މިހާތަނަށް ދަރިވަރުންނަށް ލިބިފައި ނުވާ ފޮތްތަކުގެ ތެރެއިން ގްރޭޑް 1،2،3ގެ އިސްލާމާއި ދިވެހީގެ އިތުރުން ގުރުއާންގެ ފޮތްތައް ޗާޕްކޮށް އަންނަ މަހު މެދެއްހާ ހިސާބުގައި ދަރިވަރުންނާ ހަވާލުކުރެވޭ ވަރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

"ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް އިސްމާއިލް ވިދާޅުވީ އެ ތިން ގްރޭޑްގެ ތިން މާއްދާގެ ދަރިވަރުންގެ ފޮތްތަކާއި ޓީޗަރުންގެ ފޮތްތައް ޗާޕްކުރަން ޝައުގުވެރިވާ ފަރާތްތެއް ހޯދަން ހުޅުވާލުމުން ތިން ފަރާތަކުން އެކަމަށް ކުރިމަތިލާފައިވާ ކަމަށެވެ.

އެ ތިން ފަރާތުގެ ބިޑް އިވެލުއޭޝަން ކުރުން އިއްޔެ ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަޔަކާ މަސައްކަތް ހަވާލުކުރެވޭނެ ކަމަށާއި އަދި ފެބްރުއަރީ މަހުގެ މެދެއްހާ ހިސާބުގައި އެ ފޮތްތައް ކުދިންނާ ހަވާލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިއަށް އޮތް ތިން ވަރަކަށް ހަފްތާގެ ތެރޭގައި ފޮތްތައް ޗާޕް ކުރެވި އަޅުގަނޑުމެންނަށް ލިބޭނެ." އިބްރާހީމް އިސްމާއިލް ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ގްރޭޑް އެކަކުން ތިނަކަށް، އާ މަންހަޖެއް ތައާރަފްކޮށް، އެ މަންހަޖުގެ ދަށުން ބޭނުން ކުރާ ބައެއް ފޮތްތައް އަދި ވެސް ޕްރިންޓެއް ނުވެ އެވެ.

ޓެކްސްޓް ފޮތްތަކުގެ މައްސަލާގައި ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ނުނިމި ފޮތްތަކުގެ ފުރަތަމަ ދެ ބައި އެ ވުޒާރާގެ ވެބްސައިޓަށް އަޕްލޯޑްކޮށް، ސްކޫލްތައް މެދުވެރިކޮށް އެ ފިލާވަޅުތައް ދަރިވަރުންނަށާއި ޓީޗަރުންނަށް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޕްރިންޓް ކުރުމަށްދާ ހަރަދު އެ ވުޒާރާ އިން ސްކޫލްތަކަށް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗާޕުކޮށްފައިވާ އެހެން ފޮތްތަކުގެ މައްސަލަތަކެއް ވެސް އުޅޭ ކަމަށް ބެލެނެވެރިން ވަނީ ޝަކުވާކޮށްފަ އެވެ. އެ ގޮތުން އެ ފޮތްތަކުގެ ގަނޑުތައް ތުނި ކަމުން، ފޮތްތައް ވަރަށް ދެރަވަރު ކަމަށް ބުނެ، ބެލެނެވެރިން ޝަކުވާ ކުރުން ހިމެނެ އެވެ.