ހދ. ނޭކުރެންދޫގައި ޖަލު ހަދަން ހޯމް މިނިސްޓްރީ އަށް ދޫކުރި ބިމުގައި މަސައްކަތް ނުފެށި ލަސްވާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސިޒާން މިއަދު ސަން އަށް ވިދާޅުވީ އެ ރަށުގައި މީހުން ދިރިނޫޅޭ ސަރަހައްދުން 22 ހެކްޓަރުގެ ބިމެއް 2011 ވަނަ އަހަރު ސަރުކާރަށް ދޫކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެބިން ފާހަގަ ކުރުމަށް މަގެއް ހެދުން ފިޔަވައި ސަރުކާރުން މިހާތަނަށް އެބިމުގައި އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ. އަދި އޭރު ހެދި މަގު ވެސް ފާހަގަނުވާ ވަރަށް މިހާރު އެ ސަރަހައްދުގައި ގަސްތައް ހެދިފައި ހުރި ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ރުއްހެދިފައި އޮންނަ އެ ސަރަހައްދަކީ ކުރިން ވަރުވާ އަށް ރައްޔިތުންނަށް ދޫކުރަމުން ދިޔަ ބިމެއް ކަމަށެވެ. އަދި އެބިމުން އޭރު ވަރަށް ފައިދާ ވަމުން ދިޔަ ކަމަށް ވެސް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

"ކުރިން ކޮންމެ ހަފްތާއަކު ބަޔަކަށް އެބިން ވަރުވާއަށް ދޫކުރަނީ. އެތަނުން ވަރަށް ބޮޑު ފައިދާއެއް އޭރު ރައްޔިތުންނަށް ލިބޭ. އެކަމަކު މިހާރު ސަރުކާރުން އެބިން ނެގީމަ ބޭނުން މީހަކު ގޮސް އެތަނަށް ވަދެ ކާށި ހޮވާ ފަން ހޮވައިގެންދަނީ،" ކައުންސިލްގެ ރައީސް ސިޒާން ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ހޯމް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ އެބިމުގެ އަމަލީ މަސައްކަތް މިއަހަރުގެ ކޮންމެވެސް ހިސާބެއްގައި ފެށިގެންދާނެ ކަމަށެވެ. އަދި އެބިމުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބާއި ބަޖެޓްގެ މައުލޫމާތު އެނގޭނީ ހޯމް މިނިސްޓަރު އުމަރު ނަސީރު ރާއްޖެ ވަޑައިގެންނެވުމުން ކަމަށް ތަޒުމީލް ވިދާޅުވި އެވެ. މިނިސްޓަރު މިވަގުތު ހުންނެވީ ރަސްމީ ދަތުރެއްގައި ޗައިނާގަ އެވެ.