09 Feb 2011, 13:52
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް، އިންތިހާބުކޮށްފައިވާ ކައުންސިލްތައް ހިންގުމަށް ފައިސާ ހޯދުމަށްޓަކައި ސަރުކާރުގެ އިދާރާތަކުގެ ބަޖެޓުން 10 ޕަސަންޓު އުނިކޮށް، ކައުންސިލްތަކަށް އެ ފައިސާ އެއްފަރާތް ކުރުމުގެ މަސައްކަތް ފައިނޭންސް މިނިސްޓްރީން ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އަލީ އާރިފް މިއަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގޮތަށް ކައުންސިލްތައް ހިންގުމަށް ބޭނުންވާ 200 މިލިއަން ރުފިޔާ ކަނޑައަޅަނީ އޮފީސްތަކުގެ ޕްރޮގްރާމްތަކުގެ ބަޖެޓުން 10 ޕަސެންޓް އުނިކޮށްގެން ކަމަށެވެ. އަދި ވިދާޅުވީ މި ހަފުތާ ނިމުމުގެ ކުރިން ހުރިހާ އޮފީސްތަކެއްގެ ބަޖެޓުން ވެސް އެ ފައިސާ އުނިކޮށް ނިމޭނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ]ފައިސާ[ އުނިކުރުމުން މިދަނީ ފަހަރަކުން އޮފީހަކުން. ދުއިސައްތަ އެތައް އޮފީހެއް އެބައޮވޭ. އެހެންވެ ފަހަރަކު އޮފީހަކުން މި އުނިކުރަނީ،" އާރިފް ވިދާޅުވި އެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓް ފައިނޭންސް މިނިސްޓްރީން އަންދާޒާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިރު ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިންގުމަށް ބަޖެޓްގައި ފައިސާ ހިމަނާފައެއް ނުވެ އެވެ.
ފިނޭންސް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު މަހުމޫދު ރާޒީ ސޮއިކުރައްވައި ނެރުއްވި ސާކިއުލާއެއްގައި ބުނެފައި ވަނީ، ކައުންސިލްތައް ހިންގުމަށް 200 މިލިއަން ރުފިޔާ ރީއެލޮކޭޓްކުރަން ނިންމާފައި ވަނީ ކައުންސިލްތަކުންދޭ ހިދުމަތްތައް ދިނުމަށް ކަމަށެވެ. އަދި އެގޮތަށް ނިންމީ ހަރަދު ކޮންޓްރޯލްކުރުމުގެ ގޮތުން ކަމަށްވެސް ސާކިއުލާގައި ވެއެވެ.
ކައުންސިލްތަކަށް ދިނުމަށް ހަމަޖައްސައިފައިވާ 200 މިލިއަން ރުފިޔާގެ ތެރެއިން 140 މިލިއަން ރުފިޔާ ބަހާނީ ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށެވެ. އަދި 60 މިލިއަން ރުފިޔާ ދިނުމަށް ކަނޑައަޅާފައި ވަނީ އަތޮޅު ކައުންސިލްތަކަށެވެ.
އޮފީސްތަކުގެ ޕްރޮގްރާމް ބަޖެޓުން އެއްފަރާތް ކުރި 200 މިލިއަން ރުފިޔާއަކީ ކައުންސިލަރުންގެ މުސާރަ ނުހިމަނައި ކަނޑައަޅާފައިވާ އަދަދެކެވެ.