26 Jan 2015, 13:22
ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ ސަރުކާރާ އިދިކޮޅު ޕާޓީތަކުން "އެއް މޭޒެއްގައި" މަޝްވަރާކުރަން ނިންމައިފި އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އިން އިސްނަގައިގެން ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ، ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރުމަށް ގޮވާލި ގޮވާލުމަށް، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އިން މަޝްވަރާގެ މޭޒަށް ދިއުމަށް އެއްބަސްވެފައިވާކަމަށް އެމްޑީޕީން ބުންޏެވެ. ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ލިބިފައި ނުވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ މިއަދު ވިދާޅުވީ "އޯލް ޕާޓީ ޓޯކްސް"ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްވަރާ ބައްދަލުވުންތަކުގައި އެމްޑީޕީގެ ފަރާތުން ތަމްސީލުކުރާނެ ޓީމެއް މިހާރު ނަގާފައިވާ ކަމަށެވެ. އިމްތިޔާޒު ވިދާޅުވީ އެ މަޝްވަރާތަކުގައި އެ ޕާޓީ އިން ބައިވެރިވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ މަސްރަހު "ސަރުކާރުގެ ހުދުމުހުތާރު ސިޔާސަތުތަކުގެ ސަބަބުން ހަލަބޮލިވެފައިވާ ދަނޑިވަޅުގައި"ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެދުގައި ވާހަކަ ދައްކައިގެން ރާއްޖެ އަށް އޮތް އެންމެ ރަގަނޅު ގޮތަކީ ކޮބާތޯ ބެލުމާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ކުރެވޭނީ ކޮންކޮން ކަންކަމެއްތޯ ބެލުން ކަމަށެވެ.
ގާނޫނު އަސާސީގެ ދިފާއުގައި މަސައްކަތް ކުރުމަށް ކަމަށް ބުނެ އިދިކޮޅު ޕާޓީތަކުން މަޝްވަރާކުރަން ނިންމުމާ ގުޅިގެން، ޕީޕީއެމްގެ ފޮނަދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު 'ސަން' އަށް ވިދާޅުވީ ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ މަޝްވަރާކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށާއި ގަނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ސަރުކާރުން ނުކުރާ ކަމަށެވެ. އަދި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ބުނެ، "ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރީގެ ރައީސް ނަޝީދުގެ ފަހަތްޕުޅުން ނިކުންނަވާތީ ހިނި" އަންނަ ކަމަށެވެ.
"ނަޝީދުގެ ސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް މަސައްކަތް ކުރުމުން، ޕީޕީއެމްއާ އެކު ނިކުމެ އެންމެ ކުރީސަފުގައި ހުރީ ގާސިމް، ނަޝީދު އިސްތިއުފާ ދެއްވި ދުވަހު އެކަމާ އެންމެ އުފާކުރެއްވީ ވެސް ގާސިމް، އަނެއްކާ މިހާރު ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކަމަށް ބުނެ ނަޝީދުގެ ފަހަތުން ގާސިމް ވަޑައިގަންނަވާތީ ހިނި އާދޭ،" އަބްދުރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕާޓީތަކުގެ މެދުގައި ކުރަން ނިންމާފައިވާ މަޝްވަރާގައި ބައިވެރިވުމުގެ ދައުވަތު، ޕީޕީއެމް އަށް ނުލިބޭ ކަމަށާއި ދައުވަތު ލިބިއްޖެ ނަމަ މަޝްވަރާތަކުގައި ބައިވެރިވުމަށް ގޮތެއް ނިންމާނެ ކަމަށެވެ. އޯލް ޕާޓީ ޓޯކްސްގައި ޖުމްހޫރީ ޕާޓީން ބައިވެރިވާން ނިންމާފައިވާ އިރު، އެ ޕާޓީގެ ފަރާތުން ބައިވެރިވާނީ ކޮން ބައެއްކަން އަދި ނިންމާފައެއްނުވެ އެވެ.
އެމްޑީޕީގެ ފަރާތުން އޯލް ޕާޓީ ޓޯކްސް ތަމްސީލުކުރައްވާނީ އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދާއި އެ ޕާޓީގެ ޕާރލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުޙައްމަދު ސޯލިހާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙުމަދު ދީދީ އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުގެ އިތުރުން މާލޭ ސިޓީގެ މޭޔާ މުޙައްމަދު ޝިހާބު ކަމަށް އެ ޕާޓީން މިއަދު ވަނީ ބުނެފަ އެވެ.