26 Jan 2015, 14:00
ފީފާގެ ރައީސް ކަމަށް ފަސްވަނަ ދައުރަކަށް މި އަހަރު ކުރިމަތިލާ ފީފާގެ މިހާރުގެ ރައީސް ސެޕް ބްލެޓާ، އެނާއާ ދެކޮޅަށް އެ މަގާމަށް ކުރިމަތި ލުމަށް ޔޫރަޕްގެ ފުޓްބޯޅަ އެސޯސިއޭޝަން (ޔޫއެފާ)އަށް ގޮވާލައިފިއެވެ.
ބްލެޓާ ބުނީ އޭނާއާ ދެކޮޅަށް އެންމެ ގަދަޔަށް ފާޑު ކިޔަމުން އަންނަ ޔޫއެފާ އިން، އޭނާއާ ދެކޮޅަށް ފީފާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަނެހާ ހިތްވަރު ނެތް ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް އެ މަގާމަށް ކުރިމަތިލާން ޔޫއެފާއަށް ބްލެޓާ ގޮވާލިއިރު، އެކަން ކުރަން ނުކެރޭ ނަމަ ބްލެޓާ އެ މަގާމަށް ކުރިމަތލާން ނިންމި ނިންމުމަށް އިހުތިރާމް ކުރަން އޭނާ ވަނީ ޔޫއެފާއަށް ގޮވާލާފައެވެ.
"އަހަންނަށް އެންމެ ގަދަޔަށް ފާޑު ކިޔާ އެއް ފަރާތަކީ ޔޫއެފާކަން އަހަރެން ހިތާމަޔާއެކު ފާހަގަ ކުރަން. ފުޓްބޯޅައަކީ ޓީމު ކުޅިވަރެއް. އެހެން ކަމުން އަހަންނަށް އެހާ ގަދަޔަށް ފާޑުކިޔާ ޔޫއެފާއަށާއި އެ އިދާރާގެ އިސްވެރިންނަށް އަހަންނާ ވާދަކުރަން އަންނަން އަހަރެން ގޮވާލަން. އެކަން ކުރާނެހާ ހިތްވަރު ނެތިއްޔާ، އެ މަގާމަށް ކުރިމަތިލާން އަހަރެން ނިންމި ނިންމުމަށް އިހުތިރާމް ކުރަން ޔޫއެފާގެ ފަރާތުން އެދެން،" ބްލެޓާ ބުންޏެވެ.
ބްލެޓާ ބުނީ އޭނާ މިފަހަރު އެ މަގާމަށް ކުރިމަތިލީ ބައެއް ގައުމީ އެސޯސިއެޝަންތަކުން އޭނާގެ ފަރާތުން އެކަމަށް އެދުމުން ކަމަށެވެ. އަދި އޭނާ އެ މަގާމުގައި 2011 ވަނަ އަހަރު ފެށި މަސައްކަތް އަދިވެސް ނުނިމޭ ކަމަށާއި، އެ މަގާމަށް ފަސްވަނަ ދައުރަކަށް ކުރިމަތި ލުމަށް އޭނާ އެއްވެސް ވަރަކަށް ހާސް ނުވާކަމަށް ބްލެޓާ ބުންޏެވެ.
"ބައެއް ގައުމީ އެސޯސިއޭޝަންތަކުން އެ މަގާމަށް ކުރިމަތިލުމަށް އަހަރެންގެ ފަރާތުން އެދުނު. އެގޮތަށް އެމީހުން އެދުނީ މިފަހަރު އެ މަގާމަށް އަހަންނަށްވުރެ އެކަށީގެންވާ މީހަކު ކުރިމަތިލާފައި ނުވާތީ. އެ މަގާމުގައި އަހަރެން ފެށި މިޝަން އަދި ނުނިމޭ. 2011 ވަނަ އަހަރު ވަނީ ފީފާގެ ރިފޯމް ޕްރޮސެސްވެސް އަދި ނުނިމޭ. މި މަގާމަށް ކުރިމަތިލާއިރު ގިނަ ފާޑު ކިޔުންތަކެއް އަމާޒު ވިޔަސް އަހަރެން ފަހަތަކަށް ނުޖެހޭނަން،" ބްލެޓާ ބުންޏެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ފީފާ ހިންގަމުންދާ ގޮތާމެދު ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒު ވެފައި ވާއިރު، 2018 އާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑު ރަޝިއާ އާއި ގަތަރަށް ދިނުމުގައި ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައި ވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. 1998 ވަނަ އަހަރުން ފެށިގެން ފީފާގެ ރައީސްކަން ކުރަމުން އަންނަ ބްލެޓާ ފީފާ ހިންގަމުން ދާގޮތް ބަލައިނުގަންނަ ކަމަށާއި، އޭނާ އެ މަގާމުން ދުރުވާން ޖެހޭ ކަމަށް ޔޫއެފާގެ ރައީސް މައިކަލް ޕްލެޓިނީ ވަނީ ބުނެފައެވެ.
ބްލެޓާއާ ދެކޮޅަށް ފީފާގެ ރައީސްކަމަށް ކުރިމަތިލާން މިހާތަނަށް ނިންމާފައި ވަނީ އުރުދުންގެ ޕްރިންސް އަލީ ބިން ހުސައިން އާއި ފްރާންސްގެ ޖެރޯމް ޗެމްޕޭން އަދި ޓޮޓަންހެމްއަށް ކުރިން ކުޅުނު ފްރާންސްގެ ޑޭވިޑް ޖިނޯލާ އެވެ.