރާޤަށް އަރައިގަތުމަށް ޓަކައި ސަޢޫދީގައި ހުރި ޢަސްކަރީ މަރުކަޒުތައް ބޭނުން ކުރެވޭނީ، އަލިފުދާލުގެ ޤަރާރަކުން ޢިރާޤާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ނިންމައިގެން، އެގޮތުގެ މަތީން ހަނގުރާމަ ކުރާ ނަމަ ކަމަށެވެ. ނަމަވެސް ފަހުން މި ސިޔާސަތު ބަދަލު ކުރައްވައި، ކޮންމެވެސް މިންވަރަކަށް އެ ބޭސް ބޭނުން ކުރުމުގެ ހުއްދަ ދެއްވިއެވެ.

ފަލަސްޠީނާއި އިސްރާއީލުގެ މައްސަލަ ޙައްލު ކުރެއްވުމަށް ޓަކައި، 2002 ވަނަ އަހަރު، ޢަބްދުﷲ ވަރަށް ޝާމިލް ހުށަހެޅުމެއް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމުގައި، 1967 ވަނަ އަހަރުގެ ހަނގުރާމައިގައްޔާއި އޭގެ ފަހުން އިސްރާއީލުން ގަދަބާރުން ފޭރިގެންފައި ހުރި އެންމެހައި ބިންތައް އަނބުރައި ދިނުމުން، 1947 ވަނަ އަހަރުގެ ޕާޓިޝަން ޕްލޭނުގެ ދަށުން ފަލަސްޠީނުގެ ރައްޔިތުންނަށް ޙައްޤު ވާ އެތައް ސަރަހައްދަކަށް އެމީހުން ކުރާ ދައުވާ ދޫކޮށްލައި، ސުލްހައިގެ މަގު އިޚްތިޔާރު ކުރާން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. "މުބާދަރަތުއް ސަލާމުލް ޢަރަބިއްޔާ" ނުވަތަ "އެރެބް ޕީސް އިނީޝިއެޓިވް" ގެ ނަމުގައި މޭޒުމައްޗަށް ގެނެވުނު މި ހުށަހެޅުން، 2002 ގައި ބޭއްވުނު ބައިރޫތު ސަމިޓުގައި، ޢަރަބި ލީގުން ބަލައިގަނެ، ފާސް ކުރިއެވެ. ނަމަވެސް ސަޢޫދީ ޢަރަބިއްޔާގެ ދޮންބައްޕަ އެމެރިކާ، ދޮންދަރިފުޅުގެ ހުށަހެޅުމަށް ވަގުތުން އިންކާރު ކުރިއެވެ.

އިސްރާއީލު ނުރުހޭ އެއްވެސް ކަމެއް އިސްރާއީލު ލައްވައި ނުކުރުވާނެ ކަން ކަށަވަރު ކޮށްދިނެވެ. އެމެރިކާގެ މި ނިންމުމާ މެދު ހިތާމަ ކުރައްވައި، ޢަބްދުﷲ ވިދާޅުވީ "ރައީސް ބުޝް އެ ހުށަހެޅުމަށް އިންކާރު ކުރެއްވީ، އެ ހުށަހެޅުމުގައި ހިމެނޭ ނުކުތާތަކާ ބެހޭގޮތުން އެކަށީގެންވާ ވަރަށް ބުޝްއަށް ތަފްސީލުތައް އެރުވިފައި ނުވާތީ" ކަމަށެވެ.
2005 ގެ ކުރީކޮޅު، އެމެރިކާގެ ޓެކްސަސްގެ ކްރޮވފަރޑްގައި، ޢަބްދުﷲ އެމެރިކާގެ ރައީސް ޖޯރޖް ޑަބްލިޔު. ބުޝްއާ ބައްދަލު ކުރެއްވިއެވެ. މި ބައްދަލުވުމުގައި، ސަޢޫދީގެ ދީނީ ކަންކަމާއި ތަޢުލީމީ ނިޒާމު އިސްލާހު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ބުޝްއަށް ޢަބްދުﷲ ދެއްވިއެވެ.

ރަސްކަމާއި އިސްލާހީ ފިޔަވަޅުތައް
1 އޯގަސްޓް 2005 ގައި، މަލިކު ފަހުދު ބިން ޢަބްދުލްޢަޒީޒް އަވަހާރަ ވުމުން، ހަމަ އެ ދުވަހު ޢަބްދުﷲ ރަސްކަމުގެ ތަޚުތަށް އިސް ވެވަޑައިގަތެވެ. އެއިރު އެމަނިކުފާނުގެ އުމުރުފުޅަކީ 81 އަހަރެވެ.

ރަސްކަމާ ހަވާލު ވެވަޑައިގަތުމަށް ފަހު، ޢަބްދުﷲ އެންމެ ފުރަތަމަ ނިންމެވި އެއް ނިންމެވުމަކީ އެމަނިކުފާނު އަވަހާރަ ކޮށްލާން މަސައްކަތް ކުރި ކަމުގެ ތުހުމަތު ކުރެވިފައި ތިބި ލީބިޔާގެ ދެ މީހަކަށް މައާފު ދެއްވުމެވެ. ހަމައެއާއެކު، ސަޢޫދީ ޢަރަބިއްޔާގެ ރަސްކަން ވިރާސީ ރަސްކަމެއްގެ ބަދަލުގައި ދުސްތޫރީ ރަސްކަމަކަށް ބަދަލު ކުރާން މަސައްކަތް ކުރި ކަމުގެ ކުށުގައި ޖަލަށް ލެވިފައި ތިބި ސަޢޫދީ ތިން މީހަކަށް ވެސް މައާފު ދެއްވިއެވެ.

ޢަބްދުﷲ ގެ ރަސްކަމުގައި، ސަޢޫދީ ޢަރަބިއްޔާގެ ސިޔާސީ ނިޒާމާއި އިޖުތިމާޢީ ޙާލަތާއި އިޤްތިޞާދީ ކަންކަން ރަނގަޅު ކުރެއްވުމަށް ޓަކައި އިސްލާހީ ފިޔަވަޅުތަކެއް އެޅުއްވިއެވެ.
ލަސްލަހުން، އަދި މަޑުމަޑުން ގެންނެވި އިސްލާހީ ބަދަލުތަކުގެ ތެރޭގައި، ސަރުކާރަށް ފާޑު ކިޔުމުގެ މިނިވަންކަން ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި މީޑިއާއަށް ވެސް ދެއްވިއެވެ.

ޢަބްދުﷲ ގެ އިސްލާހީ ފިޔަވަޅުތަކުގެ ތެރޭގައި އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ، ސަޢޫދީގެ ޒުވާނުން "ޒަމާނީ ތަޢުލީމަށް" ހެއިލުންތެރި ކުރެއްވުމަށް ޓަކައި، ބޭރުގެ ޔުނިވަރުސިޓީތަކަށް ފޮނުވުމުގެ ވަރުގަދަ ޕްރޮގްރާމެއް ފެއްޓެވުމެވެ. މި ޕްރޮގްރާމުގެ ދަށުން، ސަރުކާރުގެ ޚަރަދުގައި ހަތްދިހަ ހާހަށް ވުރެ ގިނަ ދަރިވަރުން، އެކިއެކި ޤައުމުތަކަށް ފޮނުއްވައިފައި ވެއެވެ. އެންމެ ގިނަ ކުދީން ފޮނުއްވައިފައި ވަނީ އެމެރިކާއަށާއި އިނގިރޭސި ވިލާތަށާއި އޮސްޓްރޭލިޔާއަށެވެ. ވަރަށް ގިނަ މުހައްލިލުން ވިދާޅުވާ ގޮތުގައި، މި ކުދީން ތަޢުލީމް ހާސިލު ކޮށްގެން އެނބުރި ސަޢޫދީއަށް ގޮސް، ޤައުމުގެ ކަންކަމާ ޙަވާލު ވާ ދުވަހެއް އައުމުން، ސަޢޫދީއަށް ބޮޑެތި ބަދަލުތަކެއް އައިސް، މުޅި ޤައުމުގެ މަލަމަތި ބަދަލު ވެގެން ދިޔުމުގެ އިޙްތިމާލު ވަރަށް ބޮޑެވެ.

އިޤްތިޞާދީ ނިޒާމު އިޞްލާޙު ކުރެއްވުމަށް ޢަބްދުﷲ ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި، ޒުވާނުންނަށް ޓަކައި އިތުރު ވަޒީފާތައް އުފައްދާނޭ ޕްރޮގްރާމްތައް ފެއްޓެވިއެވެ. އަމިއްލަ ވިޔަފާރި ފަށާން ބޭނުން ވާ ޒުވާނުންނަށް ޓަކައި، ވިޔަފާރި ފެށުމުގެ ކަންކަން ފަސޭހަ ކުރެއްވުމުގެ ގޮތުން ޤާނޫނުތަކަށް އިސްލާހު ގެންނެވިއެވެ. އިންވެސްޓްމަންޓް ޕްރޮމޯޝަން އޭޖެންސީއެއް އުފެއްދެވިއެވެ. އަދި ކެޕިޓަލް މާކެޓް ރެގިޔުލޭޓް ކުރާނެ މުއައްސަސާއެއް ވެސް އުފެއްދެވިއެވެ. ޤުދުރަތީ ގޭހުގެ ސިނާއަތް ތަރައްޤީ ކުރުމަށް ޓަކައި އިންވެސްޓް ކުރެއްވިއެވެ. ވޯރލްޑް ޓްރޭޑް އޯރގަނައިޒޭޝަނުގެ މެންބަރަކަށް ސަޢޫދީ ޢަރަބިއްޔާ ހެއްދެވިއެވެ. ތެލަށް ބަރޯސާ ވުމުގެ ބަދަލުގައި، ކުރިމަގުގެ ސިނާއަތެއްގެ ގޮތުގައި އިރުގެ ހަކަތަ ބޭނުން ކުރުމާ ބެހޭ މަޝްރޫޢުތަކަށް އެތައް ބިލިއަން ޑޮލަރެއް އިންވެސްޓް ކުރެއްވިއެވެ.

ނަމަވެސް މި ހުރިހާ ކަމަކަށް ވުރެ ބޮޑަށް ނަން ހިނގައިގެން ދިޔަ ކަމަކީ، އެމަނިކުފާނު އުފެއްދެވި ޒަމާނީ ޔުނިވަރުސިޓީގެ މަޝްރޫޢެވެ. "ކިންގް ޢަބްދުﷲ ޔުނިވަރސިޓީ ފޯރ ސައެންސް އެންޑް ޓެކްނޯލޮޖީ" ގެ ނަމުގައި އުފެއްދެވި މި ޔުނިވަރުސިޓީއަށް 12.5 ބިލިއަން ޑޮލަރު ޚަރަދު ކުރެއްވިއެވެ. ސައެންސާއި ޓެކްނޯލޮޖީގެ މައިދާނުގައި ދިރާސާ ކޮށް، ޢިލްމު އުފެއްދުމުގެ މަސައްކަތް ކުރުމަށް ޓަކައި ޤާއިމު ކުރެއްވި މި ޔުނިވަރުސިޓީއަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ދިރާސާވެރީންނާއި ޕްރޮފެސަރުން ލައްވައިގެން ފެއްޓެވި ޔުނިވަރުސިޓީއެކެވެ. މި ޔުނިވަރުސިޓީގައި، ފިރިހެނުންނާ އެކު އަންހެނުންނަށް ވެސް ކިޔެވެއެވެ. މި ޔުނިވަރުސިޓީއާ އެކު، ސަޢޫދީގެ ތަޢުލީމީ ކަންކަން ހަރުދަނާ ކުރެއްވުމަށް ޢަބްދުﷲ ގެންގުޅުއްވި ސިޔާސަތު އެންމެ ބޮޑަށް ފެނިގެން ދިޔަ އެއް ހެއްކަކީ 2010 ވަނަ އަހަރަށް ކަނޑައެޅުނު ދައުލަތުގެ ބަޖެޓެވެ. އެ ބަޖެޓުގެ 25 އިންސައްތަ ޚާއްސަ ކުރެވިފައި ވަނީ ތަޢުލީމީ ދާއިރާއަށެވެ.

ސިޔާސީ އަދި އިޖުތިމާޢީ ނިޒާމަށް ބަދަލުތަކެއް ގެންނެވުމަށް ޓަކައި އެމަނިކުފާނު ކުރެއްވި މަސައްކަތް އެންމެ ބޮޑަށް އަމާޒު ކުރެއްވީ އަންހެނުންގެ ހާލަތަށެވެ. ސަޢޫދީ ޢަރަބިއްޔާ އަކީ، އިސްލާމް ދީނުގެ ނަމުގައި، އަންހެނުންނާ ދެކޮޅަށް ވަރަށް ބޮޑެތި އިމްތިޔާޒުތަކެއް ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ގައުމެކެވެ. މި އިމްތިޔާޒު އެންމެ ހިތްދަތި ގޮތަކަށް ފެނިގެން ދިޔަ އެއް ހާދިސާއަކީ 2002 ވަނަ އަހަރު، މައްކާގެ މަދަރުސާއެއްގެ ޑޯމިޓަރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއެވެ. އެ ހާދިސާ ހިނގި އިރު، އެ ޑޯމިޓަރީގައި ތިބި 15 އަންހެން ކުއްޖަކު ތިބީ ރަނގަޅަށް ޢައުރަ ނިވައި ނުކޮށް ކަމަށް ބުނެ، އެތަނުގައި ތިބި ދީނީ ފުލުހުން އެ ކުދީން އެތަނުން ނުކުތަނުދީ ހި ފެހެއްޓިއެވެ. ނަތީޖާއަކަށް ވީ، ރޯ ވެފައި ހުރި އަލިފާންގަނޑުގެ ތެރޭގައި އެ ކުދީން ތާށި ވެ، އަނދައިގެން މަރު ވުމެވެ. މި ހާދިސާއާ ގުޅިގެން ޢަބްދުﷲ ވަރަށް ބޮޑަށް ކޯފާ އިސް ކުރައްވައި، އަންހެން ކުދީންގެ ތަޢުލީމާ ބެހޭ ކަންކަމުގައި އިސްކޮށް ޙަރަކާތްތެރި ވި ބައެއް މީހުން ވަޒީފާއިން ވެސް ވަކި ކުރައްވައިފައި ވެއެވެ.

އަންހެނުންނާ މެދު ސަޢޫދީ ޢަރަބިއްޔާގައި މުޢާމަލާތު ކުރެވޭ ގޮތާ މެދު ބަސްދީގަތުމެއްގައި ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ "އަހަރެންނަކީ އަންހެނުންގެ ޙައްޤުތައް ވަރަށް ބޮޑަށް ޤަބޫލު ކުރާ މީހެއް، އަހަރެންގެ މަންމަޔަކީ އަންހެނެއް، އަހަރެންގެ ދެ އުޚްތުންނަކީ އަންހެނުން، އަހަރެންގެ އަންހެން ދަރިފުޅަކީ އަންހެނެއް، އަހަރެންގެ އަނބިމީހާ އަކީ އަންހެނެއް" މިފަދައިންނެވެ. ގައުމުގެ ސިޔާސީ އަދި އިޖުތިމާޢީ ހަޔާތުގައި އަންހެނުންގެ ދައުރު ފުޅާ ކުރެއްވުމަށް ޓަކައި މަސައްކަތްތަކެއް ކުރައްވާނެކަން އެމަނިކުފާނު އިއުލާން ކުރެއްވިއެވެ. އެގޮތުން، މުނިސިޕަލް އިންތިޚާބުތަކުގައި ވޯޓު ލުމާއި، އެ އިންތިޚާބުތަކުގައި ވާދަ ކުރުމުގެ ފުރުސަތު އަންހެނުންނަށް ފަހި ކޮށްދެއްވާން އެމަނިކުފާނު ވައުދު ވެވަޑައިގަތެވެ. އެމަނިކުފާނުގެ މި ވައުދުފުޅު ފުރިހަމަ ކުރުމަށް ޓަކައި އެކަށައެޅުނު އަމަލީ ޕްލޭނުގެ ދަށުން، އަންހެނުންނަށް މި ފުރުސަތު ލިބޭ ގޮތަށް އޮތީ މި ހިނގާ 2015 ވަނަ އަހަރުގެ ތެރޭގައެވެ.

ސަޢޫދީގެ ޝޫރާ މަޖިލިހުގައި ވެސް އަންހެނުން ބައިވެރި ކުރައްވާނެ ކަން ވެސް ޢަބްދުﷲ އިޢުލާން ކުރެއްވިއެވެ. އަންހެން ބޭފުޅެއް ކަމަށް ވާ ނޫރާ އަލްފާއިޒަށް، ތަޢުލީމީ ވުޒާރާގެ ނާއިބުކަން ދެއްވިއެވެ. 2009 ވަނަ އަހަރު މަޤާމު ލިބިވަޑައިގަތް ނޫރާ އަކީ، ސަޢޫދީގެ ވަޒީރުން ފެންވަރުގެ މަޤާމެއް ލިބިވަޑައިގަތް ފުރަތަމަ އަންހެން ބޭފުޅާއެވެ. މީގެ އިތުރުން، ޢަބްދުﷲ ގެ އިސްލާހީ މަސައްކަތްޕުޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ސުޕަރމާކެޓްތަކުގެ ކޭޝިއަރުކަން ފަދަ ބައެއް ވަޒީފާތަކުގައި ސަޢޫދީގެ އަންހެނުން މަސައްކަތް ކުރުމުގެ ހުއްދަ ވެސް ދެވުނެވެ. އެމަނިކުފާނު ވަޢުދު ވެވަޑައިގަތް، އެކަމަކު އަވަހާރަ ވި އިރު ވެސް ނުކުރެއްވެވި އޮތް އެއް ކަމަކީ، އަންހެނުން ކާރު ފަދަ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ މިނިވަންކަން ދެއްވުމުގެ ވަޢުދެވެ.

2013 ވަނަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި، އަންހެނުންނާ ދެކޮޅަށް ގެވެށި އަނިޔާގެ ޢަމަލުތައް ހިންގުމަކީ ކުށެއް ކަމަށް ކަނޑައަޅާ ޤާނޫނެއް ފާސް ކުރެވުނެވެ. މިއީ އަންހެނުންގެ ރައްކައުތެރިކަމަށް ޓަކައި ސަޢޫދީ ޢަރަބިއްޔާގައި ފާސް ކުރެވުނު މި ބާވަތުގެ ފުރަތަމަ ޤާނޫނެވެ. މި ޤާނޫނުގެ ދަށުން، ނަފްސާނީ ގޮތުންނާއި، ޖިންސީ ގޮތުންނާއި، ޖިސްމާނީ ގޮތުން އަންހެނުންނަށް އަނިޔާ ކުރުމަކީ ކުށެއް ކަމަށް ކަނޑައެޅި، އެ ކުށް ކުރާ މީހުންނަށް ޖަލު ޙުކުމާއި ޖުރުމާނާގެ އަދަބު ކަނޑައެޅިގެން ދިޔައެވެ.

ދީންތަކުގެ ގުޅުން ހަރުދަނާ ކުރުން
ޢަބްދުﷲ ރަސްގެފާނު ފާހަގަ ކުރެވުނީ އެކިއެކި ދީންތަކުގެ މެދުގައި އޮންނަ ގުޅުންތައް ރަނގަޅު ކޮށް، ދީނީ ތަޢައްޞުބާއި ނަފްރަތު ނެއްތައިލުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ތާއީދު ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.
އެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އެމަނިކުފާނު 2007 ވަނަ އަހަރު ވެޓިކަނަށް ވަޑައިގެން، އެއިރު ކެތަލިކް ޕޯޕްގެ ތަޚުތުގައި އިންނެވި ބެނެޑިކްޓް 16 ވަނަ އާ ބައްދަލު ކުރެއްވިއެވެ. އެ ބައްދަލުވުމަށް ފަހު، 2008 ގެ މާރިޗު މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ "ހުރިހާ ދީންތަކެއްގެ އަހުލުވެރީން ވެސް އުޚުއްވަތްތެރިކަމާއި އިޚްލާޞްތެރިކަމާ އެކު އެއް ބަޔަކު އަނެއް ބަޔަކާ ވާހަކަ ދެއްކުމަށް" ގޮވައިލައްވައިފައެވެ.

ހަމަ އެ އަހަރުގެ ޖޫން މަހުގެ ތެރޭގައި، ޢަބްދުﷲ ގެ އަމުރުފުޅަށް، އިސްލާމީ ދުނިޔޭގެ ބޮޑެތި ޢިލްމުވެރީންގެ ބައްދަލުވުމެއް، މާތް ވެގެންވާ މައްކާގައި ބޭއްވުނެވެ. މި ބައްދަލުވުމުގެ މައުޟޫޢަކީ އެހެނިހެން ދީންތަކުގެ އަހުލުވެރީންނާ އެކު އެއް އަޑަކުން، އެއް ގޮތެއްގައި، ޞުލްޙައިގެ މަގުގައި ވާހަކަ ދެއްކުމެވެ.

މައްކާގެ ކޮންފަރެންސަށް ފަހު، ޢަބްދުﷲ ގެ އިސް ނެންގެވުމުގެ ދަށުން، ސަޢޫދީ ޢަރަބިއްޔާ އާއި ސްޕޭން ގުޅިގެން، މުސްލިމް، ކްރިސްޓިއަން، އަދި ޔަހޫދީ ޢިލްމުވެރީންގެ ޚާއްސަ ފޯރަމެއް ސްޕޭނުގެ ވެރިރަށް މެޑްރިޑުގައި ބޭއްވުނެވެ. އެއީ 2008 ގެ ޖުލައި މަހުގެ ތެރޭގައެވެ. މި ބައްދަލުވުން ވެގެން ދިޔައީ ވަރަށް ރަނގަޅަށް ކުރިޔަށް ގެންދެވުނު ބައްދަލުވުމަކަށެވެ. 2010 ވަނަ އަހަރު "ވޯރލްޑް އިންޓަރފެއިތު ހާރމަނީ ވީކް" ގެ ނަމުގައި ޚާއްސަ ހަފުތާއެއް ފާހަގަ ކުރުމުގެ ނިންމުން އައީ ވެސް މި ބައްދަލުވުމުގެ ތެރެއިންނެވެ.

ދީންތަކުގެ އަހުލުވެރީންގެ މެދުގައި ގުޅުން ޤާއިމު ކުރެއްވުމަށް ޢަބްދުﷲ ރަސްގެފާނު ކުރެއްވި މަސައްކަތުގެ އެންމެ މުހިއްމު އެއް މޭވާ އަކީ، 2011 ވަނަ އަހަރު އޮސްޓްރިޔާގެ ވިއެނާގައި ޤާއިމު ކުރެވުނު "ކިންގް ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ސެންޓަރ ފޯރ އިންޓަރރިލިޖަސް އެންޑް އިންޓަރކަލްޗަރަލް ޑަޔަލޯގް" އެވެ. މި މަރުކަޒު ޤާއިމު ކުރުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔައީ ސަޢޫދީ ޢަރަބިއްޔާ އާއި ސްޕޭނާއި އޮސްޓްރިޔާ ގުޅިގެންނެވެ. އެ މަރުކަޒު ރަސްމީކޮށް ހުޅުވުނީ 2012 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. މަރުކަޒުގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލަކީ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ސަޢުދުލް ފައިޞަލެވެ. ފުރަތަމަ ޑެޕިޔުޓީ ސެކްރެޓަރީ ޖެނެރަލަކީ އޮސްޓްރިޔާގެ ކުރީގެ ފެޑެރަލް ޖަސްޓިސް މިނިސްޓަރ ކްލައުޑިޔާ ބޭންޑިއަން އޯރޓްނަރއެވެ.

ޢަރަބި ބަހާރާއި އައިއެސް
18 ޑިސެންބަރު 2010 އިން ފެށިގެން، 2011 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ތެރޭގައި އުތުރު އެފްރިކާ އާއި މެދުއިރުމަތީގެ ޢަރަބި އެތައް ޤައުމެއް ގުޑުވައިލި ޢަރަބި ބަހާރަކީ، ޢަރަބި އެހެން ލީޑަރުންނެކޭ އެއްފަދައިން މަލިކު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒު ވެސް ވަރަށް ޖެހިލުން ވެވަޑައިގަތް ކަމަކަށް ވިއެވެ.

ޢަރަބި ބަހާރުގެ ވައި ޖެހޭން ފެށި އިރު، ޢަބްދުﷲ ހުންނެވީ ސިއްހީ ފަރުވާއަށް ޓަކައި އެމެރިކާގައެވެ. އެމެރިކާ އާއި މޮރޮކޯއަށް ކުރެއްވި މި ދަތުރުފުޅުން އެމަނިކުފާނު އެނބުރި ޤައުމަށް ވަޑައިގަތީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ފަހުކޮޅުއެވެ. އެނބުރިވަޑައިގަތުމާ އެކު، ޢަރަބި ބަހާރުގެ އޮއިވަރު ސަޢޫދީ ޢަރަބިއްޔާގައި ފެތުރުނަނުދެއްވާން އެކިއެކި ފިޔަވަޅުތައް އަޅުއްވާން ފެއްޓެވިއެވެ.

ރައްޔިތުންނަށް "ރިޝްވަތު ދެއްވުން" ކަމަށް ގިނަ ބަޔަކު ސިފަ ކުރި މި ފިޔަވަޅުތަކުގެ ތެރޭގައި، ވަޒީފާ އުފެއްދުމާއި، ތަޢުލީމީ ފުރުޞަތުތަކާއި، ގެދޮރު ހޯދުމަށް ޓަކައި ހިލޭ އެހީ ދިނުމާއި، ދަރަނި ދައްކައިދިނުމާއި، އައު ކުޅިވަރު ޗެނަލެއް އުފެއްދެވުން ފަދަ ކަންކަމަށް، 37 ބިލިއަން ޑޮލަރު ޚަރަދު ކުރެއްވުމަށް ނިންމަވައި، އެ ކަންކަން ވަގުތުން ތަންފީޒު ކުރައްވާން ފެއްޓެވިއެވެ. ހަމައެހެންމެ، އައު ގެދޮރު ބިނާ ކުރުމާއި، ސަރުކާރުގެ މުއައްޒަފުންގެ މުސާރަ ބޮޑު ކުރުމާއި، ދީނީ ޖަމްޢިއްޔާތަކަށް އެހީ ދެއްވުމަށް ޓަކައި 130 ބިލިއަން ޑޮލަރުގެ އަގު ހުރި މަޝްރޫޢުތަކެއް ފައްޓަވައި، އަވަސް ދުވެއްޔެއްގައި މި މަޝްރޫޢުތައް ފުރިހަމަ ކުރެއްވިއެވެ.

މީގެ އިތުރުން، ރަސްގެފާނަށް ޝަކުވާ ހުށަހެޅުމަށް ކޮންމެ ރައްޔިތަކަށް ވެސް ފުރުސަތު ދެއްވުމަށް ޓަކައި، ޚާއްސަ ފޭސްބުކް ސަފުހާއެއް ވެސް ފެއްޓެވިއެވެ.

ޢަރަބި ބަހާރުގެ ތެރޭގައި، ޢަބްދުﷲ ގެ ނުރުހުން އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ވެސް ކުރިމަތި ވިއެވެ. މަދު ވެގެން ދެ ފަހަރަކު ޢަބްދުﷲ ފޯނުން އޮބާމާއަށް ގުޅުއްވައި، "ޢަރަބި ދުނިޔޭގައި ޑިމޮކްރަސީ އާލާ ކުރައްވާން ކުރައްވާ މަސައްކަތްޕުޅުތަކާ" މެދު ވަރަށް ހިތްޕުޅު ހަމަނުޖެހިގެން ވާހަކަ ދެއްކެވި ކަމަށް ބުނެވެއެވެ.

ޢަބްދުﷲ ގެ ސިޔާސަތު ސަޢޫދީ ޢަރަބިއްޔާގެ އެތެރޭގައި ވެސް، ބޭރުގައި ވެސް ހުރީ ޢަރަބި ބަހާރާ ދެކޮޅަށެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވުނީ، މިޞްރުގައި އިންތިޚާބު ކުރެވުނު އިސްލާމީ ފިކުރުގެ ސަރުކާރު ވައްޓައިލައި، އެ ސަރުކާރުގެ ވެރީން ޖަލަށް ލައި، ޑިމޮކްރަސީއަށް ތާއީދު ކޮށް، އަދި އިސްލާމީ ސަރުކާރަށް ތާއީދު ކޮށް ނުކުތް މަޢުޞޫމް އެތައް ހާސް މުސްލިމުންނެއް ބަކަރިތަކެއް ހެން ކަތިލަމުން ގެންދިޔަ މިޞުރުގެ ޢަބްދުލްފައްތާޙް އައްސީސީއަށް ޢަބްދުﷲ ކުރެއްވި ތާއީދެވެ.

ސަޢޫދީ ޢަރަބިއްޔާގެ ތެރޭގައި ވެސް، ސަރުކާރާ ދެކޮޅަށް ތެދު ވެ އިންޤިލާބީ އެއްވެސް ޙަރަކާތެއް ހިންގައިފާނޭ ކޮންމެ ފަރާތަކާ ދެކޮޅަށް، ވަރުގަދަ ފިޔަވަޅުތަކެއް ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމުގެ ފަރާތުން އެޅިއެވެ. އެގޮތުން، ޤައުމީ ސަލާމަތަށާއި އަމަންއަމާންކަމަށް ނުރައްކާ ވެދާނޭ ކަންތައްތަކެއް ކަނޑައަޅައި، އެ ކަންތައްތައް ކުރާ ފަރާތްތަކަށް އަދަބު ދޭ އައު ޤާނޫނުތަކެއް ވަރަށް އަވަހަށް ފާސް ކުރެވި، ތަންފީޒު ކުރާން ފެށުނެވެ. ހަމައެހެންމެ، 1744 ވަނަ އަހަރު، ސަޢޫދީގެ ފުރަތަމަ ދައުލަތް އުފެދުނީއްސުރެ، އާލްސަޢޫދުގެ "ޕާޓްނަރެއްގެ" ގޮތުގައި އޮންނަ ވައްހާބީ ދީނީ ކްލާރޖީގެ ބަސް އިއްވަވާ އެންމެ މަތީ ޢިލްމުވެރިޔާ، ސަޢޫދީގެ މުފްތީ ޚާއްސަ ފަތުވާއެއް ނެރުއްވައި، ސަރުކާރާ ދެކޮޅަށް މަގުމައްޗަށް ނުކުމެ ޝުޢޫރު ފާޅު ކުރުމަކީ އިސްލާމް ދީން ޙަރާމް ކުރައްވައިފައި ވާ ކަމެއް ކަމަށް ވިދާޅުވެގެން، އާލްސަޢޫދުގެ ރަސްކަން ޙިމާޔަތް ކުރުމަށް ޓަކައި މުހިއްމު ފިޔަވަޅެއް އަޅުއްވައިދެއްވިއެވެ.

އަވަށްޓެރި ބަޙްރައިނުގައި، ރައްޔިތުން ނުކުމެ ސަރުކާރާ ދެކޮޅަށް ޝުޢޫރު ފާޅު ކުރާން ފެށުމުން، ބަޙްރައިނުގެ ސަރުކާރަށް އެހީތެރި ވުމަށް ޓަކައި، ޢަބްދުﷲ ރަސްގެފާނުގެ އަމުރުފުޅަށް ސަޢޫދީ ސިފައިންގެ ޓޭންކް ފައުޖުތައް ބަޙްރައިނަށް ގޮސްފައި ވެސް ވެއެވެ.

ޢަރަބި ބަހާރުގެ ތެރެއިން، ސޫރިޔާގެ އަމަންއަމާންކަން ގެއްލި، ވަރުގަދަ އަހުލީ ހަނގުރާމައެއްގެ ތެރެއަށް އެ ޤައުމު ވެއްޓިގެން ދިޔަ އިރު، ފާހަގަ ކުރެވުނު އެންމެ މުހިއްމު އެއް ކަމަކީ، ޢަރަބި ބަހާރުގެ ތެރޭގައި ސަރުކާރާ ދެކޮޅަށް އެހެން ޤައުމުތަކުގައި ތެދު ވި އެންމެންނާ ދެކޮޅު ސިޔާސަތުތަކެއް ގެންގުޅުއްވި ޢަބްދުﷲ، ސީރިޔާގައި ސަރުކާރާ ދެކޮޅު ފަރާތްތަކަށް ތާއީދު ކުރެއްވި ކުރެއްވުމެވެ. މުޙައްލިލުންގެ ނަޒަރުގައި މީގެ ސިއްރަކީ، ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަކީ ޝީޢީ ވެރިއަކަށް ވުމާއި، އޭނާއާ ދެކޮޅު ފަރާތްތަކަކީ ސުންނީ ޖަމާޢަތްތަކެއް ކަމަށް ވުމެވެ. ސަރަޙައްދުގައި ބާރާއި ނުފޫޒު ފޯރުވުމުގައި ސަޢޫދީއާ އެންމެ ބޮޑަށް ވާދަ ކުރާ އެއް ޤައުމު ކަމަށް ވާ މުސްލިމް އީރާނުގެ ތާއީދު އޮތީ ބައްޝާރުލް އަސަދުގެ ސަރުކާރަށެވެ. އެހެންކަމުން، މިއީ ވެސް ޒަމާނުއްސުރެ އީރާނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރު ވެގެން ދިޔަ ސަބަބަކަށް ވިއެވެ.

ޢިރާޤާއި ސޫރިޔާގެ ހަމަނުޖެހުމުގެ ތެރެއިން، ބޯ އުފުއްލައިލި "އިސްލާމިކް ސްޓޭޓް" ނުވަތަ އައިއެސްގެ ބިރުވެރިކަން އެންމެ ބޮޑަށް ތަޙައްމަލު ކުރެއްވި އެއް ބޭފުޅަކީ ވެސް ބުނެވޭ ގޮތުގައި ޢަބްދުﷲ ރަސްގެފާނެވެ. އައިއެސްގެ ލީޑަރުން ފެށުނީއްސުރެ ވެސް ބުނަމުން އައީ، ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމަކީ އިސްލާމީ އުއްމަތަށް ޣައްދާރު ވެގެން ތިބި ޣައްދާރުންތަކެއްގެ ވެރިކަމެއް ކަމުގައެވެ. ސޫރިޔާގެ ހަނގުރާމައިގެ ތެރޭގައި، އައިއެސްގެ ކޮންޓްރޯލުގެ ދަށަށް ޢިރާޤާއި ސޫރިޔާގެ އެތައް ސަރަޙައްދެއް ދިޔުމަށް ފަހު، އައިއެސްގެ އެއް އަމާޒަކީ ސަޢޫދީ ޢަރަބިއްޔާގެ ރަސްކަން ވައްޓައިލުން ކަމަށް އެމީހުންގެ ބައެއް ލީޑަރުން ބުނެފައި ވެސް ވެއެވެ.

މި ކަހަލަ ޙާލަތެއްގައި، އައިއެސްގެ ހަނގުރާމަވެރީންނާ ދެކޮޅަށް އެމެރިކާ އިސް ވެއޮވެ ފެށި ހަނގުރާމައިގައި ބައިވެރި ވުމަށް ޓަކައި، ޢަބްދުﷲ ރަސްގެފާނު ސަޢޫދީ ވައިގެ ސިފައިން ވެސް ފޮނުއްވިއެވެ.
އައިއެސްގެ ޙަމަލާއެއް ސަޢޫދީއަށް ފުރަތަމަ ފަހަރަށް ސީދާ ގޮތެއްގައި އަމާޒު ވީ މި އަހަރުގެ ކުރީކޮޅުއެވެ. އެ ޙަމަލާގައި، ސަޢޫދީ އާއި ޢިރާޤު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީން، ސަޢޫދީ ސަރަޙައްދަށް ހަމަލަ ދީ، ބޯޑަރު ފުލުހުންގެ ތިން މީހަކު މަރައިލިއެވެ. މި ޙާދިސާ ހިނގި އިރު، ޢަބްދުﷲ އޮންނެވީ އާލާސްކަންފުޅުގެ ސަބަބުން، ހަސްފަތާލުގައި އެނދުމަތި ކުރެވިފައެވެ.

މުއްސަނދިކަމުގެ ޙައްދެއް ނެތް
ދުނިޔޭގައި، އެންމެ ގިނަ ޢަދަދަކަށް ތެޔޮ ބޭރު ކުރާ ޤައުމު ކަމަށް ވާ ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމުގައި 9 އަހަރާއި 7 މަސް ހޭދަ ކުރެއްވުމަށް ފަހު، މި މަހުގެ 23 ވަނަ ދުވަހު އަވަހާރަ ވި ޢަބްދުﷲ ރަސްގެފާނަކީ ދުނިޔޭގެ އެންމެ ބޮޑެތި މުއްސަނދީންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. މަޝްހޫރު "ފޯރބްސް" މަޖައްލާއިން 2011 ވަނަ އަހަރު އަންދާޒާ ކޮށްފައި ވާ ގޮތުގައި، ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒްގެ މިލްކިއްޔާތުގެ ތެރެއިން، ލިޔެކިޔުންތަކުން ފެންނާން ހުރި، ސާބިތު ވާ މިންވަރު 21 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. އެމަނިކުފާނު ސިއްހީ ފަރުވާއެއް ހޯއްދެވުމަށް ޓަކައި، ބޭރު ޤައުމަކަށް ދަތުރެއް ކުރައްވަނީ ވެސް އަގުބޮޑު ޖަމްބޯ ޖެޓުގެ ފްލީޓެއްގައެވެ. އެފަދަ ދަތުރުފުޅެއްގައި ހުންނަވާ ހޮޓާ އެއްކޮށް ކިރިއްޔާއަށް ހިއްޕަވައެވެ. މި ހުރިހާ މުއްސަނދިކަމެއްގެ ވާހަކަ ދެކެވިގެން ދިޔުމުން، ކޮންމެ ބަޔަކު ވެސް ސުވާލު ކުރަނީ ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޢާއިލާގެ މުއްސަނދިކަމުގެ ސަބަބުތަކާ ބެހޭގޮތުންނެވެ.

އާލްސަޢޫދުގެ ޢާއިލާގެ މުއްސަނދިކަމުގެ ވާހަކައަކީ ފަސާދަޔާއި، ޡުލްމުގެ އެތައް އެޕިސޯޑެއްގެ މައްޗަށް ހިމެނިގެން ވާ ދިގު ވާހަކައެކެވެ. އެ ވާހަކަ ދެއްކުމަށް ޓަކައި، މިއީ މުނާސިބު ވަގުތެއް ވެސް ނޫނެވެ. އެހެން ނަމަވެސް، ސަޢޫދީ ޢަރަބިއްޔާގެ ޝާހީ ޢާއިލާގައި 7000 ވަރަކަށް މެންބަރުން ތިބި ކަމާއި، މީގެ ތެރެއިން ކޮންމެ މެންބަރަކަށް ވެސް ކޮންމެ މަހަކު، ދައުލަތުގެ ޚަޒާނާއިން ޖީބުފައިސާގެ ގޮތުގައި ހާހުން ލައްކައިން އެމެރިކާ ޑޮލަރު ލިބޭކަން ހަނދާން ކޮށްލުމަކީ ނެތް ކަމެއް ނޫނެވެ. މި ފައިސާ އަކީ ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންނަށް ލިބިގެން ވާ ތެލުގެ ނިޢުމަތަށް ވެވުނު ޚިޔާނާތުގެ ފައިސާއެވެ.

އިސްލާމީ އުއްމަތުގެ އެއްވެސް މަޝްވަރާއެއް ޚިޔާލެއް ހޯދުމެއް ނެތި، ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމުގެ ފަރާތުން މާތް ވެގެން ވާ މައްކާ އާއި މަދީނާ އެ ރަސްކަމުގެ ދެ ޝަހަރަށް ހަދައި، އެ ދެ ޝަހަރުގެ އެންމެހައި ކަންކަމެއް ޝާހީ ޢާއިލާގެ ވެރީން ބޭނުން ވާ ގޮތަކަށް ކުރުމުގެ ސިޔާސަތެއް ގެންގުޅެ، އެ ސިޔާސަތުގެ ދަށުން އާލް ސުޢޫދުގެ ތަޚުތުގައި އިންނަވާ ބޭފުޅަކީ "ޚާދިމުލް ޙަރަމައިނި" ކަމަށް ކަނޑައަޅައިފައި ވާތީ، ޢަބްދުﷲ ވެސް ރަސްކަމަށް އިސް ވީއްސުރެ، އަވަހާރަ ވާންދެން ހުންނެވީ މި ލަޤަބާ އެކުގައެވެ. މި ލަޤަބާ އެކު، އިންތިހާ ދަރަޖައިގެ މުއްސަނދިކަން ވެސް ހޯއްދަވައިގެން ހުންނެވި ޢަބްދުﷲ ރަސްކަމުގައި ހުންނެވި އިރު، އެމަނިކުފާނާ މުޚާތަބު ކޮށް "ޔުއަރ މެޖަސްޓީ" މި ޢިބާރާތް ކިޔުމާއި، އެމަނިކުފާނުގެ އަތްތިލަފުޅުގައި ބޮސްދިނުން މަނާ ކުރެއްވިއެވެ. އެއް ބަޔަކު ދެކޭ ގޮތުގައި، މިއީ އެމަނިކުފާނުގެ ތަވާޟުޢުވެރިކަމެވެ.

އަވަހާރަ ވުން
ފުލުފުލުގައި ސިގިރޭޓު ބައްލަވާ މަލިކު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒުގެ ސިއްހީ ހާލުކޮޅު އާދައިގެ ހާލަތަށް ވުރެ ވެސް ދަށް ވެ، އެމަނިކުފާނު ރިޔާޟް ހަސްފަތާލުގައި އެނދުމަތި ކުރެވުނީ މިދިޔަ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުއެވެ. 23 ޖަނަވަރީގައި އެމަނިކުފާނު އަވަހާރަ ވި ކަން އިޢުލާން ކުރީ ޝާހީ ދަރުބާރުން، ސަޢޫދީގެ ރަސްމީ ޓީވީ މެދުވެރިކޮށް ނެރުނު ބަޔާނަކުންނެވެ. އެ ބަޔާނުގައި، ރަސްގެފާނުގެ އާލާސްކަންފުޅަކީ، އަދި އަވަހާރަ ވި ސިއްހީ ސަބަބަކީ ކޮބައިކަމެއް ބަޔާން ކޮށްފައެއް ނުވެއެވެ. ނަމަވެސް ސަޢޫދީ ޕްރެސް އޭޖެންސީން ބުނި ގޮތުގައި، ރަސްގެފާނުގެ މަރުއާލާސްކަންފުޅަކީ ފުއްޕާމޭގެ އިންފެކްޝަނެކެވެ.

ޢަބްދުﷲ ރަސްގެފާނު، އެކި ފަހަރުފަހަރު މަތީން ތިރީހަކަށް އަންހެން ބޭފުޅުންނާ ކައިވަނި ކުރެއްވިއެވެ. ގިނަ ރިޕޯޓުތަކުގައި ބުނާ ގޮތުގައި، އެމަނިކުފާނަށް ލިބިވަޑައިގަތީ، 15 ފިރިހެން ބޭފުޅުންނާއި 20 އަންހެން ބޭފުޅުންނެވެ.

ސަޢޫދީގެ ރަސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން، ސަޢޫދީގެ ރައްޔިތުންގެ ތެރޭގައި އެންމެ މަޤްބޫލު އެއް ބޭފުޅެއްގެ މަޤާމު ހޯއްދެވި ޢަބްދުﷲ އަވަހާރަ ވުމަށް ފަހު، ރަސްކަމަށް ވަޑައިގަތީ އެމަނިކުފާނުގެ ކޮއްކޯފުޅު ސަލްމާން ބިން ޢަބްދުލްޢަޒީޒެވެ. އެއްވެސް ހަމަނުޖެހުމަކަށް ވަގުތު ނުދެއްވައި، ޢަބްދުﷲ އަވަހާރަ ވުމާ އެކު، ސަލްމާން ވަނީ ޓީވީ މެދުވެރި ކުރައްވައި އެމަނިކުފާނު ރަސްކަމަށް އިސް ވެވަޑައިގަތް ކަން އިޢުލާން ކުރައްވައިފައެވެ.

ޢަބްދުﷲ އަވަހާރަ ވުމުން، އާލްސަޢޫދުގެ ދޮންބައްޕަ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ ރަސްމީކޮށް ހިތާމަ ފައުޅު ކުރެއްވުމުގެ ބަޔާނެއް ނެރުއްވައިފައެވެ. "ގިނަގުނަ ތަޙައްދީތަކަކާ ކުރިމަތި ލުމުގައި އަޅުގަނޑުމެންގެ ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަމުން ގެންދިޔުމުގައި، އަޅުގަނޑު އަބަދުވެސް ޢަބްދުﷲ ގެ ޚިޔާލުފުޅުގެ އަގު ވަރަށް ބޮޑަށް ވަޒަން ކުރިން، އަދި އަޅުގަނޑުމެންގެ ދެމެދުގައި އޮތް އިޚްލާޞްތެރި، ބަދަހި ގުޅުމުގެ މުހިއްމުކަން އަބަދުވެސް ހިތުގެ އެންމެ ފުންމިނުން އިޙްސާސް ކުރިން. ލީޑަރެއްގެ ހައިސިއްޔަތުން، ޢަބްދުﷲ އަކީ އަބަދުވެސް ވަރަށް ތެދުވެރި، އަދި އެމަނިކުފާނަށް ޤަބޫލު ކުރެއްވޭ ޙައްޤު ގޮތް ހިތްވަރާ އެކު ބަޔާން ކުރައްވައި އެ ގޮތުގައި ކުރިޔަށް ވަޑައިގަންނަވާ ބޭފުޅެއް." އެ ބަޔާނުގައި ވެއެވެ.