26 Jan 2015, 13:44
ގޭގޭގައި ޕެސްޓު މެނޭޖުކުރުމާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން ރާއްޖޭގެ ދަނޑުވެރިކަމުގައި އެހީތެރިވާ ކުންފުންޏެއް ކަމަށްވާ އެގްރޯ ސާވިސެސް އިން ސެމިނާއެއް ބާއްވައިފި އެވެ.
ސްޓެލްކޯގައި މިއަދު ފެށި އެ ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެގްރޯ އިން ވަނީ އެ ކުންފުނީގެ އިތުރު ކުންފުންޏެއް ކަމަށްވާ "ޕެސްޓާމިނޭޓާސް" ހުޅުވާފައިވެ އެވެ.
މިއަދު ހަވީރުގެ ނިޔަލަށް ކުރިއަށްދާ އެ ސެމިނާގައި ޕެސްޓް މެނޭޖުމެންޓާ ގުޅިގެން ސުވާލާއި ޖަވާބު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު އެކި ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ސެމިނާގައި މައުލޫމާތު ދޭނީ ސްރީލަންކާގެ ބައެއް ކުންފުނިތަކުންނެވެ. އެގޮތުން ސްރީލަންކާ ޕްލާންޓް ޕްރޮޓެކްޝަން އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރު އެންޔޫޕީ ޖަޔަދުންދަރާ އާއި ރެޖިސްޓާ އޮފް ޕެސްޓިސައިޑް އޮފީހުގެ ރިސާޗް އޮފިސަރު ސުމިތު ޖަޔަކޯޑީ އެވެ. މީގެ އިތުރުން ސިލޯން އެގްރޯ އިންޑަސްޓްރީސްގެ ސީނިއާ ބިޒްނަސް މެނޭޖަރު ގަމުނު ޖަޔަސުންދަރާ ވެސް އެ ސެމިނާގައި މައުލޫމާތު ދެއްވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއަދުގެ ސެމިނާގައި ޕެސްޓިސައިޑްސްއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ އިރު ޕެސްޓިސައިޑްތަކުގައި ހުންނަ ކެމިކަލްތަކުން ރަނގަޅު ގޮތުގައި ބޭނުންކުރާނެ ގޮތްތައް ކިޔައިދޭނެ ކަމަށް ވެސް އެ ފަރާތުން ބުންޏެވެ. އެ ހާލަތާ ގުޅޭ ގޮތަށް ޕެސްޓް ކޮންޓްރޯލް ކުރާ ކެމިކަލް ބޭނުން ކުރާނެ ގޮތްވެސް އެ ސެމިނާގައި ކިޔައިދެ އެވެ.
ސެމިނާ ފެށުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އެސޯސިއޭޝަން ފޮ ކޮންސްޓްރަކްޝަން އިންޑަސްޓްރީސްގެ ރައީސް އަބްދުﷲ މުހައްމަދު ވާޙަކަފުޅު ދައްކަވަމުން ވިދާޅުވީ އެގްރޯ ސާވިސް ފުޅާ ވަމުން އައުމާ ގުޅިގެން ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް އެކަމުގެ ސަބަބުން ފައިދާ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.