26 Jan 2015, 14:05
ކަސްޓަމްސް ގެ މަސައްކަތްތައް އަވަސްކޮށް ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ޚިދުމަތެއް ދިނުމުގެ ބޭނުމުގައި ކަސްޓަމްސް އިން މުޅިން އާ ދެ ޚިދުމަތެއް ތައާރަފުކޮށްފި އެވެ.
ބައިނަލްއަގުވާމީ ކަސްޓަމްސް ދުވަހުގެ މުނާސަބަތުގައި މިއަދު ކަސްޓަމްސް ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލަށް ތައާރަފުކޮށްފައި ވަނީ ޕްރީ އެރައިވަލް ޑިކްލަރޭޝަން ޚިދުމަތަކާއި ސިމްޕްލިފައިޑް ޑިކްލަރޭޝަންގެ ޚިދުމަތެވެ. އަލަށް ތައާރަފުކުރި އެ ދެ ޚިދުމަތުގެ ދަށުން ރާއްޖެއަށް މުދާ އައުމުގެ ކުރިން މުދަލުގެ ޑިކްލަރޭޝަން ނިންމާލެވުމާއި އަމިއްލަ ފަރާތްތަކުގެ މުދަލުގެ ޑިކްލަރޭޝަން ފަސޭހަކަމާ އެކު ނިންމާލެވޭނެ އެވެ.
އެ ރަސްމިއްޔާތުގައި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް އަހުމަދު ޒުހޫރު ދެއްވި ބަޔާނެއްގައި ވިދާޅުވީ ޕްރީ އެރައިވަލް ޑިކްލަރޭޝަންގެ ސަބަބުން މުދާ ރާއްޖެއަށް އައުމުން މުދަލުގެ މެނިފެސްޓް ކަސްޓަމްސް އަށް ހުށަހެޅެން ދެން މުދަލުގެ ވެރިފަރާތަށް މަޑުކުރަން ނުޖެހޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން މުދާ ރާއްޖެއަށް އައުމާއެކު މުދާ ކްލިއާވެ ވިޔަފާރީގެ ޚަރަދު ކުޑަކުރެވި ވަގުތު ސަލާމަތްކުރެވޭނެ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
އޭގެ އިތުރުން ސިމްޕްލިފައިޑް ޑިކްލަރޭޝަންގެ ސަބަބުން އަމިއްލަ ފަރާތްތަކުން އަމިއްލަ ބޭނުމަށް ގެންނަ ތަކެއްޗަށް ކަސްޓަމްސް ޑިކްލަރޭޝަން ފުރަންޖެހޭ ހާލަތުގައި، ވިޔަފާރި މުދަލަށް ފުރަންޖެހޭ ޑިކްލަރޭޝަންގެ ބަދަލުގައި ސިމްޕްލިފައިޑް ޑިކްލަރޭޝަން އެއް ތައާރަފުކުރުމުން އެ ފަރާތްތަކަށް އަމިއްލައަށް ޑިކްލަރޭޝަން ފުރައި ހުށަހެޅުމުގެ ފުރިސަތުލިބޭނެ އެވެ.
"އޭގެ ސަބަބުން މިފަދަ ޑިކްލަރޭޝަންތައް ނިންމުމުގެ ސްޕީޑް އެތައް ގުނައެއް އަވަސްވެގެން ދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ހުރިހާ ޑިކްލަރޭޝަންއެއް ހުށަހަޅާތާ ތިން ގަޑިއިރުގެ ތެރޭގައި ލަސްވެގެން، 24 ގަޑިއިރު ތެރޭގައި ނިންމައިދިނުން. މި ބަދަލުގެ ސަބަބުން އޭގެ ފައިދާ ވިޔަފާރިވެރިންނަށާއި އަމިއްލަ ފަރުދުންނަށް ލިބިގެންދާނެކަމުގެ ޔަގީންކަން އަރުވަން،" ޒުހޫރު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވަނީ ކަސްޓަމްސްގެ މެރިޓް ސެޓްފިކެޓް ހާސިލްކުރި ފަރާތްތަކާއި ކަސްޓަމްސްގެ ވޯކަރުންނަށް ހިންގި ކޯހުން ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފަ އެވެ. އެފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އެވެ.