26 Jan 2015, 15:00
އިންޑިއާގެ ގާނޫނު އަސާސީއަށް 65 އަހަރު ފުރޭ އެގައުމުގެ 66 ވަނަ ޖުމްހޫރީ ދުވަހުގެ ރަސްމީ ޕެރޭޑް ވެރިރަށް ނިއުދިއްލީގައި މިއަދު ހެނދުނު އޮތެވެ. އެ ޕެރޭޑް ބައްލަވައިލައްވަން އިންނެވި، އެންމެ ޚާއްސަ ބޭފުޅަކަށް މިއަދުވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއެއް ނޫނެވެ. އަދި އެއީ އެގައުމުގެ ރައީސް ޕްރަނާބް މުކަރްޖީއެއް ވެސް ނޫނެވެ. ނަމަވެސް އެތައް ހާސް މޭލެއްގެ ދުރުން ދުނިޔޭގެ އަނެއް ފަރާތުން ވަޑައިގެން އިންނެވި އެމެރިކާގެ ރައީސް ބަރަކް އޮބާމާއެވެ.
ރައީސް އޮބާމާ އިންޑިއާ އަށް ވަޑައިގެންނެވީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ އިހުތިފާލްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ބޮޑުވަޒީރު މޯދީ ދެއްވި ދައުވަތަކަށެވެ. ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އަސްކަރީ ގުޅުން ބަދަހިކޮށް، އެއްބަސްވުންތައް ގާއިމްކުރުމަކީ ވެސް ދަތުރުފުޅުގެ ބޭނުމެކެވެ.
ޖުމްހޫރީ ދުވަހުގެ ޕެރޭޑް ބައްލަވައިލައްވަން މޯދީގެ ވަައަތްފަރާތުގައި އިށީނދެވަޑައިގެން އޮބާމާ އިންނެވި އިރު އޭނާ އިންނެވީ އެމަންޒަރުތަކާ ވަރަށް ހިތްޕުޅާ ހަމަކުރައްވައިގެން ކަމަށް ފެނުނެވެ. ކޮންމެވެސް ވަރަކަށް ވެހެމުން ދިޔަ ވާރެއާއި އެކުގައި ވެސް އޮބާމާ އިންނެވީ އެކަމުގެ ތެރެއަށް ވެދެވަޑައިގެންނެވެ. ޗެވިން ގަމް ހައްޕަވަމުން މޯދީއާ ވާހަކަފުޅު ދައްކަވަމުން ގެންދެވި އެވެ.
ނަމަވެސް އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުޅި ޕެރޭޑާއި ރައީސް އޮބާމާ އާއި ވަރަށް ބޮޑަށް ނުގުޅޭ ކަމެއް ސިޔާސީ މާހިރުން އެތަނުން ފާހަގަ ކުރައްވަ އެވެ. އެކަމަކީ މުޅި ޕެރޭޑްގައި އިންޑިއާ އިން ބޭނުންކޮށްފައިވާ ބަރު ހަތިޔާރާއި އުޅަނދު ފަހަރުގެ ބޮޑު ބަޔަކީ އެމެރިކާގެ ހަތުރެއް ކަމަށްވާ ރަޝާގެ އުފެއްދުންތަކަށް ވުމެވެ.
އޮބާމާއާއި މޯދީގެ އިސްތަށިފުޅާއި ދިމާ މަތީގައި އުދުހެމުން ދިޔަ ހެލިކޮޕްޓަރުތަކަކީ ރަޝާގައި އުފައްދާފައިވާ އެމްއައި-35 މަރުކާގެ ހެލިކޮޕްޓަރުތަކެކެވެ. ކުފިފުޅުމަތިން ހުރަސްކޮށް ދިޔަ ޓޭންކްތަކަކީ ރަޝާގައި އުފައްދާފައިވާ ޓީ-90 މަރުކާގެ ޓޭންކްތަކެކެވެ.
އެކަންކަމުން ދައްކުވައިދެނީ ޖުމްހޫރީ ދުވަހުގެ އިހުތިފާލްތަކުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ބަރަކް އޮބާމާ އިންނެވިކަމަށް ވިޔަސް ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން އިންޑިއާއާއި ރަޝާއާ ދެމެދު އުފެދިފައިވާ ގުޅުން އަދިވެސް ވަރުގަދަ ކަމެވެ.
ގިނަ އަދަދަކަށް ހަތިޔާރު އުފައްދައި ވިއްކަމުން އަންނަ އެމެރިކާ އަށް އިންޑިއާ އަކީ އެގޮތުން ވަރަށް މުހިއްމު ގައުމެކެވެ. އިންޑިއާ އަށް އަދިވެސް ގިނަ އަދަދެއްގެ ހަތިޔާރު ބޭނުންވެ އެވެ. ރައީސް އޮބާމާގެ ދަތުރުފުޅުގައި އެފަދަ ބައެއް ކަންކަމަށް ދެގައުމުން ވަނީ އެއްބަސްވެފަ އެވެ. އެގޮތުން މަތިންދާބޯޓް އުފުލާ މަނަވަރާއި ތަރައްގީކުރުމުގެ ޓެކްނޮލޮޖީ އާއި ޖެޓްއިންޖީނު އުފެއްދުމުގެ ޓެކްލޮޖީގެ ދާއިރާއިން އެއްބާރުލުމަށް ވަނީ އެއްބަސްވެފަ އެވެ. (ނިއުޔޯކްޓައިމްސް)