ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގެ ސައްޚަކަމާ މެދު ސުވާލު އުފައްދައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ލަސްކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ސޮއިކުރައްވައި ހައިކޯޓަށް ފޮނުވި ސިޓީގައި ވަނީ ޝަރީއަތުގެ މިމަރުހަލާގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އިތުރަށް ވާހަކަ ދެއްކުމުގެ ކުރިން ކުރަންޖެހޭ މުހިއްމު ދިރާސާތަކެއް ހުރުމާއެކު އެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެ މައްސަލައިގެ ޝަރީއަތް އަވަސްކޮށްދިނުމަށް އެކިފަހަރުމަތިން ރައީސް ނަޝީދު އެދިވަޑައިގެންފައިވީ ނަމަވެސް މިއަދާހަމައަށް ޝަރީއަތުގެ އަޑުއެހުމެއް ނުބޭއްވި ގިނަދުވަސްތަކެއް ފާއިތުވެގެން ގޮސްފައިވާތީ، އެ މައްސަލައިގައި އަދުލުވެރި ނިޔާއެއް އެމަނިކުފާނަށް ލިބިވަޑައިގަތުމުގެ ފުރުސަތު މިހާރު ހަނިވެފައިވާކަމަށް ވެސް އެ ސިޓީގައި ވެއެވެ.

ހައިކޯޓުން އެ މައްސަލައިގެ އަޑުއެހުމެއް އެންމެފަހުން ބާއްވާފައި ވަނީ 2013 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު އެވެ.

ހައިކޯޓުން އެ މައްސަލައާ މެދު ވަކިގޮތެއް ކަނޑައެޅުމުގެ ކުރިން ހުޅުމާލޭ ކޯޓަށް ރައީސް ނަޝީދާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލައިގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ހައިކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފައެވެ. އެހެންކަމުން ރައީސް ނަޝީދުގެ ޝަރީއަތް ދެން ކުރިއަށްގެންދެވޭނީ ހައިކޯޓުން އެ މައްސަލަ ނިންމުމުންނެވެ.

އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު މިހާރު ވަނީ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުކަމަށް އައްޔަންކޮށްފަ އެވެ. އެގޮތުން އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުސައިން މަޒީދު އައްޔަން ކޮށްފައި ވަނީ ސިވިލް ކޯޓުގެ ފަނޑުޔާރު ކަމަށެވެ. އަދި ސުޖާއު އުސްމާން އައްޔަން ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށެވެ.