ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ފްލޮރެންޓީނޯ ބަޓިސްޓާ ‏‏ގޮންޒާލޭޒް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްގައްޔޫމަށް މިއަދު އަރުއްވައިފި އެވެ.‏

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ރަސްމިއްޔާތުގައި ‏‏ފަތްކޮޅު އެރުއްވުމަށް ފަހު، ކިއުބާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ސަފީރަށް ‏‏‏ތަހުނިޔާ ވިދާޅުވި އެވެ.

މިބައްދަލުވުމުގައި ދިވެހި ރާއްޖެއާއި ކިއުބާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމާއި ‏‏މިގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ. ވަކިން ޚާއްޞަކޮށް ‏‏ޞިއްޙީ އަދި ތަޢުލީމީ ދާއިރާ އިން ދެ ގައުމުގެ ދޭތެރޭ އިތުރަށް ގުޅުން ވަރުގަދަ ‏‏ކުރެވިދާނެ ގޮތްތަކާ ‏‏ބެހޭ ގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވި ކަމަށް ރައީސް އޮފީހުން މިއަދު އާންމު ކުރި ބަޔާނުގައި ބުންޏެވެ.

‏މީގެ އިތުރަށް، ކުދި ގައުމުތަކުގެ ޙައިސިއްޔަތުންް ދިވެހި ރާއްޖެއާއި ކިއުބާއަކީ ތިމާވެށީގެ ‏‏ގޮތުންނާއި ބައިނަލްއަގްވާމީ ސިޔާސީ މަސްރަޙުގައި ވަރަށް އެއްގޮތް ގޮންޖެހުންތަކެއް ދިމާވެފައިވާ ‏ދެ ގައުމުކަން ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަަގަކުރެއްވި އެވެ. މިގޮތުން، އިންސާނީ ޙަައްގުތައް ‏‏ހިމާޔަތްކުރުމަށާއި ޖައްވު ހޫނުވުމުގެ ސަބަބުން ދިމާވެފައިވާ ތިމާވެށީގެ މައްސަލަތައް ދުނިޔޭގެ ‏‏ސަމާލުކަމަށް ގެނައުމަށް ޓަކައި ދިވެހިރާއްޖެ އިން އަދާކުރައްވާ މުހިންމު ރޯލު ފާހަގަކުރައްވައި ‏‏އެކަމަށްޓަކައި ކިއުބާގެ ސަފީރު ދިވެހި ސަރުކާރަށް ތަޢުރީފުކުރެއްވި އެވެ.‏
‏އެ ‎‏ބައްދަލުކުރެއްވުމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ‏‏‏ބައިވެރިވެވަޑައިގެންނެވި އެވެ.