26 Jan 2015, 13:58
ފަނޑިޔާރުން ވަކިކުރި މައްސަލާގައި އެމްޑީޕީން ހުށަހެޅި ތްރީލައިން ވިޕާ އެއްގޮތަށް އަމަލުކުރުމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ މައްޗަށް ލާޒިމު ކުރެވޭނެ އެއްވެސް ޝަރުއީ އަދި ގާނޫނީ ހަމައެއް ނޯންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން އެހެން ބުނެފައި ވަނީ އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި ކަމަށް ބުނެ، މޫސާ އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރުމަށް އެ ޕާޓީން ނިންމި މައްސަލަ ހިނގައި ދިޔަ ގޮތް ބަލައި ދިނުމަށް އޭނާ އީސީ އަށް ހުށަހެޅުއްވި ސިޓީގެ ޖަވާބުގަ އެވެ.
"އެމްޑީޕީން ނެރެފައިވާ ތްރީލައިން ރެޑް ވިޕްގެ ދަށުން އަމަލުކުރުމަށް މޫސަގެ މައްޗަށް ލާޒިމު ކުރެވޭނެ އެއްވެސް ޝަރުއީ އަދި ގާނޫނީ ހަމައެއް އޮންނާނެ ކަމަކަށް ނުދެކެން،" އީސީގެ ސިޓީގައިވެ އެވެ.
މޫސަ ހުވާ ކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން މޫސާ މަނިކު އަދާކުރަން ޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް، ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ތެދުވެރިކަމާއި އަމާންނާތްތެރިކަމާ އެކު އަދާކުރުންމަތީ ދެމިހުރުމަށް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ ވިޕްލައިނާ ތަކުރާރުކޮށް ޚިލާފުވި ކަމަށް ބުނެ، މޫސާ އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އިން ނިންމި މައްސަލަ މޫސަ ވަނީ އެމްޑީޕީގެ އިސްތިއުނާފް ކޮމިޓީ އަށް ވެސް ހުށަހަޅުއްވައިފަ އެވެ. ނަމަވެސް އެ ކޮމިޓީން އެ މައްސަލަ ބެލުމަށް ފަހު ނިންމީ ފިޔަވަޅު އަޅާ ކޮމިޓީގެ ނިންމުން ރަނގަޅު ކަމަށެވެ.