ސަން މީޑިއާ ގްރޫޕްގެ ސަން އޮންލައިންގެ އައިފޯން އެޕްލިކޭޝަން އެޕަލް ކުންފުނިން ބަލައިގަނެ އެޕަލް "އެޕް ސްޓޯރު" ގައި ރިލީޒްކޮށް މިއަދު އާންމު ކޮށްލައިފި އެވެ.

މިއީ ރާއްޖޭގެ މިޑިޔާގައި ހަރަކާތެރިވާ މީޑިއަމެއްގެ ނުވަތަ ދިވެހި ނޫހެއްގެ ދިވެހި އެޕްލިކޭޝަނެއް އެޕަލް އެޕްސްޓޯރުގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.

ސަންއޮންލައިންގެ ކޮންސަލްޓަންޓް އަދި ސަން އޮންލައި ނޫސް ތަރައްގީ ކުރަން އެހީވެދޭ ކޮންސަލްޓަންސީފާމް، ސެމިކޯލަންގެ ކްރިއޭޓިވް ޑައިރެކްޓަރު ނަސްރުﷲ އަދުނާން (ނައްޓު) މިއަދު ވިދާޅުވީ އައިފޯނަށް އަމާޒުކޮށްފައިވާ "ސަން އައިފޯން އެޕްލިކޭޝަން" ފަރުމާ ކުރުމަށް ފަހު އެޕަލް ކުންފުނީގެ އެޕްސްޓޯރުގައި މިއަދު ރިލީޒްކޮށްލުމުން ސަން އައިފޯން އެޕްލިކޭޝަން ހިލޭ ޑައުންލޯޑްކޮށް ފަސޭހަ ކަމާއެކު އަމިއްލަ އައިފޯނުން ސަން އޮންލައިންގެ ހަބަރުތައް ކިޔައި ހަބަރާ ގުޅޭ ފޮޓޯތައް ބަލައިލެވޭނެ ކަމަށެވެ.
~
"މިއީ މި ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހި. މިފަހަރު އަޅުގަނޑުމެން ސަމާލުކަން ދިނީ ދިވެހި ނޫހެއްގެ އައިފޯން އެޕްލިކޭޝަނެއް ފުރަތަމަ ފަހަރަށް އުފައްދައި، އެޕަލް އެޕް ސްޓޯރާ ހަމައަށް ގެންދަން. ދެވަނަ ކަމަކަށް ބެލީ ފުރަތަމަ ފިޔަވަހީގަ ހަބަރާއި، ހަބަރުތަކާގުޅޭ ފޮޓޯތައް އެޕްލިކޭޝަން މެދުވެރިކޮށް ކިޔޭނެ ގޮތް ހެދުމުގެ އިތުރުން އެޕްލިކޭޝަންގެ ތެރެއިން ހަބަރާއި ފޮޓޯ ޝެއާ ކުރެވޭ ގޮތް ހެދުން. މިހާރު ހުރިހާ ހަބަރެއް ވެސް މި އެޕްލިކޭޝަންގެ ތެރެއިން އިންޓަނެޓްގެ ސޯޝަލް ނެޓްވޯކްތަކަށް ޝެއާ ކުރެވޭނެ،" ނައްޓު ވިދާޅުވި އެވެ. "ވަރަށް އަވަހަށް މީގެ އިތުރު ޑިވެލޮމެންޓްސް އަޅުގަނޑުމެން ގެންނާނަން. އޭރުން މި އެޕްލިކޭޝަން ތެރެއިން ސަން މިޑިއާ ގްރޫޕްގެ ރޭޑިއޯ، ސަންއެފްއެމް އަޑު އެހޭނެ. ހަބަރުތަކަށް ކޮމެންޓް ކުރެވޭނެ ފޮޓޯއާއި ވީޑިއޯ ގެލެރީތައް، އަދި އެނޫން ވެސް ތަފާތު އާ ފީޗާތައް ހިމެނިގެންދާނެ،"

ނައްޓު ވިދާޅުވީ ސަން އައިފޯން އެޕްލިކޭޝަން މިއަދު ރިލީޒް ކުރިތާ ކުޑައިރިކޮޅެއްގެ ތެރޭ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ ދިވެހިން "ސަންޑޮޓްއެމްވީ" އައިފޯން އެޕްލިކޭޝަން ޑައުންލޯޑްކޮށް ހިދުމަތް ހޯދަން ފަށާފައިވާ ކަމަށާއި މާލޭގައި މި އެޕްލިކޭޝަން ރަސްމީކޮށް ތައާރަފު ކުރުމަށް ހަފުލާއެއް ބާއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ސަންއޮންލައިން ތަރައްގީ ކުރަމުން މިދަނީ މަޑުމަޑުން ފަހަރަކު ފިޔަވަޅެއް އަޅަމުން. ހަމައެއާއެކު މީޑިއާގެ އާ ކަންކަން ތައާރަފު ކުރުމުގެ ތެރެއިން. އެ ގޮތުން މިދިޔަ ހަފުތާގައި ވެސް އަޅުގަނޑުމެން ވާނެ މިހާރު ދުނިޔޭގެ އޮންލައިން ނޫސްތަކުގައި އެންމެ މަގްބޫލް އެއް ޓްރެންޑް ކަމަށްވާ ލައިވް ބްލޮގް ތައާރަފުކޮށްފައި. އަޅުގަނޑުމެންގެ ލައިވް ބްލޮގުން ބޮޑެތި ހާދިސާތަކާއި މުޒާހަރާތަކުގެ ވަގުތުގައި މަންޒަރާއި އަޑާއި ފޮޓޯ އާއި ވީޑިއޯ އާއި މެޕްތައް މިހާރު ފެންނާނެ،" ނައްޓު ވިދާޅުވި އެވެ.

ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރު ވިދާޅުވީ ސަން އޮންލައިނަށް އައިފޯން އެޕްލިކެޝަން ތަޢާރަފު ވެގެން އައުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކިޔުންތެރިންގެ ވިސްނުމާ ބޭނުންތަކާ އެއްގޮތަށް ނޫސް ތަރައްގީ ކުރުމަށް އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެ ގޮތުން ޒަމާނީ ބަދަލުތައް އަބަދުވެސް ސަން އޮންލައިނުން ފެންނަމުން ދާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަންގެ އޮންލައިންގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ ސަންގެ އައިފޯން އެޕްލިކޭޝަން މާލޭގައި ރަސްމީކޮށް ތައާރަފުކުރުން މިމަހުގެ ތެރޭގައި ބާއްވާނެ ކަމަށެވެ.

ޖޫން 16، 2010 ގައި ރަޖިސްޓްރީކޮށް ނެރެމުން އަންނަ ސަން އޮން ލައިން ވަނީ މިދިއަ މަހު އެ ނޫހުގެ ވެބްސާވިސްގެ އާ ފަރުމާވެސް ލޯންޗްކޮށްފަ އެވެ.

ސަން އޮންލައިން އައިފޯން އެޕްލިކޭޝަން : ޑައުންލޯޑް ކުރައްވާ